20 ފެބުރުވަރީ 2024 - 09:01 0
ސާއިފް ޝިޔާދު
ކުރީގެ ރައީސް ސޯލިހު، ޔާމީން ގެއަށް ބަދަލު ކުރި ދުވަހު: ޔާމީންގެ ވާހަކަ ރައީސް މުއިއްޒު ދަައްކަވަން ފެށީ އަނެއްކާ ވެސް އިންތިހާބާ ދިމާކޮށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
20 ފެބުރުވަރީ 2024 - 09:01 0
މިއީ ހައްތަހާވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ޖަލްސާތަކުގައި އަޑުހަރުކޮށް އިވުނު ވާހަކަތަކެވެ. އެމަނިކުފާނުގެ މުޅި ރިޔާސީ ކެމްޕޭނުގެ މައިގަނޑު ތިން ބަހާއަކީ އެއީ އެވެ. މުޅި ކެމްޕޭނުގެ ފޯކަސް އޮތީ އެ ވާހަކަތަކަށެވެ. ތަކުރާރުކޮށް ރައްޔިތުންނަށް އިއްވީ އެއް ވާހަކަތަކެކެވެ.
އަނެއްކާ ވެސް އިންތިހާބީ މޫސުމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު ފަރިވެފައިވާއިރު ކެމްޕޭންގެ ވާދަވެރިކަން މިއޮތީ ފެށިފަ އެވެ. ކުރިން އިދިކޮޅު ޓީމުގައި ކުޅުނު ޕީޕީއެމް/ޕީއެންސީ އޮތީ ވެރިކަމުގަ އެވެ. ދެވަނަ ދައުރެއް ނުލިބި އެމްޑީޕީ މިހާރު އެ އޮތީ އިދިކޮޅުގަ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ނުފެށިކަމުގައިވީ ނަމަވެސް ރައީސް މުއިއްޒު އެވަނީ އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވާފަ އެވެ. އިދިކޮޅުގައި ތިބެ އެމަނިކުފާނު އޭރު ދެއްކެވި ވާހަކަތައް އަދިވެސް ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. މިފަހަރު އެމަނިކުފާނުގެ ވާހަކައިގެ ރާގު ހުރީ އޭގެ ތެރެއިން ގިނަ ކަންކަން ތަންފީޒު ކުރެވެން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ދޭހަވާ ގޮތަކަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއިރު ރައީސް މުއިއްޒު ވެސް ލީޑާޝިޕްގައި ހިމެނުނު އިދިކޮޅު ފަރާތްތަކުން އެ ހުކުމް ސިފަ ކުރީ "ހަރާމް ހުކުމެއް" ގެ ގޮތުގަ އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް [ޔާމީންއަށް] ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ. އަދުލުވެރިކަން ފުރިހަމަ މިނުގައި ސާވް ކުރާ ސަރުކާރެއް މި ސަރުކާރަކީ،" ޔާމީނާ ގުޅޭގޮތުން އައްޑޫގައި ހުންނަވައި މި ހިނގާ ފެބްރުއަރީ 18, ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒުގެ މުޅި ކެމްޕޭނުގައި އެންމެ ގިނައިން އިވުނު ނަމަކީ "ރައީސް ޔާމީން" އެވެ. ކޮންމެ ޖަލްސާއެއްހެން ފެށީ އެމަނިކުފާނަށް މުހާތަބު ކުރުމަށް ފަހެވެ. ކޮންމެ ޖަލްސާއެއްގައި ރައީސް މުއިއްޒުގެ އަރިހުގައި ޔާމީނަށް ހާއްސަ ހުސް ގޮނޑިއެއް ހުއްޓެވެ. ޔާމީން މިނިވަން ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ.
"ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި," ނޫސްވެރިން ޔާމީން މިނިވަން ކުރުމާ ގުޅޭ ސުވާލު ތަކުރާރުކޮށް ކުރުމުން ސަރުކާރުގެ ތަރުޖަމާނުކަން 18 ދުވަހު ކުރެއްވި މުހައްމަދު ޝަހީބު ވިދާޅުވެފައިވެ އެވެ.
ނަމަވެސް, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔާމީނުގެ ބަންދަށް ދިން ލުޔެއް ފިޔަވައި އިތުރު ލުޔެއް މި ސަރުކާރަށް ނުދެވެ އެވެ. އަދިވެސް ހުކުމް ދެމި އެބައޮތެވެ. އިސްްތިއުނާފު އޮތީ މަޑުޖެހިފަ އެވެ.
"އެއްވެސް ވަޒީރަކު, އެއްވެސް ކުންފުންޏެއްގެ ވެރިއަކު, އެއްވެސް އެމްޕީއަކު, ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއް ނެތި،" އައްޑޫ ސިޓީގައި ހިތަދޫގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް ރައީސް މުއިއްޒުއާ އަރިސް ސަރުކާރުގެ އިސްވެރިއެއް ވެސް ބުނެފައިވެ އެވެ. ޔާމީންގެ ދިފާއުގައި ސަރުކާރުގެ ވެރިން ބަސް ބުނުން ހުއްޓިއްޖެ އެވެ.
"ރައީސް ޑރ. މުއިއްޒުގެ އެތެރެ ކޮއިލުގެ ބޭފުޅުން މިފަދަ ބޭއިންސާފުން ވާހަކަ ދެއްކެވީމަ އެކަމުން ސާބިތުވަނީ މިއީ ޑރ. މުއިއްޒުގެ ވިސްނުންކަން. އަދި ރިޔާސީ ކެމްޕެއިނުގެ ތެރޭ ރައްޔިތުންނަށް އޮޅުވާލެއްވީކަން. މިހާރު މައްސަލައަށް އަތް ބާނުއްވަނީ ކޮން ބައެއްކަން ސާފު. އަނިޔާވެރިކަން ނިމެނޭނެ،" ޔާމީންގެ ޕާޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވެ އެވެ.
ކޯޓުގެ މައްޗަށް ނުފޫޒު ނެތް ކަމަށް ރައީސް ވިދާޅުވާއިރު އެމަނިކުފާނުގެ މި ވާހަކަތަކަށް ބަލާއިރު ޔާމީން މިހާރު އެ ހުންނެވީ "ހަލާލު ހުކުމް" އެއްގަ އެވެ. ވެރިކަމަށް އެންމެ ހަތް ދުވަސް ނުވަނީސް ޔާމީން މި ވެރިކަން ދޫކޮށް އާ ޕާޓީއެއް އުފައްދަވަން ނިންމެވި އެވެ. ޔާމީންގެ ނަން އެ ހިސާބުން ސަރުކާރުން ފޮހެވިގެންދިޔަ އެވެ. ނަމަވެސް އަނެއްކާ ވެސް ޔާމީނުގެ ނަން އިންތިހާބާ ދިމާކޮށް މިވަނީ ތިލަވެފަ އެވެ.
"އަނެއްކާވެސް އިންތިހާށް ރައީސް ޔާމީނުގެ ނަން ބޭނުން ކުރަން މިފެށީ. ކޮބާ ވައުދުވި ގޮތް؟ ކޮބާ [ޔާމީން] މިނިވަންކޮށްފިން؟" ޕީއެންއެފްގެ އެއް މުއައްސިސު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގަން ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ވެސް މި ސަރުކާރުގެ ބޮޑު ރިޔާސީ ވައުދެކެވެ. ކޮންމެ ޕޯޑިއަމެއްގައި ކެމްޕޭން ތެރޭ އެ ވާހަކަތައް އިވުނެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ބޭރުގެ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ހާހުން އިންޑިއާ ސިފައިން ތިބި ކަމަށް ހުދު ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވުމަށް ފަހު އިންޑިއާ އާ މެދު ރައީސްގެ ވާހަކައާއި އަމަލުތައް ހުރީ ހަރުކަށި ކޮށެވެ. އެކަމަކު އެ ބުނާ ހާހެއްހާ ސިފައިންގެ ބަދަލުގައި މި ސަރުކާރުން ވެސް ބުނީ ރާއްޖޭގައި ތިބީ 88 ސިފައިން ކަމަށެވެ. ސަރުކާރަށް 95 ދުވަސް ފުރުނުއިރު އެ އަދަދު 100 އަށް ވުރެ އިތުރެއް ނުވެ އެވެ.
ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ސަރުކާރުގެ ވެރިންތަކެއްގެ ސަބަބުން ހީނަރުވެގެންދިޔަ ނަމަވެސް އިންޑިއާއިން ވަނީ ސިފައިން ގެންދަން އެއްބަސްވެފަ އެވެ. މެއި 10، ގެ ކުރިން ސިފައިން ގެންދަން އެއްބަސްވެފައިވާއިރު ރައީސްގެ ރާގު މިހާރު ހުރީ ސިފައިން ފޮނުވައިލުމުގެ ކަންތައް ނިންމުމަށް ޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭން ޖެހޭ ފަދަ ރާގަކަށެވެ.
"[މެއި] 10 ގެ ކުރިން މި ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން ގެންދިޔުމަށްޓަކައި މިހާރު ދެ ގައުމުގެ ދޭތެރޭ ސޮއިކުރެވިފައިވާ ލެޓާ އޮފް އެކްސްޗޭންޖް އެކަން ކޮށް ނިންމުމަށްޓަކައި ވެސް މިކަން ކުރައްވަން ޖެހޭ [ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހޮވަން ޖެހޭ]," ރައީސް އައްޑޫ ހުޅުމީދޫގައި ވިދާޅުވެފައިވެ އެވެ.
ރައީސް މިހެން ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖެއަށް ގެނައީ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެވެ. އަދި, މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ސިފައިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި ވެސް މަޖިލީހުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
"އެވަަރު ކަމެއް ހާސިލުވެގެންދިޔައިރު އެކަން 'އަންޑޫ ވާގޮތަށް' [އިއާދަވާ ގޮތަށް] ގޮތަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނަ ނިންމުމެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިންމައިފިއްޔާ އަޅުގަނޑުމެން އަމިއްލައަށް ނޫންތޯ އަޅުގަނޑުމެންގެ މިސްރާބު ބަދަލު މިކުރަނީ. އެހެން ވާކަށް ނުވާނެ. އެއީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރި ކަމަކަށް ނުވާނެ," މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ވިދާޅުވި އެވެ.
މެއި 10، ގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރަން "ޓެކްނިކަލް" މީހުން ގެންނަން ދިވެހި ސަރުކާރާއެކު އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ބަދަލުކުރީ އެ މީހުންގެ ޔުނީފޯމު އެކަނި ކަމަށެވެ.
"އެހެންވީމާ ރޭވުންތެރިކަމާ އެކީގައި އަޅުގަނޑުމެން މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު ދެނީ މިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން،" އެކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވެ އެވެ.
ސިފައިން ބޭލުމަކީ ސަރުކާރުގެ ފުރިހަމަ ޒިންމާއެއް ކަމަށްވާއިރު އެކަމުގައި މަޖިލީހުގެ ދައުރެއް ނޯންނާނެ އެވެ. މިހާތަނަށް ކަން ހިނގަމުން އައިސްފައިވަނީ އެހެންނެވެ. އަނެއްކާ ވެސް އިންޑިއާ ސިފައިންގެ ވާހަކަ ތިލަމިވީ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މުޅިން ސިޔާސީ ވާހަކައެއްގެ ގޮތުގަ އެވެ.
