Advertisement

ބޯހިޔާވަހިކަން ދިނުމުގައި "ހަވާސާ މީހުންނަށް" އިސްކަންދޭ ގާނޫނެއް ހަދަނީ

17 ފެބުރުވަރީ 2024 - 19:02 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އާއި ފަސްޓުލޭޑީ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ތެރެއިން: މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަބަބުތަކާ ހުރެ މުޖްތަމައުއިން ބާކީވެފައި ތިބޭ މީހުންނަށް، ސަރުކާރުގެ އެކި ހައުސިން ސްކީމްތަކުގައި އިސްކަން ދޭ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅާނެކަމަށް -- ފޮޓޯ: ރައީސް އޮފީސް


ބޯހިޔާވަހިކަން ދިނުމުގައި "ހަވާސާ މީހުންނަށް" އިސްކަންދޭ ގާނޫނެއް ހަދަނީ

17 ފެބުރުވަރީ 2024 - 19:02 0

އެކި ސަބަބުތަކާ ހުރެ އަޅާނުލެވި، ބާކީކޮށްލެވިފައިވާ ތިބޭ މީހުންނަށް ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިސްރަށްވެހިންގެ މަރުކަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި މަޝްރުއޫތަކުގެ ދަށުން ގޯއްޗާއި ފްލެޓު ދޭއިރު، މުޖްތަމައުގައި ހަވާސާވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް، ޝަރުތުތަކާއި ސްކީމްތައް އެކުލަވާލަވާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

"ހާއްސަ ސަމާލުކަމެއް ދީގެން ތިޔަ ލޮބުވެތި ރައްޔިތުންނަށް، މި ސަރުކާރުން ގާއިމްކުރާ ގެދޮރުގެ އެކި ކަހަލަ މަޝްރުއޫތަކުގައި މި ސަމާލުކަން ދީގެން ފުރުސަތު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންނާއި އަދި އަޅާނުލެވި ހަވާސާވެފައިވާ ފަރާތްތަކަށް މި ވެރިކަމުގައި ކަންކަން ކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

"ގެދޮރު އެޅުމަށް ކުރިއަށް ގެންދާ މަޝްރޫތަކުގައި އެކި ކަހަލަ ޝަރުތުތަކާ، ކެޓަގަރީތައް ފަދަ ކަންތައްތައް ކަނޑައަޅާއިރު، މި ދެންނެވި ހަވާސާކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަން ދޭން. މިކަމަށް ހާއްސަ ބިލެއް ވެސް އަޅުގަނޑުމެން ތާރަފްކުރަން ނިންމައި މަޖިލީހަށް ފޮނުވޭނެ. ގެދޮރުވެރިކަމުގެ އެކިކަހަލަ ގިންތިތައް ކަނޑައެޅޭ ބިލެއް" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަން ހޯދައިދިނުމުގައި އެކިގިންތިތައް ކަނޑައެޅޭ ބިލު ފަރުމާކުރާނީ މުޖްތަމައުން ބާކީކުރެވިފައި ތިބޭ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.