21 ފެބުރުވަރީ 2024 - 00:57 0
ލީވާން އަލީ ނާސިރު
ކޫއްޑޫގައި މިއަދު މަސްވެރިން މުޒާހަރާކުރަނީ. -- ފޮޓޯ: އާއިދު/ އަދަދު
21 ފެބުރުވަރީ 2024 - 00:57 0
ލިބެންޖެހޭ ފައިސާ ހޯދަން މަސްވެރިން މުޒާހަރާ ކުރަމުން ގެންދާތާ ތިން ދުވަސް ވެފައި ވާއިރު، ފައިސާ ދެވެން ހުރި މިންވަރަކަށް ފައިސާ ދެމުންދާނެ ކަމާއި ރައްޔިތުންނަށް އެކަން އެނގެންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުގައި މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ދައްކަންޖެހިފައި ހުރި 442 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު އެތައް ސަތޭކެ މިލިއަން ރުފިޔާއެއްގެ ފައިސާ މަސްވެރިންނަށް ނުދީ ހުރި. ޖުމުލަ 442 މިލިއަން މަސްވެރިންނަށް ދޭން ހުރި ފައިސާއިން ދެވިއްޖެ. ހަމަ މަސް ބާނާ ވަރަކުން ފައިސާ ދައްކަން ޖެހޭނެކަން އެނގޭ. މިހާރު ވެސް ދޭން އެބަ އޮތް 298 މިލިއަން ރުފިޔާ. އޭގެ ތެރެއިން ވެސް ހަމަ އަޅުގަނޑުމެންނަށް ފައިސާ ދެވެން އޮތް މިންވަރަކުން ދެމުން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ މިކަންކަން އަޅުގަނޑުމެން ކުރަމުންދާކަން ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގެން ޖެހޭނެ. އަޅުގަނޑަށް ޔަގީން އެނގިވަޑައިގަންނަވާކަން."
މަސްވެރިން ކިރުވާފައިވާ މަހަށް މިހާރު ވެސް 300 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެބަ ހުއްޓެވެ. އެ ފައިސާ ދެއްކުމާމެދު މަސްވެރިންނާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ކޫއްޑޫ ފިޝަރީޒު ކޮމްޕްލެސްގައި ބަނދަރުގައި އޮތް 27 އުޅަނދުގެ މަސްވެރިން ގޮވާލާފައިވަނީ މިހާރު ލިބެން ހުރި ފައިސާ ގަނޑުކޮށް ލިބުމަށެވެ.
މިކަން މިކުރަނީ އިގުތިސާދު ކޮޅަށް ޖެހުމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިނަށް ދޭން ހުރި ފައިސާ ވެސް ދެމުންދާނީ. މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިން މިކަން ގަބޫލު ކުރެއްވުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ހުރެ ގަސްދުގައި ނުދީއެއް ނުތިބޭނެ،" ޝިޔާމް ވިދާޅުވި އެވެ.
ކުރަމުންގެންދާ އިހުތިޖާޖު ގަބޫލު ކުރެއްވޭ ކަމަށާއި ނަމަވެސް، އެކަމުން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުވެސް މި ހުރީ ތައްޔާރަށް. މިރޭ ވިޔަސް، މާދަމާ ވިޔަސް މަޝްވަރާ ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ވެސް ބާލަން މަސައްކަތް މިކުރަނީ މަޝްވަރާގެ މަތިން ކަމަށާއި ގަދަބަދަވިކަން ދައްކައިގެން ރަނގަޅަށް ކަމެއް ހާސިލު ނުވާނެކަން މިހާރު މުއިއްޒަށް އެނގިވަޑައިގަންނަވަ އެވެ.
Comment