Advertisement

ލެވަންޑޯސްކީގެ ލަނޑާ އެކު ފަހު ވަގުތު ބާސެލޯނާ އަށް މޮޅެއް

18 ފެބުރުވަރީ 2024 - 10:16 0


ލެވަންޑޯސްކީގެ ލަނޑާ އެކު ފަހު ވަގުތު ބާސެލޯނާ އަށް މޮޅެއް

18 ފެބުރުވަރީ 2024 - 10:16 0

ބާސެލޯނާ (18 ފެބްރުއަރީ) - މެޗުގެ އިތުރު ވަގުތުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑާ އެކު ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވީގޯ އަތުން 2-1 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ސެލްޓަ އަތުން މޮޅުވެ، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 54 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގަ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު ހަތް ޕޮއިންޓް ފަރަގެއް އެބައޮތެވެ. ލީގުގައި މިއަދު ރަޔޯ ވަޔަކާނޯއާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ.

ސެލްޓާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީ އެވެ.

އެކަމަކު، މެޗުގެ ދެ ވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއްނުވެ، ސެލްޓާގެ ތަޖުރިބާކާރު ފޯވަޑް އިއާގޯ އަސްޕާސް ވަަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ރެލިގޭޝަން އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ސެލްޓާ އަތުން ބާސެލޯނާ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ލެވަންޑޯސްކީ ކާމިޔާބު ކުރުމުންނެވެ.

ލެވަންޑޯސްކީ އެންމެ ފުރަތަމަ ޖެހި ޕެނަލްޓީ ސެލްޓާގެ ގޯލްކީޕަރު ވިސެންޓޭ ގުއައިޓާ ވަނީ ދިފާއުކޮށްފަ އެވެ. އެހެން ނަމަވެސް ގުއައިޓާ ގޯލު ރޮނގު މަތިން ނުކުމެފައިވާތީ، ރެފްރީ އެންގީ އަލުން އެ ޕެނަލްޓީ ޖެހުމަށެވެ. ދެވަނަ ފުރުސަތުގައި ލެވަންޑޯސްކީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ޒަވީ ހެނާންޑޭޒް ބުނި ފަހުން އެ ޓީމުގެ ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފަ އެވެ.

ޒަވީ ބުނީ މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް އޭނާ ބުނި ފަހުން، ޓީމުގެ ފަރާތުން ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ.

"އަހަރެން ޓީމުން ވަކިވާން ނިންމާފައިވާކަން އިއުލާންކުރި ފަހުން، ޓީމުގެ މަސައްކަތުގެ ރޭޓާއި ވިސްނުމާއި އެހެން ހެޔޮ ބަދަލުތަކެއްވެސް ފެނޭ. އެއީ އަހަރެން ބޭނުންވާ ގޮތަކީ،" ޒަވީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި ބުދަ ދުވަހުގެ ރޭ ނަޕޯލީއާ ދެކޮޅަށް ބާސާ ނުކުންނާނެ އެވެ.

ސްޕެނިޝް ލަލީގާގައި އިއްޔެ ލަސް ޕަލްމާސް އަތުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް މޮޅުވީ 5-0 އިންނެވެ. މި މެޗުގައި އެތުލެޓިކޯގެ މާކޮސް ލޮރެންޓޭ އާއި އަންހެލް ކޮރެއާ، ދެ ލަނޑު ޖެހިއިރު، މެމްފިސް ޑިޕާއީވެސް ވަނީ ލަނޑެއް ޖަހައިފައެވެ.

އެޓުލެޓިކޯ މި ވަގުތު އޮތީ 51 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ.