Advertisement

ގިރާވަރުފަޅުން ލިބުނު ގޯތިތައް ގުޅިފަޅަށް ބަދަލުކުރެވިދާނެ ކަމުގެ އިޝާރާތެއް

20 ފެބުރުވަރީ 2024 - 18:53 1

އަމަން ހަލީމް

އަމަން ހަލީމް

ގިރާވަރުފަޅު ހިއްކަން ފެށި ދުވަސްވަރު މަންޒަރެއް: މިހާރު މި މަސައްކަތް އޮތީ ހާމަނުކުރާ ސަބަބަކާ ހުރެ ހުއްޓިފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ގިރާވަރުފަޅުން ލިބުނު ގޯތިތައް ގުޅިފަޅަށް ބަދަލުކުރެވިދާނެ ކަމުގެ އިޝާރާތެއް

20 ފެބުރުވަރީ 2024 - 18:53 1

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމާ މެދު ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިފަހުން ފަށައިގެން އުޅޭ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް މިހެން ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު ވަރަށް ގިނަ މީހުން އެމަނިކުފާނާ އެ ސުވާލު ކުރިމަތިކުރަމުންދާ ކަން ފާހަގަކުރަައްވަމުންނެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި ތިިކަމަށް ވަކި ގޮތެއް ނުނިންމަމޭ، ތިކަމަކީ ފުރުސަތު އޮތް ކަމެއް އަދި އެހެން ނަމަވެސް ސިޔާސަތެއް ކަނޑަނާޅަން" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅު ހިމެނޭހެން ތިން ތަނަކުން ގޯތި ދޫކޮށްފައިވާއިރު، ގިރާވަރުފަޅުން 2118 ގޯތި ދޫކޮށްފައިވެ އެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީޙުންނަށް ގުޅިފަޅުން ޖާގަ ލިބިދާނެތޯ ނުވަތަ ނުންތޯ ނިންމަވާނީ، ރައީސް ވިދާޅުވި ގޮތުގައި، އެ ދެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ނިމުމުންނެވެ. މިހާރު އެ މަސައްކަތް އޮތީ ފައިނަލް ކުރުމުގެ މަސައްކަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންމަ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައްލަވާ، އަޅުގަނޑުމެން ތިހިޔާލުފުޅަށް ތިސުވާލަށް ވަރަށް ސީރިއަސްކޮށް އެޓެންޑް ވަމުންދާ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާމުން ތިޔަށް ވަރަށް އަވަހަށް ޖަވާބެއް ދޭނަން،" އެމަނިކުފާނު ވިދާޅުވިި އެވެ.

ގުޅިފަޅަށް ގޯތިތައް ބަދަލުކުރެވޭނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވާފައިވާއިރު، ގުޅިފަޅުގައި ހިންގަން އުޅުުނު ޕޯޓު މަޝްރޫއު ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅަށް 85 ހެކްޓަރުގެ ބިން މި ސަރުކާރުން އިތުރުކޮށްފި އެވެ. ހަމައެހެންމެ ގިރާވަރުފަޅަށް ވެސް 50 ހެކްޓަރުގެ ބިން އިތުރުކުރުން ނިންމާފައިވެ އެވެ.

މި ސަރުކާރުން އިތުރުކުރަން ނިންމާފައިވާ ބިމާ އެކީ، ގުޅީފަޅުގެ ބިމުގެ ޖާގަ 303 ހެކްޓަރަށް އަދި ގިރާވަރުފަޅުގެ ބިމުގެ ޖާގަ 200 ހެކްޓަރަށް ބޮޑު ވާނެ އެެވެ. މިއީ ދެ މާލެއަށް ވުރެ ބޮޑު ސަރަހައްދެކެވެ. އޭގެ އިތުރުން މި ސަރުކާރުން އަންނަނީ ހަ މާލެ ވަރުވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އަދި ކުރީ ސަރުކާރުން ފެށި ހުޅުމާލެ ތިންވަނަ ފިޔަވަހި މަޝްރޫއު ވެސް ދަނީ ކުރިއަށެވެ.

ރައީސް މުއިއްޒު ވިދާޅުވަނީ މިހުރިހާ މަސައްކަތްތަކާއެކީ އެމަނިކުފާނުގެ ދައުރު ނިމޭއިރު މި ރާއްޖޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ ހަމަ އެންމެ ދިވެއްސަކު ވެސް ނުހުންނާނެ ކަމަށެވެ.