Advertisement

ފައިސާ ޗާޕުކުރުމަކީ ބޭނުންވިޔަސް، ހާއްސަ ހާލަތްތަކެއްގައި އެކަނި ކުރެވޭ ކަމެއް

18 އޭޕްރީލް 2024 - 07:19 1

އަމަން ހަލީމް

އަމަން ހަލީމް


ފައިސާ ޗާޕުކުރުމަކީ ބޭނުންވިޔަސް، ހާއްސަ ހާލަތްތަކެއްގައި އެކަނި ކުރެވޭ ކަމެއް

18 އޭޕްރީލް 2024 - 07:19 1

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުއަޑުން ދައްކަވާ އެއް ވާހަކައަކީ، އެމަނިކުފާނުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓައިލި ވާހަކަ އެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ އަޅުގަނޑުމެން ގެނައި އިގުތިސޯދީ އެޖެންޑާގެ އެންމެ މުހިންމު ކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން. އެކަން ވާނީ ހުއްޓާލާފައި ވައުދު ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެ އޮތީ ކޮށްފައި،" ހިޔާ ސަރަހައްދުގައި މިފަހުން ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ތެދެކެވެ. މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލައިފި އެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއް ފަހަރު ޝާއިއުކުރަމުން އަންނަ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި ހުސްވި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކަައުންޓުން ދަރަންޏަށް ފައިސާ ނަގާފައިވާ މިންވަރު ސުމަކަށް ތިރިކޮށްފި އެވެ.

އެކަމަކު، މިއީ އޭރެއްގައި އޮންނަ ސަރުކާރަކުން ގެންގުޅޭ ސިޔާސަތަކުން ކުރެވޭ ކަމެއް ގޮތަށް ދޭހަވާ މޭރުމަކުން ސަރުކާރުން ދައްކަނީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ. މިއީ ގާނޫނެއްގައި ބަޔާންކޮށްފައިވާ ވަރަށް ހާއްސަ ހާލަތްތަކެއްގައި އެކަނި ކުރެވޭ ކަމެކެވެ.

ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ފައިސާ ޗާޕުކުރުން

ފައިސާ ޗާޕުކުރުމަކީ ސެންޓްރަލް ބޭންކުގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓުން ދަރަންޏަށް ފައިސާ ނެގުމަށް ނުވަތަ އޯވާޑްރޯކުރުމަށް އާންމުކޮށް ކިޔައި އުޅޭ ނަމެކެވެ. މިއީ އޭރެއްގައި އޮންނަ ސަރުކާރަކުން ގެންގުޅޭ ސިޔާސަތަކަށް ބިނާކޮށް ކުރެވޭ ކަމެއް ނޫނެވެ. އަދި މިކަމަކީ ހަރަދަށް ޒިންމާވުމުގެ ގާނުނުން ވަރަށް ބޮޑަށް ލިމިޓުކޮށްފައި އޮންނަ ކަމެކެވެ.

މީގެ 10 އަހަރު ކުރިން، 2013 ގައި، އަމަލުކުރަން ފެށި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަކީ ގިނަ އަހަރުތަކެއްގެ މަސައްކަތަށް ފަހު، ވަރަށް މުހިންމު މަގުސަދެއްގައި ވުޖޫދުކުރެވުނު ގާނޫނެކެވެ. އެ ގާނޫނުގެ ތައާރަފުގައި ލިޔެފައިވާ އިބާރާތުން އެ މަގުސަދާއި އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ ނަތީޖާ ވަރަށް ސާފެވެ.

