Advertisement

މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓު ދާލު އެއާޕޯޓަށް ޖައްސައިފި

16 ފެބުރުވަރީ 2024 - 12:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބެންގަލޫރުން އައި މަންޓާގެ ފްލައިޓު: މިއީ ދާލު އެއާޕޯޓަށް ޖެއްސި ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓު -- ފޮޓޯ: މަންޓާ


މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓު ދާލު އެއާޕޯޓަށް ޖައްސައިފި

16 ފެބުރުވަރީ 2024 - 12:21 0

ރާއްޖޭގެ އެންމެ ހަގު އެއާލައިން، މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް އެ އެއާލައިނުން ގާއިމުވެފައިވާ ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަށް ދާދި ދެންމެއަކު ޖައްސައިފި އެވެ.

އިންޑިއާގެ ބެންގަލޫރުން މިއަދު ހެނދުނު ފުރައިގެން މަންޓާ އެއާގެ ފްލައިޓް ސީދާ ދާލު އެއާޕޯޓަށް ޖައްސާފައިވާއިރު، މިއީ އެ އެއާލައިނުގެ ބައިނަލްއަގުވާމީ ދަތުރުތަކުގެ ފެށުމެވެ.

އެގޮތުން ބެންގަލޫރުން ސީދާ ދާލު އެއާޕޯޓަށް މާޗު މަހުން ފެށިގެން ހަފުތާއަކު ތިން ދަތުރު ފަށަން މަންޓާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ، ހުކުރު ދުވަހު އިންޑިއާގެ ބެންގަލޫރުން ކުޑަހުވަދޫއަށް އަދި ކުޑަހުވަދޫން ބެންގަލޫރަށެވެ.

މަންޓާއިން ދާލު އެއާޕޯޓާއި ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފެށުމާއެކު ދ. އަތޮޅު ކައިރީ ރިސޯޓްތަކަށް ދާން ބޭނުންވާ ޓޫރިސްޓުންނަށާއި އެ ހިސާބުގަނޑުގައި އުޅޭ ދިވެހިން އިންޑިއާއަށް ދަތުރުކުރަން އިތުރު ފަސޭހައެއް ލިބިގެންދާނެ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި އޮންނަ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުގޮސް ސީދާ ދާލު އެއާޕޯޓަށް ދެވުމުން އެ ހިސާބަށް ދާން ބޭނުންވާ ފަރާތްތަކަށް ވަގުތު ސަލާމަތްވެ، ހަރަދުތައް ކުޑަކުރެވޭނެ އެވެ. ބެންގަލޫރަކީ ބޭސް ފަރުވާގެ ކަންކަމަށާއި ޗުއްޓީއަށް ދިވެހިން ދަތުރުކުރާ މަންޒިލެކެވެ.

އިންޑިއާ ދަތުރުތައް ފެށުމަށް ފަހު މަންޓާ އިން އަންނަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދުވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ ފަސް އަހަރު ކުރިން އޮޕަރޭޝަން ފެށި މަންޓާއިން އަންނަނީ ކުޑަހުވަދޫއަށާއި ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން ރިސޯޓުތަކަށް ސީޕްލޭންގައި ދަތުރުތައް ކުރެ އެވެ.