Advertisement

ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު: ނުދައްކާ ވާހަކަތަކާއި އޮޅުވައިލުންތައް ގިނަ!

19 ފެބުރުވަރީ 2024 - 10:35 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން، ރިޔާސީ ބަޔާނަށް މިފަހަރު އެމްޑީޕީން ޖަވާބުދޭން ޖެހުނީ މައިނޯރިޓީ ސަރުކާރާ އެކު އޮތުމުން. ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރިޔާސީ ބަޔާނަށް އެމްޑީޕީގެ ރައްދު: ނުދައްކާ ވާހަކަތަކާއި އޮޅުވައިލުންތައް ގިނަ!

19 ފެބުރުވަރީ 2024 - 10:35 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަަމަ ރިޔާސީ ބަޔާނުގައި މުހިއްމު ގިނަ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށާއި އެެއީ "އޮޅުވައިލުންތައް ގިނަ ބަޔާނެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަކީ މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިނުގަންނަވާ ޕާޓީއަކުން ކަމަށް ވާތީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ފެބްރުއަރީ 5، ގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ފަށްޓަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައީސް އިއްވަވާ ރިޔާސީ ބަޔާން ވާން ޖެހޭނީ ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި މަޖިލީހަށް އިއްވަވާ ބަޔާނަކަށް ކަމަށެވެ.

"އެހެން ނަމަވެސް ހިތާމަޔާ ކަންބޮޑުވުމާ އެކު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާ އެކު ބަޔާންކޮށްފައި ނުވާކަން، ގައުމުގެ ހާލަތު ރައްޔިތުންނަށް އޮޅުވައިލައްވާފައިވާކަން، އަދި ގައުމަށް ކުރިމަތިވެފައިވާ މުހިއްމު ކަންކަމަށް އެއްވެސް މިންވަރަކަށް އަލިއަަޅުއްވައިލައްވާފައި ނުވާކަން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ މެމްބަރުން ހިތާމަކުރައްވާ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"އިގުތިސާދީ ހާލަތާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި"

ރިޔާސީ ބަޔާނަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން ދިން ޖަވާބުގައި ތުހުމަތުކުރި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ރައީސް އިތުރުފުޅު ހެއްދެވި އެވެ. އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ދެއްކެވި މުޅި ވާހަކަފުޅު ބިނާކުރެއްވީ އޮޅުވައިލުމާއި ދޮގު މައުލޫމާތަށް ކަމަށް ރަޝީދު ތުހުމަތުކުރެއްވި އެވެ.

"މި ސަރުކާރު ވެރިކަމަށް އައީ ވެސް ރައްޔިތުންނަށް މަކަރާއި އޮޅުވައިލުުންތައް އޮޅުވައިލަމުން،" އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ހާލަތާ ބެހޭ ގޮތުން ރައީސް އޮޅުވައިލެއްވި އެއް އޮޅުވައިލުމަކީ ރަޝީދު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ދެމިގެން އައި އިގުތިސާދީ މައްސަލަތަކުގެ އަސްލަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވާ އިރު އެ ވާހަކަ ނުދައްކަވައި ދޫކޮށްލެއްވުމެވެ.

އިގުތިސާދު ހީނަރުވާން ދިމާވި އެ ކާރިސާތަކުގެ ވާހަކަ ނުދައްކަވައި ހަމަ އެކަނި ހީނަރުކަމުގެ ވާހަކަ ދެއްކެވީ "ސީޔާސީ ބޯޅަޖައްސަވަން" ކަމަށް އޭނާާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ކޮވިޑްގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި ގައުމަށް މި ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަ ޖެއްސެވުމުގެ ނިޔަތުގައި،" ރަޝީދު ވިދާޅުވި އެވެ.

"ދަރަނި އަދާކުރާނެ ޕްލޭނެއް އޮތްކަން ފާހަގަ ނުކުރައްވާ"

ރިޔާސީ ބަޔާނުގައި ދައްކަވަން ޖެހިވަޑައިގަންނަވާ، އެހެން ނަމަވެސް ނުދެއްކެވި މުހިއްމު އަނެއް ވާހަކައަކީ ރަޝީދު ވިދާޅުވި ގޮތުގައި ދަރަނި އަދާކުރުމުގެ ޕްލޭނެއްގެ ވާހަކަ އެވެ.

ރާއްޖޭގެ ދަރަނި އަދާކުރާނެ ގޮތުގެ ޕްލޭނެއް އެމްޑީޕީގެ ސަރުކާރުން އެކުލަވާލައި، މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ ޕްލޭނެއް އޮތްކަން ރިޔާސީ ބަޔާނުގައި ވިދާޅުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2025 އަދި 2026 ވަނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަނބުރާ ދައްކަން ރާވާފައިވާ ގޮތުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައި 31 ޖުލައި 2023 ވަނަ އަހަރު ކުރީގެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ސްޓްރެޓެޖީ ވަނީ ޝާއިއު ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާ ސާފުކޮށް ދެއްކެން ހުރި ކަންކަމުގެ ވާހަކަ އުނިކުރައްވައި، ދަރަނި އަދާކުރާނެ ގޮތުގެ އެއްވެސް ސީރިއަސް ޕެލޭނެއް މި ސަރުކާރުގައި އޮތްކަންވެސް ފާހަގަ ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ނިންމަވާލެއްވީ ޒިންމާދާރުކަން ކުޑަކޮށް،" ރަަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި މިނޫން ވެސް ގިނަ އޮޅުވައިލުންތަކެއް ހުރި ކަމަށް ތުހުަމަތުކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެެވެ.

"ކޮންމެ މީހެއް ގާތުންވެސް ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަކީ ކޮބައިތޯ އައްސަވާ، ވިދާޅުވާނެ އެއީ މަސްތުވާތަކެތީގެ މައްސަލަކަމަށް، އަޅުގަނޑު މި ރިޔާސީ ބަޔާން އަޑު އަހާފައި އެންމެ ކަންބޮޑުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ރައީސް ވިދާޅުނުވީމާ، މިއީ ހަޤީޤަތުގައި ވަރަށް ސީރިއަށް މައްސަލައެއް،" ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރިޔާސީ ބަޔާނުގައި ހުރި އުނިކަން ކަމަށް އެމްޑީޕީން ދެކޭ ގިނަ ކަންތައްތަކެއްގެ ތަފްސީލު އޭނާ ދެެއްވި އެވެ.