"މިއީ، ދައުލަތުގެ ފިސްކަލް ޕޮލިސީ ޒިންމާދާރު ގޮތެއްގައި، އަދި ދެމެހެއްޓެނިވި އުސޫލަކުން ހިފެހެއްޓުމާއި، ފިސްކަލް ކަންކަން ހިންގަނީ ޖަވާބުދާރީވަނިވި، ދެ ފުށް ފެންނަ ގޮތެއްގައިކަން ކަށަވަރުކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު" އެ ގާނޫނުގައިވެ އެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ހުރިހާ މުއައްސަސާއަކުން އެއްވެސް އިސްތިސްނާއެއް ނެތި ތަބާވާން ޖެހެ އެވެ. މި ބުނާ ހަމަތަކާއި އުސޫލުތަކުން އިސްތިސްނާ ލިބޭނެ ހާލަތާއި އެ ހާލަތު މެދުވެރިވެއްޖެ ކަމަށް ކަނޑައަޅާނެ މިންގަނޑާއި އެކަން ކުރާނެ ގޮތް ވެސް ހަމަ އެ ގާނޫނުގައި ލިޔެފައިވެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ


(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާ ވާނީ، ހަމައެކަނި އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. (1) ގުދުރަތީ ކާރިސާއެއް މެދުވެރިވުން؛ (2) އިގުތިސޯދަށް ބޮޑު ހީނަރުކަމެއް ދިމާވުން. (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގުދުރަތީ ކާރިސާއެއް ކަމުގައި ބަލާނީ، ގުދުރަތީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުން ދިވެހިރާއްޖޭގެ އާބާދީގެ %15 (ފަނަރަ އިންސައްތަ) މީހުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބޭ ބާވަތުގެ ކާރިސާއަށެވެ. (ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އިގުތިސޯދަށް ދިމާވާ ބޮޑު ހީނަރުކަމެއް ކަމަށް ބަލާނީ، ތިރީގައި މިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހެވެ. (1) ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރު ވިދިވިދިގެން 2 ކުއާޓަރުގައި 0 (ސުމެއް) އިންސައްތައަށް ވުރެ ދަށްވުން. (2) އިންފްލޭޝަން ރޭޓް އަދި އަންއެންޕްލޯއިމަންޓް ރޭޓް. (3) ފައިނޭންޝިއަލް ނުވަތަ ސިސްޓަމިކް ބޭންކިން ކްރައިސިސްއެއް ކުރިމަތިވުން. (4) ބެލެންސް އޮފް ޕޭމަންޓް ކްރައިސިސްއެއް ކުރިމަތިވުން. (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު، އެ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާވާނެ އެވެ.

މި އިސްތިސްނާތައް ދެވެނީ ދެ ހާލަތެއްގަ އެވެ. އެއީ އާބާދީގެ ބޮޑު ބަޔަކަށް އަސަރުކުރާ ވަރުގެ ގުދުރަތީ ކާރިސާއެއް ދިމާވުން ނުވަތަ އިގުތިސޯދީ ބޮޑު ހީނަރުކަމެއް ލައިގަތުމެވެ. މި ނޫން އެއްވެސް ހާލަތެއްގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެއްވެސް މާއްދާއަކަށް އަމަލުކުރުމުން އިސްތިސްނާވާކަށް ގާނޫނު ތަން ނުދެ އެވެ.

މިކަން ކުރަން ގާނޫނުގައި ދައްކާ މަގަކީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަޖިލީހުން ހުއްދަ ދޭ މުއްދަތަކަށް އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާއެއް ހޯދުމެވެ.

ފައިސާ ޗާޕުކުރަން މަޖިލީހަށް ހުށަހެޅުން

ފައިސާ ޗާޕުކުރުމުގެ ހުއްދައަށް އެދި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުވި ސިޓީ އިއްވީ އޭޕްރިލް 23، 2020 ގައި ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އެ ސިޓީގައި އޮތީ ކޮވިޑާ ގުޅިގެން ބޯމަތިވެފައިވާ އިގުތިސޯދީ އަދި މާލީ ފިއްތުންތަކާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ ހަމަތަކުގައި ހިފަހައްޓައިގެން ހަރަދުތައް ކުރެވެން ނެތް ކަމަށެވެ.

