Advertisement

ވިނަރެސް ފްލެޓުތައް ނުވިއްކަން ނިންމުމުން ސީ ލައިފް ފްލެޓުތައް ގަތް މީހުން މަރުހަބާ ކިޔައިފި

5 މޭ 2024 - 13:56 3

އަމަން ހަލީމް

އަމަން ހަލީމް

ވިނަރެސް ފްލެޓުތައް: މިއީ މެދުފަންތީގެ އާމްދަނީއެއް ލިބޭ ފަންނީ މީހުންނަށް އަމާޒުކޮށްގެން ތަރައްގީކުރި ފްލެޓުތަކެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވިނަރެސް ފްލެޓުތައް ނުވިއްކަން ނިންމުމުން ސީ ލައިފް ފްލެޓުތައް ގަތް މީހުން މަރުހަބާ ކިޔައިފި

5 މޭ 2024 - 13:56 3

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް ވިއްކުމުގެ ވިސްނުން ދޫކޮށް، އެހެން ތަންތަނުން ފްލެޓު ގަންނަން ފައިސާ ދެއްކި ނަމަވެސް ފްލެޓު ނުލިބޭ މީހުންނަށް ދޭން ނިންމި ނިންމުމަށް ސީ ލައިފް ފްލެޓުތައް ގަތް މީހުން މިއަދު މަރުހަބާ ކިޔައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިނަރެސް ފްލެޓުތައް ނުވިއްކަން ނިންމީ، ވިނަރެހުން ނުވިކި ހުރި 123 ފްލެޓު ގަންނަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ހުރިހާ ފޯމުތަކެއް ބާތިލުކޮށްފަ އެވެ. މި ފޯމުތައް ބާތިލުކުރިއިރު، ޕޯޓަލް ޑައުންވުމާ ގުޅިގެން ބޭނުންވި އެންމެންނަށް ފޯމު ހުށަނޭޅޭ ކަމުގެ ޝަކުވާ ވެސް އޮތީ ބޮޑުވެފަ އެވެ.

"އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ،" ފޯމުތައް ބާތިލުކުރުމަށް ފަހު އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މި ނިންމުމަށް މަރުހަބާ ކިޔައި، ސީ ލައިފް ފްލެޓުތައް ގަތް މީހުންގެ ހައްގުގައި ވަކާލާތުކުރާ "ޖަސްޓިސް ފޯ ސީ ލައިފް ވިކްޓިމްސް" އިން އެކްސްގައި އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ އެޗްޑީސީގެ މި ނިންމުމަކީ، އެ ކުންފުންޏާ ސީ ލައިފް ފްލެޓުތަކުން ލަނޑު ލިބުނު މީހުންނާ އެކީ ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލާޒިމުވެގެންވާ ޒިންމާ އަދާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ސެޓްލްމަންޓް އެއްބަސްވުމަކީ، ސީ ލައިފް ފްލެޓުތައް ގަތް މީހުންގެ ފަރާތުން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓުން ބޭރުގައި، ހަމަ އެ އަހަރު ވެވުނު އެއްބަސްވުމެކެވެ. އެގޮތުން އެއްބަސްވީ ފްލެޓު ނުލިބި ގެއްލުންވެފައިވާ 203 މީހަކަށް، ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހައުސިން ސްކީމެއްގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިން ޔުނިޓެއް ދިނުމަށެވެ.

މި މުއްދަތުގެ ތެރޭގައި ފުރަތަމަ ނިމުނީ ހިޔާ ފްލެޓުތަކެވެ. އެކަމަކު ސީ ލައިފުން ގެއްލުން ލިބުނު ގިނަ މީހުން އެތަނުން ފްލެޓް ބޭނުމެއް ނުވި އެވެ. އެފަހުން ނިމުނީ ވިނަރެސް ފްލެޓުތަކެވެ. އެއީ ކުރިން ވެވުނު އެއްބަސްވުމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ނިމުނު ފްލެޓުތަކެވެ. މައްސަލަ ގޯސްވީ ސީ ލައިފުން ގެއްލުން ލިބުނު މީހުންނަށް ފްލެޓުތައް ނުދީ، ވިނަރެސް ފްލެޓުތައް ވިއްކާލަން ހުޅުވާލުމުންނެވެ.

އޭރާއި މިއަދު ނެެރުނު ބަޔާނުގައި ވެސް ސީ ލައިފް ފްލެޓުތަކުން ގެއްލުން ލިބުނު މީހުން ބުނީ މިއީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ސަރުކާރާއި އެޗްޑީސީއަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

ސީ ލައިފް ފްލެޓުން ގެއްލުން ލިބުނު މީހުން ވަނީ މިހެން އާންމުކޮށް ވިއްކާލަން ހުޅުވާލެވޭނީ ސީ ލައިފް މީހުންގެ މައްސަލަ ހައްލުކޮށްދީފައި ކަމަށް ބުނެ، މި މައްސަލަ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އެއްބަސްވުމާ ސަރުކާރާއި އެޗްޑީސީން ހިލާފުވެފައިވާ ކަމަށް ބުނެ މިދިޔަ އަހަރު އަޑުއުފުލާފައިވެ އެވެ.