Advertisement

މިފްކޯގައި ހުރީ 22 މިލިއަން، މަސްވެރިން އެދުނީ ރިޒާވުން ފައިސާ ނެގުމަށް ފަހު ބިލުތައް އަދާކުރުން

19 ފެބުރުވަރީ 2024 - 23:54 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން. 25ރ. ގެ ރޭޓުން ކިރާފައިވާ މަހަށް ވާ ފައިސާ ގަނޑުކޮށް ނުދެނީސް ކޫއްޑޫއިން ނުފައިބާނެ ކަމަށް 28 ދޯނި ބައިވެރިވާ އިހުތިޖާޖުގެ މަސްވެރިން ބުނޭ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ


މިފްކޯގައި ހުރީ 22 މިލިއަން، މަސްވެރިން އެދުނީ ރިޒާވުން ފައިސާ ނެގުމަށް ފަހު ބިލުތައް އަދާކުރުން

19 ފެބުރުވަރީ 2024 - 23:54 4

މަސް ގަތުމަށްފަހު, އޭގެ ފައިސާ ނުދޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން ގއ. ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ މިފްކޯއަށް ލިބެން ޖެހޭ ޕޭމަންޓުތައް ލިބެންދެން މަޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ރިޒާވުން ފައިސާ ނެގުމަށް ފަހު ބިލުތައް އަދާކުރުން ކަމަށް އެ ކުންފުންޏަށް އަންގައިފި އެވެ.

މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އިއްޔެ ހެނދުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާ މިރޭ މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު ރަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

އޭނާ މަސްވެރިންނަށް ހުށަހެޅުއްވީ މިފްކޯގެ އަތުގައި ހުރި 22 މިލިއަން ރުފިޔާ ކޫއްޑޫ ބަނދަރުގައި އޮތް 28 ދޯނީގެ މެދުގައި ބަހާލުމަށެވެ. އަދި, އެއަށް ފަހު އެ ކުންފުންޏަށް މާދަމާ ލިބޭ ތިން މިލިއަން ޑޮލަރު މާރު ކުރުމަށް ފަހު ޖެހިގެން އަންނަ ދުވަހު ދިނުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެއަށްފަހު ފެބްރުއަރީ 26, ގެ ކުރިން 105 މިލިއަން ރުފިޔާގެ ބިލުތައް އަދާކޮށް ހުރިހާ ބިލެއް މާޗު 5, ގެ ކުރިން ހަލާސް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ދައުލަތުގައި ފައިސާ އެބަ ހުރި. ލާރި އެބަ ހުރި ގައުމުގައި. މަސްވެރިންނަކީ ގެއްލިފައި ތިބި ބައެއް ނޫން. ސިޔާސީ ވާހަކައެއް ނޫން މި ދައްކަނީ," އެ ބައްދަލުވުމުގެ ބައިވެރިވި މަސްވެރިޔަކު ބުންޏެވެ.

އެއާއެކު, ބައްދަލުވުމުގައި ތިބި މަސްވެރިން ވަނީ އެ 28 ދޯނިގެ ކޮއްތު ބިލު ވެސް 22 މިލިއަން ރުފިޔާއިން ނުދެއްކޭނެ ކަމަށް ބުނެ އެވެ. ޖުމުލަކޮށް އެ 28 ދޯންޏަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިފައި އޮތް ކަމަށް ބައްދަލުވުމުގެ ބައިވެރިންގެ ތެރެއިން ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.

"ފިނޭންސް މިނިސްޓްރީން އެބަ ބުނޭ ރިޒާވުގައި އެބަ ހުއްޓޭ 470 މިލިއަން. އެހެންވީމާ ވިދާޅުވާން ވީ ނޫންތޯ ތިމަންނަމެންނަށް [މިފްކޯއަށް] ދޭށޭ, މާދަމާ [މިފްކޯއަށް ލިބުމުން] ޖަމާކޮށްދޭނަމޭ," މިފްކޯއަށް ބޭރުން ލިބޭ ތިން މިލިއަން ޑޮލަރުގެ ފައިސާ ރިޒާވުން ނެގުމަށް ފަހު މަސްވެރިންނަށް ދިނުމަށް ހުށަހަޅަމުން އެ ބައްދަލުވުމުގައި އިން ކެޔޮޅަކު ބުންޏެވެ.

ބައެއް މަސްވެރިން ވަނީ މިފްކޯއިން ބޭރަށް މަސް ފޮނުވުމަށް ފަހު ލިބުނު ފައިސާއިން މަސްވެރިންނަށް އެއްކޮށް ބިލުތައް ދައްކާފައިނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިދިޔަ ޑިސެމްބަރު މަހު މިފްކޯއިން ބޭރުކުރި މަހަށް 222 މިލިއަން ރުފިޔާ ލިބިފައިވޭ. އެ 222 މިލިއަނުން އަޅުގަނޑުމެންނަށް ދިނީ 80 މިލިއަން. ދެން ކޮބާތޯ ބާކީ ފައިސާ. އެއަށް ކީއްތޯ ކުރީ. ޖަވާބު ދެއްވާ. އަޅުގަނޑުމެން ދުލެއް ނުކުރާނަން," ވާހަކަ ދެއްކި މަސްވެރިޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

މަސްވެރިން މިފްކޯއަށް މަސް ވިއްކުމަށް ފަހު، ވަގުތުން ފައިސާ ނުލިބުމާއި، މަސް ކިރަން ކިއޫގައި ގިނަ ދުވަހު ތިބެން ޖެހުމާއި އައިސް ލިބުމުގައި ހުންނަ ދަތިތައް ފަދަ އަސާސީ ޝަކުވާތަކަކީ އަބަދުވެސް މަސްވެރިންގެ އޮތް ޝަކުވާތަކެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.

މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެ ފައިސާ އަންނަ މާޗު 5، ގެ ކުރިން ދައްކާ ނިމޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.