ވިކްޓަރީ ބަލިކޮށް މަސް އޮޑިން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

Feb 16, 2024, 12:42 PM
މަސް އޮޑިން ދެ ވަނަ ޑިވިޝަންގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަސް އޮޑިން ދެ ވަނަ ޑިވިޝަންގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިތުރު ވަގުތުގައި ޖެހި ގޯލާ އެކު، 3-2 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، މަސް އޮޑި ސްޕޯޓްސް ކްލަބުން، އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފައިނަލުގެ ޖާގަ އަކާ އެކު ވިކްޓަރީ އާއި މަސް އޮޑި އަށް ވެސް ވަނީ އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.

މިދިޔަ ސީޒަނުގެ ތިން ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެ ވަނަ ޑިވިޝަނުގައި އަލަށް ކުޅުނު މަސް އޮޑިން ދެ ވަނަ ޑިވިޝަން ތަށި މި ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ހަމަލާ އުފެއްދީ ވިކްޓަރީންނެވެ. އެ ގޮތުން، މެޗުގެ 14 ވަނަ މިނިޓްގައި ވިކްޓަރީގެ އަހުމަދު ސުހައިލް (ބަމްޕުޗު) ޖެހި ޝޮޓް، މަސް އޮޑި ޓީމުގެ ކީޕަރު، މިސްރުގެ އަބްދުލްހަމީދު ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، މަސް އޮޑި ޓީމުގެ އަބްދުﷲ ޒިޔާން (ޖަންކީ) ޖެހި ޝޮޓެއް، ވިކްޓަރީގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބު ވަނީ އަތަށް ނަގައިފަ އެވެ.

މަސް އޮޑި ލީޑުނެގީ، 23 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. މިއީ ޒިޔާން މަތިމަތިން އޭރިއާތެރެއަށް ނެގި ބޯޅައަކުން، އިއްބެ ބޮލުން ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން، އިއްބެ އާއި ޒިޔާން ގުޅިގެން ކުރި އެޓޭކެއްގައި، މަސް އޮޑި ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ހުސެއިން ޝަރީފް (މުޑާ) އެވެ. މިއީ، އިއްބެ ދިން ބޯޅައަކަށް ޒިޔާން އޭރިއާތެރެއަށް ދުވި ވަގުތެއްގައި، ވިކްޓަރީގެ ކީޕަރު ހަނީފް އަތުން ދޫވި ބޯޅައެއް ހޯދައި، ޝަރީފް ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅައެކެވެ.

މަސް އޮޑި ޓީމުގެ ހުސެއިން ޝަރީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދެ ގޯލުގެ ލީޑެއް މަސް އޮޑިން ނެގުމާ އެކު، ވިކްޓަރީން ވަނީ ބަމްޕުޗުގެ ބަދަލުގައި އިބްރާހިމް ރިޒްހާން (ރިޒްކޯ) ކުޅެން އަރުވައިފަ އެވެ.

ވިކްޓަރީން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މަތިމަތިން އޭރިއާތެރެއަށް ނެގި ބޯޅައަކަށް އަރައި، މަސް އޮޑި ޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ) ކައިރިން ދެމިގަތުމަށް ފަހު، ބޮކުރީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރިޒްކޯ ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފަށް ވިކްޓަރީން ނުކުތީ ބޮކުރީގެ ބަދަލުގައި، ބެލަރޫސް ފޯވާޑް، އިވާން ވެރާސް ކުޅެން އަރުވައިގެންނެވެ، މި ހާފުގައި ވިކްޓަރީން ފުރަތަމަ އެޓޭކް ތަނަވަސްކުރީ އިވާންގެ އެހީއާ އެކު އެވެ. އެ ގޮތުން، މެޗުގެ 57 ވަނަ މިނިޓްގައި އިވާން ބޮލުން ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ހޯދައި، އުމެއިރު ފޮނުވާލި ހަމަލާ ކީޕަރު އަބްދުލް ހަމީދު ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީން ބަދަލަކަށް ކުޅެން އެރި، އަހުމަދު ނިޝާން (ކާނޫ) އަށް މެޗުގެ 78 ވަނަ މިނިޓްގައި ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެެވެ. އޭރިއާތެރެއިން ކާނޫ ޖެހި ބޯޅަ ކީޕަރު އަބްދުލްހަމީދު ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އޭގެ ޖެހިގެން އައި މިނިޓްގައި، އޭރިއާތެރެއިން ވިކްޓަރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި، އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ވިކްޓަރީ އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ އިތުރު ވަގުތު މަސް އޮޑި މޮޅުކޮށްދިން ލަނޑު ޖެހީ، އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އޮޑީލީ ޗިޑީ ފެލިކްސް އެވެ. އޭރިއާތެރެއިން އޭނާ އަށް ލިބުނު ބޯޅަ ހަމަޖެހިލައިފައި ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ގޯލު ޖެހުމުގެ ކުރިން، މަސް އޮޑި ޓީމުގެ ކެޕްޓަން، އިއްބެ ހިލޭ ޖެހުމަކުން ޖެހި ބޯޅައެއް ކީޕަރު ހަނީފް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ފެލިކްސް ހުސްކޮށް ހުރެފައި ޖެހި ބޯޅަ ކީޕަރު ހަނީފަށް މަތައެއް ނުކުރެވުނެވެ.

ވިކްޓަރީން މި މެޗުގައި ކުޅުނީ އެ ޓީމުގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަސީޗޭފް ނުލަ އެވެ. މުބާރާތުގައި ވިކްޓަރީ އަށް މޮޅު ކުޅުމެއް ދައްކައިދިން އަނަޓޯލީ ވަނީ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، ރާއްޖެ ދޫކޮށް ގޮސްފަ އެވެ.

ފައިނަލް މެޗަށް ފަހު، މަސް އޮޑި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox