Advertisement

ބެކްލޮގް ކްލިއާކޮށްފި، މަސްވެރިންނަށް ނުދެވި މިހާރު އޮތީ 27 މިލިއަން ރުފިޔާ: ޝިޔާމް

29 އޭޕްރީލް 2024 - 23:17 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބެކްލޮގް ކްލިއާކޮށްފި، މަސްވެރިންނަށް ނުދެވި މިހާރު އޮތީ 27 މިލިއަން ރުފިޔާ: ޝިޔާމް

29 އޭޕްރީލް 2024 - 23:17 1

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް މިފްކޯއިން ނުދައްކާ ހުރި ފައިސާގެ ބެކްލޮގް ވަރަށް ބޮޑަށް ކުޑަކުރެވިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ވަޒީރުންނާ އާންމުން ސުވާލު ކުރަން ހުޅުވާލައިގެން ބާއްވާ "އަހާ" ޕްރޮގްރާމްގައި މަސްވެރިޔަކު ވަނީ މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ނުލިބޭ މައްސަލާގަ އެވެ.

އެއީ އަބަދުވެސް މަސްވެރިންގެ އޮންނަ ޝަކުވާ އެކެވެ. މަސްވެރިންނަށް ފައިސާ ނުދެއްކުމުގެ މައްސަލަ މި ސަރުކާރުގެ ކުރީކޮޅު ބޮޑުވެ، ކޫއްޑޫގައި މަސްވެރިން މުޒާހަރާ ވެސް ކުރި އެވެ.

މަސްވެރިކަމުގެ ވަޒީރު ޝިޔާމް މިރޭ ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު މަސްވެރިންނަށް ދައްކަން ޖެހޭ ދަރަނީގެ ބެކްލޮގް 250 މިލިއަނެއްހާ ރުފިޔާ ހުރި ނަމަވެސް މިހާރު ބެކްލޮގް ސާފުކޮށް، މިހާރު ބާކީ ނުދެއްކި އޮތީ އެންމެ 27 މިލިއަން ރުފިޔާ ކަމަށެވެ.

"ކުރިން އޮތް ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިފައި، މިއަދުގެ ނިޔަލަށް ޑިއުވެފަ އިނީ 27 މިލިއަން ރުފިޔާ، އަބަދުވެސް ޑިއުވެފަ ކޮންމެވެސް ވަރެއް ހުރޭ ކުރިން ވެސް، ކުރިން ހުރި އާންމު ވަރަށް އެ ހުރީ، އެ އަދަދު ދެއްކުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫން، މެއި މަސް ފެށޭ އިރު ދެއްކޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. މި ސަރުކާރުން ދެކޭ ގޮތުގައި އެއީ "ސިޔާސީ" ބޭނުމަށް ގެނައި ބަދަލެކެވެ. އަދި އެ އަދަދަށް މަސްވެރިންގެ އަތުން މަސް ގަނެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.

މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ. މި ސަރުކާރުގެ ވައުދަކީ މަސް ކިރުމަށް ފަހު ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި އޭގެ ފައިސާ ދެއްކުމެވެ.