Advertisement

މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނީގެ ހުރީ 51 ބިލިއަން ރުފިޔާގައި: އަމީރު

21 ފެބުރުވަރީ 2024 - 11:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ: އަދަދު / އަބްދުﷲ އިޔާން


މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނީގެ ހުރީ 51 ބިލިއަން ރުފިޔާގައި: އަމީރު

21 ފެބުރުވަރީ 2024 - 11:37 0

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރު ދައުލަތުގެ ބޭރުގެ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުން ސޮވެރިންގް ގެރެންޓީ ދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ކަމަށެވެ.

ސަރުކާރުތައް ބަދަލުވިޔަސް ގައުމު ނުހުއްޓި ކުރިޔަށް ދާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ ހުރި ކަމަށާއި، އޭރުގެ ސަރުކާރުން (ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން) ކުރިއަށް ދިޔައީ އެ ވާހަކަ ނުދައްކައި ކަމަށެވެ.

އަމީރު މިހެން ވިދާޅުވެފައި މިވަނީ ކުރީ ސަރުކާރުގެ ވެރިކަން ނިމިގެންދިޔަ އިރު ރާއްޖޭގެ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާގައި ހުރި ކަމަށް އިއްޔެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ.

ގދ.ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ވެރިކަން ނިމިގެންދިޔަ އިރު ބޭރުގެ ދަރަނިތައް ނުހިމަނައި ސަރުކާރުގެ ކުންފުނިތަކުން އާންމު ރައްޔިތުންގެ ކުދި ކުދި ކުންފުނިތައް ލައްވައި ކުރުވި މަސައްކަތްތަކަށް ދޭން ހުރި ފައިސާގެ އަދަދު ނުވަ ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު މީގެ ކުރިން ވިދާޅުވީ، ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު ނުވަ ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިގޮތުން ރައީސް މުއިއްޒު ޖެއްސެވި ހިސާބާއި މިނިސްޓަރު ސައީދު ޖެއްސެވި ހިސާބުގައި ދެ ބިލިއަން ރުފިޔާގެ ފުށުއެރުމެއް ހުރިކަން ވަނީ ހާމަވެފަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނިވެރި ހާލަތު ގަބޫލު ކުރައްވާ ކަމަށާއި، ހާލަތުގެ ހަގީގަތް އޮޅުވާލައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރަށްރަށުގައި "ކަޑަނުޖަހާނެ" ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.