އެގޮތުން އަމީރު އެދިވަޑައިގަތީ މައިގަނޑު ތިން ކަމަކަށެވެ. އެއީ ދަރަންޏަށް ފައިސާ ނެގޭ މުއްދަތު އަހަރަށް އިތުރުކޮށް، ފައިސާ ނެގޭ އަދަދު ޕަސެންޓެއްގައި ލިމިޓުކޮށްފައި އޮތުން އިތުރުކޮށްދިނުމަށާއި، މިހެން ނަގާ ފައިސާ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ހަރަދުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްދިނުމަށާއި، ކޭޝްފްލޯ ހަމަޖައްސަން ނަގާ ފައިސާ އަނބުރާ ދައްކާ މުއްދަތު އިތުރުކޮށްދިނުމަށެވެ.

ސަރުކާރުގެ ހުށަހެޅުން ބިނާކުރީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން މާލިއްޔަތަށް ކުރާނެ އަސަރު ފާހަގަކޮށް މަޖިލީހަށް ހުށަހެޅި ކަރުދާހަށެވެ. މި ކަރުދާހުގައި އިގުތިސޯދަށް ކުރިމަތިވެދާނެ ފަސް ހާލަތެއް ތަސައްވުރުކޮށްފައިވެ އެވެ. އެންމެ ގޯސް ހާލަތުގައި ލަފާކުރި މުޅި އަހަރަށް ބޯޑަރު ބަންދުކޮށްފައި ބާއްވަން ޖެހި އިގުތިސޯދީ އުފެއްދުންތެރިކަން 29.7 ޕަސެންޓު ވެއްޓޭނެ ކަމަށެވެ.

މި ހާލަތްތަކުގެ ތެރެއިން ސަރުކާރުގެ ފައިނޭންސިން ހުށަހެޅުން ބިނާކުރީ މެދުމިނުގެ ހާލަތުގައި މާލިއްޔަތަށް ކުރާނެ އަސަރަށެވެ. އެގޮތުން ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް މަދުވެގެން 4.2 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ހުށަހެޅި އެވެ.

އޭޕްރިލް 2020 އިން ފެށިގެން ހަ މަސް ދުވަހަށް ބޭނުންވާ ފައިސާ އަންގައިދޭ ތާވަލު -- ޗާޓު: ފިނޭންސް މިނިސްޓްރީ


މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި، މިކަމާ ދެކޮޅަށް ވާހަކަ ދެއްކީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގެ މެންބަރުން އެކަންޏެވެ. ސަރުކާރު ތަމްސީލުކުރާ އެމްޑީޕީގެ މެންބަންނާއި ވެރިކަން ކުރާ ކޯލިޝަނުގައި އޮތް ޖޭޕީގެ މެމްބަރުންނާއި މިނިވަން މެމްބަރުން ޖުމްލަކޮށް ވާހަކަ ދެއްކީ ސަރުކާރުގެ އެދޭ ގޮތަށް އިސްތިސްނާއެއް ދޭން ތާއީދުކޮށެވެ.

އެންމެ ފަހުން މަޖިލީހުން މި ހުށަހެޅުން ފާސްވެގެން އައީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް (މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް) ހުށަހެޅުއްވި ހުށަހެޅުން، އެއީ ސަރުކާރުން އެދިފައިވާ ގޮތަށް އެ މާއްދާތަކުން އިސްތިސްނާ ކޮށްދޭން، އެމްޑީޕީ އާއި ޖޭޕީ އާއި މިނިވަން މެންބަރުން ހިމެނޭހެން 60 މެންބަރުން ދިން "ޔެސް" ވޯޓާ އެކީގަ އެވެ.

އިސްތިސްނާގެ މުއްދަތު އިތުރުކުރުން

އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭ މުއްދަތު އިތުރުކުރަން ސަރުކާރުން ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ ފުރަތަމަ އިސްތިސްނާ ފާސްކުރި މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް، ޖެހިގެން އައި އަހަރުގެ އޭޕްރީލްގަ އެވެ.

ދެވަނަ ފަހަރު މަޖިލީހުގައި މިކަން ހިނގައި ދިޔައީ ފުރަތަމަ ފަހަރު ހުށަހެޅުމުން ކަން ހިނގައިދިޔަހާ އޮމާން ކޮށެއް ނޫނެވެ. އިސްތިސްނާ މުއްދަތު އިތުރުކޮށްދޭން ދެވަނަ ފަހަރަށް ހުށަހެޅުމުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް މިކަމަށް ފުރަތަމަ ދެކޮޅު ހެދި އެވެ. ގިނައީ އެ ޕާޓީ ބައިބައިވީއިރު ދަ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންނެވެ.

މިކަމާ ދެކޮޅު ހެދި އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި މައިގަނޑަކަށް ދެއްކީ ކޮވިޑުގެ ތެރޭގައި ހަރަދު ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް، އެ ފައިސާ ހަރަދުކުރި ގޮތް ކަށަވަރުނުކޮށް، އަދި އެކަމުގައި ސަރުކާރު ޖަވާބުދާރީ ނުކޮށް ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ނުފެންނަ ވާހަކަ އެވެ.

މިކަމަށް ރައްދު ދެމުން އަމީރު މަޖިލީހުގައި ވިދާޅުވީ ބަޖެޓުން ބޭރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ހުއްދަ އިތުރުކޮށްދޭން އެދުނީ ކޮވިޑު ބަލިމަޑުކަން އެހާތަނަށް މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާތީ އާއި ކޮވިޑްގެ ކުރީގެ އިގުތިސޯދީ ހާލަތަށް ރުޖޫއަވާން އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

އެންމެ ފަހުން މި މައްސަލައިގައި ގޮތެއް ނިމުނީ ފުރަތަމަ މިކަމަށް ދެކޮޅު ހެދި އެމްޑީޕީ މެންބަރުން ބޭނުންވި ގޮތަށް ހާއްސަ ކޮމިޓީއަކަށް ހުށަހަޅައިގެންނެވެ. ކޮމިޓީ ބައްދަލުވުންތަކުގައި އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް އޮފީހުން ވެސް ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް، އޯޑީ މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން ބައެއް ކަންކަން ޝަރުތުކުރަން ހުށަހެޅި އެވެ. ނަމަވެސް ކޮމިޓީން މި ރިޕޯޓު ފާސްކުރީ އެއިން އެއްވެސް ޝަރުތެއް ނުހިމަނައި ސަރުކާރުން އެދުނު ގޮތަށެވެ.

ތިންވަނަ ފަހަރަށް މި މުއްދަތު އިތުރުކުރަން ސަރުކާރުން ހުށަހެޅީ ހަމަ އެ އަހަރުގެ ނޮވެމްބަރުގަ އެވެ. އެފަހަރު އަމީރު ފޮނުއްވެވި ސިޓީގައި އެދުނީ އިސްތިސްނާގެ މުއްދަތު 2023 ވަނަ އަހަރުގެ އަހަރުގެ އޭޕްރިލް މަހާ ހަމައަށް އިތުރުކޮށްދިނުމަށެވެ. މިފަހަރު ފޮނުއްވެވި ސިޓީގައި އަމީރު ވިދާޅުވީ، ކުރިން ވިދާޅުވި ގޮތާ ހިލާފަށް، އެހާތަނަށް ނަގާފައި ހުރި ފައިސާ ދައްކަން ދަތިވާނެ ކަަމަށާއި އޯވަޑްރޯ ކުރެވޭ މުއްދަތު އިތުރުނުކޮށް ބަޖެޓު ތަންފީޒު ކުރަން ދަތިވާނެ ކަމަށެވެ.

މި ސިޓީގައި އޮތީ އެ ހުއްދައިގެ ދަށުން އެހާތަނަށް 2.8 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފައިވާއިރު، އޭރު ލަފާކުރީ އެ އަހަރު ނިމޭއިރު އެ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ނުދެއްކޭނެތީ މިނިސްޓްރީން ހުށަހެޅީ އެ ހަތަރު މިލިއަން ރުފިޔާ 50 އަހަރުގެ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކުރަން ހުށަހަޅާފަ އެވެ.

