Advertisement

މަސް އޮޑި ސަޕޯޓަރުން ދެއްކި ނަމޫނާ އަށް އަކްރަމްގެ ތައުރީފު

17 ފެބުރުވަރީ 2024 - 09:46 0

ވިކްޓަރީގެ ކެޕްޓަން އަކޫ: މަސް އޮޑި ސަޕޯޓަރުން އިއްޔެގެ ފައިނަލުގައި ފެނުނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މަސް އޮޑި ސަޕޯޓަރުން ދެއްކި ނަމޫނާ އަށް އަކްރަމްގެ ތައުރީފު

17 ފެބުރުވަރީ 2024 - 09:46 0

ދެ ވަނަ ޑިވިޝަން ފައިނަލް މެޗުގައި އިއްޔެ މަސް އޮޑި ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކަށް ސެލިއުޓްކުރާ ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަކްރަމް އަބްދުލް ގަނީ (އަކޫ) ބުނެފަ އެވެ.

މަސް އޮޑިން އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ވިކްޓަރީން ފަހަތުން އަރައި އެއްވަރުކުރިއިރު، ދެ ވަނަ ގޯލު ޖެހީ އަކޫ އެވެ. މަސް އޮޑި މޮޅުވީ އިތުރު ވަގުތުގައި ޖެހި ގޯލާ އެކު، 3-2 އިންނެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މަސް އޮޑިން ވަނީ ދިވެހި ފުޓްބޯޅައިގައި ފުރަތަމަ ތަށި ހޯދައިފަ އެވެ. އެ ޓީމު ދެ ވަނަ ޑިވިޝަނަށް އެރީ ތިން ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގަ އެވެ.

އިއްޔެގެ މެޗަށް ފަހު، މަސް އޮޑި ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން، އަކޫ، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަސް އޮޑި ސަޕޯޓަރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުރި ކަންތައްތަކަށް "ސެލިއުޓް ކުރާ" ކަމަށެވެ.

"ތިޔަ ދައްކާލަދިނީ ފުޓްބޯޅައިގެ ރީތި ނަމޫނާއެއް މިއަދު. މިއީ އަޅުގަނޑުމެން އެންމެން ވެސް ގަލޮޅު ދަނޑުން ފެންނަން ބޭނުންވާ ވާދަވެރިކަން. މިއީ މި ކުޅިވަރު ދެކެ އަޅުގަނޑުމެން އެންމެން ވެސް ލޯބިވާ ސަބަބު،" ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރި އަކޫ ބުންޏެވެ.

"މި ދަނޑަކީ އަޅުގަނޑުމެން އާއިލާ މެމްބަރުން ވެސް ވަދެ މެޗު ބަލާލެވޭ ފަދަ މާހައުލެއް އޮތް ތަނަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޓީމު ފަހަތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ތިބޭނެ ގޮތުގެ މިސާލެއް ދެއްކީތީވެ،"

މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީން ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުުގެ ފަހު ވަގުތުގައި ފައުލަކަށް ފަހު، ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކުޑަހެންވޭރާއި ވިކްޓަރީ މެޗުގައި އެ ހިނގި ހަަމަނުޖެހުންތަކުގައި، ލިބުނު އަނިޔާތަކާ ހެދި، ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަސީޗޭފް ވަނީ ރާއްޖޭން ގޮސްފަ އެވެ. ވިކްޓަރީން ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުނީ އަނަޓޯލީ ނުލަ އެވެ.