Advertisement

ގުޅީފަޅު ހިއްކަން ސޮއިކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް: މުއްތަލިބު

15 ފެބުރުވަރީ 2024 - 16:39 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ތިލަމާލެ ބްރިޖުގެ މަސައްކަތް މުއްތަލިބު ބައްލަވާލައްވަނީ. މި ބްރިޖުން މާލެ, ވިލިމާލެ, ގުޅީފަޅު އަދި ތިލަފުށި ގުޅާލާއިރު އެ ގުޅީފަޅުގައި ބޯހިޔާވަހިކަމާއި ގެދޮރުވެރިކުރުމުގެ މަޝްރޫއުތައް ހިންގާނެ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ގުޅީފަޅު ހިއްކަން ސޮއިކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް: މުއްތަލިބު

15 ފެބުރުވަރީ 2024 - 16:39 0

ނިމިދިޔަ ސަރުކާރުން ގުޅީފަޅު ހިއްކަން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ވާތީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރުކުރި އެވެ. ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ކުރުން ފަސް ކުރަން އަމުރު ކޮށްފަ އެވެ.

"ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް. ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން," ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އެ މަޝްރޫއުގެ ކަންކަން ވެސް ބަލަހައްޓަވާ މުއްތަލިބު ވިދާޅުވެފައިވެ އެވެ.

އެ އަމުރާ ގުޅިގެން ސަރުކާރަށް އަނެއްކާ ވެސް ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔުމުގެ ހުއްދަ ލިބިފަ އެވެ.

މިދިޔަ ސަރުކާރުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ހުރި އަކްރަމް ކަމާލުއްދީން ވަނީ ގުޅީފަޅު ހިއްކުން ހުއްޓުވާލީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ދަށުން ބިން ހިއްކުން ހުއްޓާފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތުން ގެއްލުމުގެ ގޮތުގައި ބޮސްކާލިސްއަށް ބަދަލު ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މަސައްކަތް ނުކުރެވި އޮންނަ ކޮންމެ ދުވަހަކު ޑެމެޖަސް ގެ ގޮތުގައި ދުވާލަކު ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ކުލެއިމްސް (ބަދަލު) ގެ ގޮތުގައި ބިން ހިއްކާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭނެ،" އަކްރަމް އެކްސްގައި ހިއްސާކުރައްވާފައިވެ އެވެ.

އެ ފަޅަށް 192 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި 42 ހެކްޓަރު ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކަން ފެށީ ޖޫން, 2020, ގަ އެވެ. އަދި, ނިމުނުކަން ސަރުކާރުން އިއުލާނުކުރީ ޖެނުއަރީ, 2021, ގަ އެވެ. ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކުރީ އެ ފަޅު ހިއްކުމުގައި އެންމެ ކުރީންސުރެ ހަރަކާތްތެރިވި ނެދަލޭންޑްސްގެ ބޮސްކާލިސް އަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 150 ހެކްޓަރުގެ ބިން ހިއްކަން ފެށީ ޖުލައި 2, 2023 ގަ އެވެ. އެ މަސައްކަތް ވެސް 150 މިލިއަން ޑޮލަރަށް ހަވާލުކުރީ ބޮސްކާލިސްއާ އެވެ. އެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ވެސް ގުޅިފަޅުން ވަނީ ދޫކޮށްފަ އެވެ.

މި އެއްބަސްވުންތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ސޮއިކުރި އެއްބަސްވުންތަކެއް ކަމަށް މި ސަރުކާރުން ބުނި އިރު އެއީ އެއްބަސްވުމުގެ ވަކިވަކި ކޮން މާއްދާއެއް ކަމެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ބެލެވޭ ގޮތުގައި އެއީ ބިން ހިއްކުން ހުއްޓިފައި އޮންނަ ވަގުތު ބޮސްކާލިސްއަށް ދޭން ޖެހޭ ފައިސާއާ ގުޅޭ މާއްދާތަކެވެ.