Advertisement

މަސްވެރިންގެ އާމްދަނީ ހުއްޓިފައިވާއިރު މަގާމު އުފައްދައި ޕްރޮޖެކްޓުތައް ފެށުން ބަލައިނުގަންނަން: އެމްޑީޕީ

20 ފެބުރުވަރީ 2024 - 17:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޫއްޑޫގައި ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ފައިސާ ދިނުމަށް ގޮވާލައި އަޑުއުފުލަނީ. ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާއިރު މަސްވެރިން ބުނަނީ ފައިސާ ނުދެނީސް އެ ރަށުން ނުފައިބާނެ ކަމަށް --- ފޮޓޯ: އަހްމަދު އާއިދު


މަސްވެރިންގެ އާމްދަނީ ހުއްޓިފައިވާއިރު މަގާމު އުފައްދައި ޕްރޮޖެކްޓުތައް ފެށުން ބަލައިނުގަންނަން: އެމްޑީޕީ

20 ފެބުރުވަރީ 2024 - 17:12 0

ގައުމުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުދެވި އެ މަސްވެރިންގެ އާމްދަނީ ހުއްޓިފައިވާ ދަނޑިވަޅެއްގައި ވެސް ސަރުކާރުން ސިޔާސީ މަގާމުތައް އުފައްދައި ޕްރޮޖެކްޓުތައް އިފްތިތާހު ކުރުން ބަލައިނުގަނެވޭނެ ކަމަށް އިދިކޮޅު މައި ޕާޓީ (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ) އިން މިއަދު ބުނެފި އެވެ.

މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ބުނެ، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އަންނަނީ ފެބްރުއަރީ 18, އިން ފެށިގެން އެތަނުގައި މުޒާހަރާ ކުރަމުންނެވެ.

މި މައްސަލައިގައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި، ސަރުކާރުން މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ވީ އެންމެ އަވަހަށް ދޫކުރުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ. އަދި މަސްވެރި އާއިލާތަކަށް "ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން އިތުރަށް ބުނީ ކޮވިޑްގެ ދުވަސްވަރު ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ވަގުތުގައި އެ ޕާޓީގެ ސަރުކާރުން އޮތްއިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދީފައިވާ ކަމަށެވެ.

"މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަން މިއީ ހަގީގަތެކެވެ. މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދިޔުން މި ޕާޓީން ބަލައެއްނުގަންނަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ވަނީ ރޯދަ މަހަށް ފަހު މަސް ގަންނަ އަގު 15ރ. އަށް ތިރި ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފަ އެވެ. ސަރުކާރުން މިހާރު މަސް ގަންނަމުންދަނީ ކިލޯއެއް 20ރ. ގެ ރޭޓުންނެވެ.

"މަސް ގަންނަ އަގު 15 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް މަސްވެރިންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ދޭން ޖެހޭ ހަމަ އަގު އަދާކުރުމަށް ހަރުއަޑުން މި ޕާޓީން ގޮވާލަން," އެ ބަޔާނުގައި ލިޔެފައިވެ އެވެ.

މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ ވެސް ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ހިލާފުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އެދިވަޑައިގަތީ މާލީ ހާލަތު ގަބޫލުކުރަން

ދެކުނުގެ އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވަނީ މަސްވެރިންގެ ކިބައިން "ހަގީގަތް ގަބޫލުކުރަން" އެދިވަޑައިގަނެފަ އެވެ. އެ ރަށުގެ ވެސް ބައެއް ދޯނިތައް ކޫއްޑޫގެ މުޒާހަރާގައި ތިބިއިރު ރައީސް ވަނީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު 260 އެތައް މިލިއަން ރުފިޔާ އޭރު ވެސް ހުރީ ނުދައްކާ. އެ 260 އެވަނީ ދެއްކިފައި. އެހެން ނަމަވެސް, މަސްވެރިކަން ތިޔާގިކަމާ އެކު ކުރިއަށްދާތީ ފައިސާ ދައްކަން ޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް މިއަދާ ހަމައަށް އައިއިރު 442 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އަދިވެސް 300 މިލިއަނެއްހާ ރުފިޔާ ދޭން ހުރިކަން ރައީސް ވިދާޅުވި އެވެ.

މަސް ގަތުމަށްފަހު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 298 މިލިއަން ރުފިޔާގެ ތެރެއިން 119 މިލިއަން ރުފިޔާ ދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން މިއަދު ވަނީ ބުނެފަ އެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރުގެ ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.