ތިންވަނަ ފަހަރު ވެސް މި މައްސަލައިގައި އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލުގެ އިތުރުން ފިނޭންސް މިނިސްޓަރު ހާޒިރުކޮށްގެން ލަފާ ހޯދި އެވެ. މިފަހަރު ފިނޭންސުން ހުށަހެޅި ގޮތަށް ދިނުމުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީން ބައެއް ބަދަލުތައް ގެނަ އެެ. އޭގެ ތެރޭގައި އޯވާޑްރޯކުރަން ދިން މުއްދަތު އިތުރުކުރުމާއި ސެކުއިރިޓައިޒް ކުރާ މިންވަރު ކުޑަކުރުން ހިމެނެ އެވެ.

ޗާޕުކުރި ފައިސާ މިހާރު ކޮބާ، އަދި ކުރީ ކޮން އަސަރެއް؟

ފައިސާ ޗާޕުކުރުމޭ ބުނުމުގެ މާނައަކީ ކޮންމެހެން ނަގުދު ފައިސާ ޗާޕުކުރުމެއް ނޫނެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުން ހުއްދަ ދިން ދުވަހުން ފެށިގެން ހުސްވި އަހަރުގެ ޑިސެމްބަރުގައި ފައިސާ ޗާޕުކުރުން ހުއްޓާލުމާ ހަމައަށް ގާތްގަނޑަކަށް 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެ އެވެ.

އޯވާޑްރޯކޮށްފައި ހުރި މިންވަރު ބަދަލުވެެގެން އައި ގޮތަށް ބަލާއިރު، ދައުލަތަށް އާމްދަނީ ލިބެމުން ދިޔަ ވަރަކުން ދަރަންޏަށް ނަގާފައި ހުރި ފައިސާ އަނބުރާ ޕަބްލިކް އެކައުންޓަށް ލާފައިވާކަމަށް ދައްކަ އެވެ. ދަރަންޏަށް ނަގާފައި ހުރި ފައިސާ ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރީ ތިން ފަހަރެއްގެ މަތިންނެވެ. ދަރަންޏަށް ނެގި ފައިސާ ބޮންޑަކަށް ބަދަލުކުރީ:

  • ޖެނުއަރީ 2022 ގައި 2.5 ބިލިއަން ރުފިޔާ
  • ޖެނުއަރީ 2023 ގައި 4.4 ބިލިއަން ރުފިޔާ
  • ނޮވެމްބަރު 2023 ގައި ދެ ބިލިއަން ރުފިޔާ

ގިނަ އަދަދަކަށް ފައިސާ ޗާޕުކުރި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އިގުތިސޯދުގައި ދައުރުވާ ނަގުދު ފައިސާގެ މިންވަރު އެވަރަށް އިތުރުވެފައި ނުވެ އެވެ. ރެކޯޑުތަކުން ދައްކަނީ ފައިސާ ޗާޕުކުރި މުއްދަތުގައި ބޭންކުތަކަށް ނުވަދެ އިގުތިސޯދުގައި ދައުރުވަމުންދާ ފައިސާގެ އަދަދު ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ދެން އުފެދޭ ސުވާލަކީ، މި ފައިސާ ހުރީ ކޮންތާނކުތޯ އެވެ.

އެމްއެމްއޭއިން 2020-2024 އަށް ދައުލަތަށް ދީފައިވާ ލޯނާއި އެޑްވާންސް


މިކަމާ ގުޅޭގޮތުން، ނަން ނުޖަހަން ޝަރުތުކޮށް "އަދަދު" އަށް މައުލޫމާތު ދިން މާލީ ތަޖުރިބާކާރަކު ބުނީ ޗާޕު ކުރި ފައިސާ އިގުތިސޯދުގެ ތެރޭގައި ދައުރުވަމުން އަންނަ މިންވަރު ކުޑަކަމަށެވެ. އޭނާ ބުނީ މި ފައިސާގެ ބޮޑު ބަޔެއް ހުރީ އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި ބޭންކުތަކުން ބަހައްޓާފައި ކަމަށެވެ.

