Advertisement

ނަޕޯލީގެ ކޯޗުކަމުން މަޒާރީ ވަކިކޮށްފި

20 ފެބުރުވަރީ 2024 - 13:50 0


ނަޕޯލީގެ ކޯޗުކަމުން މަޒާރީ ވަކިކޮށްފި

20 ފެބުރުވަރީ 2024 - 13:50 0

ނޭޕަލްސް (ފެބްރުއަރީ 20) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ނަޕޯލީގެ ކޯޗުކަމުން ވޯލްޓާ މަޒާރީ ވަކިކޮށްފި އެވެ.

މަޒާރީ އަކީ މި ސީޒަންގައި ނަޕޯލީގެ ކޯޗުކަމުން ވަކިކުރި ދެ ވަނަ ކޯޗެވެ. މަޒާރީ ނަަޕޯލީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރޫޑީ ގާސިއާ އެ މަގާމުން ވަކިކުރުމުންނެވެ. މަޒާރީ މަގާމުން ވަކިކުރިއިރު، ނަޕޯލީ ވަނީ އިޓާލިއަން ލީގުގެ ނުވަ ވަނައަށް ވެއްޓިފައެވެ.

އިޓާލީ އަށް ނިސްބަތްވާ މަޒާރީ ކޯޗުކަމުން ވަކިކުރިއިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި މާދަމާ ރޭ ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ނަޕޯލީ ނުކުންނަންޖެހެއެވެ.

މަޒާރީ ވަކިކުރުމަށް ފަހު، ނަޕޯލީ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ސްލޮވާކިއާގެ ފްރަންޗެސްކޯ ކަލްޒޯނާ ހަމަޖައްސައިފައެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ނަޕޯލީގެ ކޯޗުކަން ކަލްޒޯނާ އަށް ހަވާލުކުރީ މި ސީޒަންގެ ނިޔަލަށެވެ.

ކަލްޒޯނާގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅޭ ފުރަތަމަ މެޗަށްވާނީ އަމިއްލަ ދަނޑުގައި މާދަމާ ރޭ ބާސާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކަލްޒޯނާ އަކީ ނަޕޯލީ އަށް އާ މޫނެއް ނޫނެވެ. ނަޕޯލީގައި މައުރިއްޒިޔޯ ސާރީ އަދި ލޫސިއާނޯ ސްޕަލެއްޓީއާއެކު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކަލްޒޯނާ ވަނީ ކުރިން މަސައްކަތްކޮށްފައެވެ.

ކަލްޒޯނާ ހުރީ ސްލޮވާކިއާގެ ގައުމީ ޓީމުގެ ކޯޗަށެވެ. ސްލޮވާކިއާ 2024 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވިީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ނަޕޯލީގެ ކޯޗުކަމާ ހަވާލުވިޔަސް، ކަލްޒޯނާ ނަޕޯލީގެ ކޯޗަކަށް ދެމިހުންނާނެ އެވެ.