Advertisement

ގިރާވަރުފަޅުން ލިބުނި ގޯތީގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން އެދުނީ 1،913 ގޯތި

26 އޭޕްރީލް 2024 - 22:33 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ގުޅީފަޅު : ގިރާވަރުފަޅުން ލިބުނި ގޯތީގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން އެދުނީ 1،913 ގޯތި - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


ގިރާވަރުފަޅުން ލިބުނި ގޯތީގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން އެދުނީ 1،913 ގޯތި

26 އޭޕްރީލް 2024 - 22:33 1

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 1،913 ފަރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މި މަހު ހަތެއްގައި އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރާނީ 1347 ގޯތި ކަމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ކަމަށެވެ.

ނަމަވެސް، ގޯތި ބަދަލުކުރާން އެދުނު ފަރާތްތަކުގެ އަދަދު ވަނީ ބަދަލުކުރަން ނިންމާފައިވާ އަދަދަށްވުރެ އިތުރުވެފަ އެވެ. އެގޮތުން އިތުރަށް އެދިފައިވަނީ 1250, އަދި 1650 އަކަފޫޓުގެ ގޯއްޗަށެވެ.

މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ދެ ސައިޒުގެ ގޯތި ބަދަލުވާނެ ފަރާތްތައް ކަނޑައަޅާނީ ނެގޭ ގުރުއަތަކުންނެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އިއުލާނެކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން، 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެ ހުރިހާ ފަރާތްތަކުގެ ގޯތިވެސް ބަދަލުވާނެ އެވެ.

މި އިއުލާނާއެކު ހައުސިން މިނިސްޓްރީން ވަނީ ގުޅީފަޅަށް ބަދަލުކުރަން އެދުނު ފަރާތްތަކުގެ ލިސްޓެއްވެސް އިއުލާނުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މެއި މަހު ފުރަތަމަ ދުވަހުގެ ރޭ 23:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

ގޯތިތައް ބަދަލު ކުރާ ސަބަބެއް ކަމަށް ސަރުކާރުން ބުނީ ގިރާވަަރުފަޅުގައި ޖާގަ ނެތުމެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް،" ހައުސިންއިން ކުރިން އާންމުކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅީފަޅުން ހިއްކާ ބިމުގެ ތެރެއިން ކުރީ ސަރުކާރުން ފެށި މަޝްރޫއު ވަނީ އެޕްރީލް 16، ގައި ނިންމާލާފަ އެވެ. މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ހިއްކާފައިވެ އެވެ.

ނަމަވެސް ބަދަލުކުރާ ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ މި ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް އިތުރުކުރާ 85 ހެކްޓަރުގެ ބިމުންނެވެ. މި ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މިހާރު ހަވާލުކޮށްފައިވާއިރު އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ނޭގެ އެވެ.

ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަށް ރައީސް ޑރ. މުއިއްޒު އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި އެވެ. މިދިޔަ ހަފުތާގެ ހުކުރު ދުވަހު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް ރައީސް އެ ވައުދުވެވަޑައިގަތެވެ.

"އަޅުގަނޑު މި ވައުދުވީ، ނުހިއްކާ އޮތް ތަނުން ވެސް، ފަޅު ތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނީއްޔާމު އެ ފްލެޓެއް ދޭން ނިންމި ތަނަކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑު ވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މި ތިބީ. އިރާދަކުރެއްވިއްޔާ އެ ވައުދު ހަމަ އެ ގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވި އެވެ.