"މަނީ ސަޕްލައި އިތުރުވީމާއި، ބޭންކުތަކުން އޮޓޮމެޓިކަލީ އޭތި ލެންޑެއް ނުކުރޭ. އޭތި ހުންނަނީ ގޮސް އެމްއެމްއޭގެ އޯވާނައިޓް ޑިޕޮސިޓް ފެސިލިޓީގައި ބަހައްޓާފައި. ކުރިން ދެ ބިލިއަން ރުފިޔާ ހުރި އެއްޗެއް. މިހާރު އެ ހުރީ 7.2 ބިލިއަން ރުފިޔާ. މާނައަކީ މަނީ ސަޕްލައިއަށް އިތުރުވީ ފައިސާ އެހެރީ ގޮސް އެމްއެމްއޭ ތެރޭގައޭ،" އޭނާ ބުންޏެވެ.

އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީއަކީ މިއީ ބޭންކުތަކަށް އިންޓްރެސްޓު އާމްދަނީ ލިބޭ ގޮތަށް ޖެހިގެން އަންނަ ދުވަހު ވެސް ނެގޭ ގޮތަށް ބަހައްޓާފައި ހުންނަ ފައިސާ އެވެ. އެމްއެމްއޭގެ މި ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ.

ކޮވިޑުގެ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އިގުތިސޯދީ ހަކަތަ ހިފެހެއްޓުމުގެ މަގުސަދުގައި ފައިސާ ޗާޕުކޮށް، އިގުތިސޯދުގެ ތެރެއަށް ފައިސާ ޕަމްޕުކުރި އެވެ. މީގެ ސަބަބުން އެކި ގައުމުތަކުގައި ކަންކަން ވީ އެކި ގޮތަށެވެ. ރާއްޖޭގައި ވެސް އެންމެ ފުރަތަމަ ހީކުރީ އެކްސްޗޭންޖް ރޭޓަށް ވަރަށް ބޮޑަށް އަސަރުކޮށް، ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށެވެ.

އެމްއެއޭއަށް އަދާކުރަން ޖެހޭ ޓްރެޝަރީ ބޮންޑު 2020-2024 އަށް


އެހެން ނަމަވެސް އަތުފަތު ނުޖެހޭ ހިސާބަކަށް އެއްވެސް އެއްޗެއްގެ އަގު އުފުލި، ޑޮލަރުގެ ބޮޑު ތާށިކަމަކަށް ރާއްޖޭގައި ނުދެ އެވެ. ކުރިން ވާހަކަ ދެއްކީ ތަޖުރިބާކާރު ބުނީ ފުރަތަމަ ހީކުރި ވަރުގެ އަސަރެއް ނުކުރީ ފައިސާ ޗާޕުކުރުމަށް ވުރެ ބޮޑަށް ޓޫރިސްޓުން އަންނަ އަދަދާއި އިމްޕޯޓަށް އޮންނަ ޑިމާންޑުގެ ޕްރެޝަރުން ޑޮލަރުގެ އަގަށް ކުރާ އަސަރު ބޮޑުވީމަ އެވެ.

ފައިސާ ޗާޕުކުރުން ހުއްޓައިލި ފަހުން ކަޅު ބާޒާރުގައި ޑޮލަރު ރޭޓަށް އައިސްފައިވާއިރު ބަދަލުތަކަށް ބަލާއިރު، މި އަހަރު ފެށުނީއްސުރެން މިއަދާ ހަމައަށް ޑޮލަރު ރޭޓު 17ރ. އަށް ވުރެ ދަށަށް ނުދެ އެވެ. އާންމުކޮށް ހުންނަނީ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. އަށް ވުރެ ދޮޅު ރުފިޔާ މަތީގަ އެވެ. ރޭޓަށް ބަދަލެއް ނައި ނަމަވެސް ސަރުކާރުގެ ނިންމުމާއެކީ ޑޮލަރު ތިޔާގިކަމަށް މަނީ އެކްސްޗޭންޖުތަކުން މައުލޫމާތު ދިނެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ރަނގަޅު ނިންމުމެކެވެ. އެކަން ރާއްޖެ އާއި ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބަލައިގަނެ އެވެ. އެކަމަކު އެ ހާލަތު ނެތް ކަން ވެސް ސަރުކާރުން ގަބޫލުކުރަން ޖެހެ އެވެ.