ރައީސް މުއިއްޒު އާއި މި ސަރުކާރުގެ ވެރިން އެންމެ ބޮޑަށް އޭރު ދެއްކެވި އެއް ވާހަކައަކީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލާފައިވާ ކަމަށެވެ. "ފޯޅަވަހި ކޯލިޝަން" އިން ބޭއްވި "ކަނޑު ވިއްކާލި" ޖަލްސާއަކީ އޭރުގެ ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވެ އިދިކޮޅަށް ތާއީދު އިތުރުވި މައިގަނޑު އެއް ސަބަބު ކަމަށް ދިރާސާ ކުރާ މީހުން ބުނެ އެވެ.
އޯގަސްޓު 22، 2022 ގައި ކުރީގެ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ މަސްލަހަތާ ގުޅޭ ސިއްރު ބައެއް ކަންކަން ހުރި ކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. ސިޓީގެ ސަބަބުން ކަނޑުން ބައެއް ގެއްލުނު ކަމަށް ތުހުމަތުކުރި އެވެ. އޭރުގެ އިދިކޮޅުން ގޮވާލަމުންދިޔައީ ސިޓީ އާންމު ކުރުމަށެވެ.
މި ސަރުކާރު އައިސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމު ކުރިއިރު ކުރިން ލީކުވި ސިޓީއާ އެއްވެސް ތަފާތެއް ނެތެވެ. ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށް ކަޅާއި ހުދުން އެ ސިޓީގައި ލިޔެފައިވެ އެވެ.
"އިންޓަނޭޝަނަލް ލޯޔަރުންނާއި ރާއްޖޭގެ ކަމާބެހޭ މާހިރުންނާ އެކީގައި މިކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން. އެކަމުގައި ވެސް އެބަ ކުރަން," ރައީސް އިއްޔެ ވިދާޅުވެފައިވެ އެވެ.
އިޓްލޮސް މައްސަލާގައި ކުރިއަށްދާންވީ ގޮތެއް ނިންމުމަށް މި މައްސަލަ ކެބިނެޓަށް ހުށަހަޅައި، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން، ރައީސް ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، އެ މައްސަލާގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެ އެވެ. އެ 100 ދުވަސް ހަމަވާން ބާކީ އޮތީ ފަސް ދުވަހެވެ.
އިސްތިއުނާފު ކުރުމާ މެދު އަދިވެސް ގޮތެއް ނިމިފައި ނުވެ އެވެ. އެ ނިންމުން ތާށިވެފައި އޮތީ ނަން ނޭނގޭ ތަޖުރިބާކާރުންތަކެއް ލިޔެފައިވާ ރިޕޯޓެއްގެ މައްޗަށެވެ. އެ ރިޕޯޓަށް ބިނާކޮށް މިހާތަނަށް ސަރުކާރުން ނިންމުމެއް ނިންމާފައި ނުވެ އެވެ.
"އެކަން ވެސް ކޮށް ނިންމޭނީ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެން," އިޓްލޮސްގެ މައްސަލަ ވެސް ނިންމޭނީ މެޖޯރިޓީ ލިބިގެން ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވިދާޅުވެފައިވެ އެވެ.
މިކަމުގައި ވެސް މަޖިލީހުގެ އެއްވެސް ދައުރެއް ނެތެވެ. މަޖިލީހުގެ މެޖޯރިޓީ އިޓްލޮސްގައި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ކަމެއް އެއްވެސް ތަނަކު ބަޔާންކޮށްފައި ނުވެ އެވެ.
މިއީ އަނެއްކާ ވެސް ވައުދުތައް 'ރީސައިކަލް" ކުރުމުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް ނޫންތޯ އެވެ؟ މި ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތްކަން ސާފެވެ. އެއީ, ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ތަންފީޒު ކުރެވޭނެ ކަންކަމެވެ. ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ ރައީސްގެ ޒިންމާއެކެވެ.
Comment