Advertisement

ދުވާފަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި، މައްސަލަ ހައްލު ނުވެ 12 ގަޑިއިރު!

17 ފެބުރުވަރީ 2024 - 23:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރ. ދުވާފަރު މަތިން ނަގާފައިވާ ފޮޓޯ: -- ފޮޓޯ: އިސްމާއީލް އަހުމަދު


ދުވާފަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި، މައްސަލަ ހައްލު ނުވެ 12 ގަޑިއިރު!

17 ފެބުރުވަރީ 2024 - 23:51 0

ރ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށް، ދުވާފަރުގެ ބޮޑު ސަރަހައްދަކުން މިއަދު ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް "އަދަދު" ނޫހަށް ވިދާޅުވީ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ހެނދުނު 10:00 ގެ ކުރިން ކަމަށާއި 12 ގަޑިއިރު ވެގެން ދިޔައިރު ވެސް މައްސަލަ ހައްލު ނުވާ ކަމަށެވެ.

ދުވާފަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ އެމްޑަބްލިޔޫއެސްސީ އިންނެވެ.

ކަރަންޓު ދިޔައީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށް ހަކީމް ވިދާޅުވި އެވެ.

"މައްސަލަ ހައްލު ކުރުމަށް މިރޭ ދަންވަރުގެ ވަގުތެއްގައި އެމްޑަބްލިއުއެސްސީގެ ޓެކްނީޝަނުންގެ ޓީމެއް އަންނާނެ. މައްސަލަ އަވަހަށް ހައްލު ކުރުމަށް ބުރަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކުރެވިފައި" ހަކީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގެ 300 އަށް ވުރެ ގިނަ ގެއިން ކަރަންޓެއް ގޮސްފައިވާ ކަމަށް ރަށުގެ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ނިދަން ވެސް ދަތިވެ، ގިނަ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ވަގުތުތަކެއް ދާތީ ދުވާފަރުގެ ރައްޔިތުންގެ ބަޔަކު މިރޭ ވަނީ ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

އެޑިޓަރުގެ ނޯޓު

ތިޔަ ހުރީ ދުވާފަރުގައި ހެއްޔެވެ؟ އެ ރަށުގައި ހުރި ނަމަ ރަށުގެ މިހާރުގެ ހާލަތު ފެންނަ ވީޑިއޯ، ފޮޓޯ "އަދަދު" ނޫހަށް ހިއްސާކޮށް ދެއްވުން އެދެމެވެ. އެކްސްއިން ނުވަތަ ފޭސްބުކުން ފޮނުވިދާނެ އެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރާށެވެ.