Advertisement

ރައީސް އެދިވަޑައިގަތީ ގައުމުގެ "މާލީ ހާލަތާ ގުޅޭ ހަގީގަތް" މަސްވެރިން ގަބޫލުކުރަން

20 ފެބުރުވަރީ 2024 - 12:14 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފަރެސްމާތޮޑާ ކައުންސިލާ އެކު ރައީސް ބައްދަލުކުރައްވަނީ. މަސްވެރިންނަށް ފައިސާ ނުދޭތީ މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުން --- ފޮޓޯ: ރައީސް އޮފީސް


ރައީސް އެދިވަޑައިގަތީ ގައުމުގެ "މާލީ ހާލަތާ ގުޅޭ ހަގީގަތް" މަސްވެރިން ގަބޫލުކުރަން

20 ފެބުރުވަރީ 2024 - 12:14 0

ގައުމުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށާއި ބޭނުންވަނީ އެ ފައިސާ ދައްކައި އެއްކޮށް ހަލާސް ކުރުމަށްފަހު މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ ނިޒާމެއް ގާއިމު ކުރައްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އަންނަނީ ފެބްރުއަރީ 18, އިން ފެށިގެން މުޒާހަރާ ކުރަމުންނެވެ.

ދެކުނުގެ އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވަނީ މަސްވެރިންގެ ކިބައިން "ހަގީގަތް ގަބޫލުކުރަން" އެދިވަޑައިގަނެފަ އެވެ. އެ ރަށުގެ ވެސް ބައެއް ދޯނިތައް ކޫއްޑޫގެ މުޒާހަރާގައި ތިބިއިރު ރައީސް ވަނީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު 260 އެތައް މިލިއަން ރުފިޔާ އޭރު ވެސް ހުރީ ނުދައްކާ. އެ 260 އެވަނީ ދެއްކިފައި. އެހެން ނަމަވެސް, މަސްވެރިކަން ތިޔާގިކަމާ އެކު ކުރިއަށްދާތީ ފައިސާ ދައްކަން ޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް މިއަދާ ހަމައަށް އައިއިރު 442 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އަދިވެސް 300 މިލިއަނެއްހާ ރުފިޔާ ދޭން ހުރިކަން ރައީސް ވިދާޅުވި އެވެ.

"ނުދެއްކި ހުރި ފައިސާ އަވަހަށް ދައްކާ ނިންމާލަން ބޭނުންވަނީ. އެ ފައިސާ އަވަހަށް ދައްކައި ނިންމައި ކުރިއަށް އޮތް ތަނުގައި މެކްސިމަމް [އެންމެ ގިނަވެގެން] 48 ގަޑިއިރު ތެރޭ އަބަދުވެސް ފައިސާ ދެވޭނެ ނިޒާމަކަށް ދާން މި މަސައްކަތް ކުރަނީ. މިއީ އެ ނޫން އެހެން ގޮތަކަށް އޮތް ކަމެއް ނޫން. ވަރަށް ސާފުކޮށް ކަން އޮތް ގޮތް މިއީ," ރައީސް ހާމަކުރެއްވި އެވެ.

މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިހާރު ވެސް މަސްވެރިންނަށް ފައިސާ ޗާޕު ކުރުމަށް ފަހު ދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ އިގުތިސޯދީ ގޮތުން ރަނގަޅު ފިޔަވަޅަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިތުރަށް ފައިސާ ޗާޕު ނުކޮށް ފައިސާ ދެއްކުމުގެ މަސައްކަތް މި ކުރަނީ. ވަރަށް ފަސޭހަ ފައިސާ ޗާޕުކޮށްގެން [ދައްކަން]. ފައިސާ ޗާޕު ކުރަންވީ ނޫންތޯ. ހަމަ ކޮށްފައި މި ފައިސާ ވެސް ދައްކަން ވީނޫންތޯ. އޭރުން އަނެއްކާ ވެސް އިގުތިސޯދު އިތުރު އަނދަވަޅަކަށް ވެއްޓޭނީ. ދުވަހަކު ސަލާމަތް ނުވާނެ," ރައީސް ވިދާޅުވި އެވެ.

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ޗާޕު ކުރުން ހުއްޓާލައި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް އެކިއެކި ކުންފުނިތަކާއި އާންމުންނަށް ދައްކާފައިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

"ދައްކަން ހުރި ދަރަނިތަކަށް ހުރި ޑޮލަރުކޮޅު ވެސް މާރުކޮށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި އެތައް ސަތޭކަ މިލިއަން ޑޮލަރެއް މާރުކުރީ. އަނެއްކާ މިހާރު ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ބޮޑެތި ލޯނުތަކަށް ޑޮލަރު ޖަމާކުރަން ފެށީ. މިއީ ކުރަން ޖެހޭ ކަންކަން. މުޅި މަންޒަރު އެއްކޮށް ބަލަން ޖެހޭ," ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އައިއެމްއެފުން ބަލައިގަނެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީއާއެކު ދައްކަންޖެހޭ ފައިސާ ވެސް ދައްކަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިގުތިސޯދީ ދޮރުތައް ސަރުކާރުން ހުޅުވަމުންދާ ކަމަށާއި ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަވާލުވީ އެކަން އޮތް ހާލަތު އެނގި ހުރެ ރައްޔިތުންނަށް އެޖެންޑާ ހުށަހަޅައިގެން ރައްޔިތުން ބަލައިގަތީމަ. ރައްޔިތުން ހަވާލުކުރީ މަސައްކަތް. ތިބޭފުޅުން އަޅުގަނޑާ ޒިންމާ ހަވާލުކުރީ. ހަވާލުކުރެއްވި ޒިންމާ މި އަދާކުރަނީ ދެފުށް ފެންނަ ގޮތަށް, ފޮރުވިފައި އެއްވެސް ކަމެއް ނެތް," އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.

މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެ ފައިސާ އަންނަ މާޗު 5، ގެ ކުރިން ދައްކާ ނިމޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.