Advertisement

ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތް ފޯރިއާއެކު ކުރިއަށް

15 ފެބުރުވަރީ 2024 - 15:16 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގައުމީ ވާހަކަދެއްކުމުގެ 37 ވަނަ މުބާރާތުގެ ތެރެއިން -- ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ


ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތް ފޯރިއާއެކު ކުރިއަށް

15 ފެބުރުވަރީ 2024 - 15:16 0

އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރަތް ފޯރިއާއެކު ކުރިއަށް ގޮސް، ސާނަވީ ގިންތީގެ ބައި ނިންމާލައިފި އެވެ.

ތިން ގިންތިއަކަށް ބަހާލައިގެން ޖުމުލަ 261 ސުކޫލު ދަރިވަރުންނާއެކު މިމަހުގެ 11 ވަނަ ދުވަހުގައި ފެށި، ވާހަކަދެއްކުމުގެ މުބާރާތް އިންތިޒާމުކޮށް ބާއްވަނީ ދިވެހި ބަހުގެ އެކެޑަމީންނެވެ.

މުބާރާތާއި ގުޅޭ ގޮތުން އެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފު އަބްދުއްރަހީމް މިއަދު "އަދަދު" އަށް ވިދާޅުވީ، މުބާރާތް ކުރިއަށްދާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ދިވެހި ބަހުން ކުރިއަރައި، ބަހަށް ޝައުގުވެރިވާ ކުދިންނަށް ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި މުބާރާތުގެ ބައިވެރިންވެސް ފާހަގަކުރާކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރުގެ މުބާރާތް ކުރިއަށްދާ ގޮތާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ކުޅަދާނަ ފަނޑިޔާރުންނާ ކޯޗުންނާއެކު މި މުބާރާތް މިހާރު މި ކުރިއަށްދަނީ،" ޑރ. އަޝްރަފު ފާހަގަކުރެއްވި އެވެ.

ޖުމުލަ ނުވަ ފަނޑިޔާރުން ފަނޑިޔާރުކުރައްވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ތިން ގިންތިއަކުން ތަފާތު މައުލޫތަކަށް ދަރިވަރުން ވާހަކަދައްކަ އެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ތަފާތު މައުލޫތަކެއް ހިމަނައިގެން ފަށާ މުބާރާތުގެ ޒަރިއްޔާއިން މައުލޫމާތު މުއްސަނދިވާކަން މުބާރާތުގެ ބައިވެރިން ފާހަގަކުރެ އެވެ.

މުބާރާތުގެ ގިންތިތައް

  • ދަށު ސާނަވީ (ގުރޭޑު 7،8)
  • ސާނަވީ (ގުރޭޑު 9،10)
  • މަތީ ސާނަވީ (ގުރޭޑު 11،12)

ގުރުވަތުން ހޮވޭ މައުލޫއަކަށް ވާހަކަދެއްކުމަށް ކޮންމެ ގިންތިއެއްގެ ދަރިވަރަކަށް ވެސް ވަކި ވަގުތެއް ކަނޑައެޅިފައި ހުންނަ އިރު، ވާހަކަދައްކައި ނިމުމާއެކު ފަނޑިޔާރުން އެ ކުއްޖެއްގެ ވާހަކަ ދެއްކުމަށް ބިނާކޮށް ތަރާދުގެ ތަރިތަކެއް ދެ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދާ ކުދިން ހޮވަނީ މި ތަރިތަކަށް ބިނާކޮށެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއިއެކު، ޔުނިވާސިޓީ، ކޮލެޖު އަދި ޖަމިއްޔާތަކަށް ހާއްސަކޮށްގެން ދިވެހި ބަހުގެ އެކަޑަމީއިން ބަހުސް މުބާރާތެއް ވެސް ކުރިއަށްގެންދެ އެވެ.