Advertisement

ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިނުދެވޭ ގޮތް ހަދަން ގޮވާލައިފި

4 ޖަނަވަރީ 2026 - 19:27 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު ދުވާފަރު ސްކޫލުގެ ދަރިވަރުންތަކަކާއެކު: ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިނުދެވޭ ގޮތް ހަދަން އިލްމުވެރިން ވަނީ ގޮވާލާފަ ---- ފޮޓޯ: ރައީސް އޮފީސް


ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިނުދެވޭ ގޮތް ހަދަން ގޮވާލައިފި

4 ޖަނަވަރީ 2026 - 19:27 4

ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ވީހައިވެސް މަދުކޮށް އެކަން ހުއްޓާލެވޭނެ ގޮތެއް ހޯދަން ގޮވާލައި ދީނީ އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު ބައެއް ކަންކަން އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ ކަންބޮޑުވަނީ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީ ކަމަށެވެ.

ކުރިން ރާއްޖޭގެ ސްކޫލުތައް އޮތީ ފުދޭވަރަކަށް ބޮޑަށް ދެ ޖިންސު ވަކިވެފައި ކަމަށް އިލްމުވެރިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވަކި ޖިންސަށް ހާއްސަ ކްލާސްތަކާއި ސްކޫލުތައް ހުރި ހުރުން ފާހަގަކުރި އެވެ. އަދި، 2008 ގައި އުފެދުނު ސަރުކާރުން އެކަން ބަދަލު ކުރި ކުރުން މި ސިޓީގައި ކުށްވެރިކޮށްފައިވެ އެވެ.

ދެ ޖިންސު މަސްހުނިވެ، އަންހެނުން ކުދިންނާއި ފިރިހެންކުދިން ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އާންމުވާ ކަމަށާއި ދެ ޖިންސު ވަކިން ކިޔަވައިދިނުމަކީ ކިޔެވުން ރަނގަޅުވާނެ ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީ ނިންމާލާފައިވަނީ މިކަމުގެ ސަބަބުން ކުރިމަތިވާ ކަމަށް އެ ބޭފުޅުން ގަބޫލުކުރާ ދީނީ، އަހުލާގީ، އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސްކޫލުތައް ވީހާވެސް ބޮޑަށް މަސްހުނި ނުވާނެހެން ހިންގަން ގޮވާލަމުންނެވެ.

އިލްމުވެރިންގެ ގުޅުމުން މިފަދަ ސިޓީއެއް ލިޔެފައިވާއިރު ސަރުކާރުން މި ފަހުން ވަނީ ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑު ހަތަރަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ހުރިހާ އަންހެން ދަރިވަރުންގެ ރަސްމީ ސްކޫލް ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމާއެކީ ސްކާޓް ލާން ބޭނުން ނަމަ ހަރުވާލު ލާން މަޖުބޫރުކޮށްފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލާފައިވާ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ގައިވާ ގޮތުން، ޔުނީފޯމާއެކީ ސްކާޓު އެކަނި ލެވޭނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖު 1 ގެ އަންހެން ދަރިވަރުންނަށް އެކަންޏެވެ. މިއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑު ތިނަކާ ހަމައަށެވެ.

އަންހެން ދަރިވަރުންނަށް ސްކާޓާ އެކީ ހަރުވާލު ލާން މަޖުބާރުކުރަން ސަރުކާރުން ނިންމިއިރު، މި ރާއްޖޭގައި ސްކޫލްތައް އުފެދުނީއްސުރެން މިއަދާ ހަމައަށް ވެސް ސްކޫލްތަކުގައި ކުދިންގެ ރަސްމީ ޔުނީފޯމަކީ ސްކާޓެކެވެ. އަދި ބުރުގާ އަޅާ ދަރިވަރުންނަށް، ޔުނީފޯމާ އެކީ ހަރުވާޅު ލެވެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ ޒަމާންވީ ގޮތް ދޫކޮށް، އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމް އަޅަން ތަފާތު ފަސް އޮޕްޝަނެއް ދީފަ އެވެ. މި އުސޫލަށް އަމަލުކުރަން ފަށަނީ 2027 ގައި ކަމުން، ޔުނީފޯމްތަކަށް ބަދަލު އަންނާނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ނިންމާފަ އެވެ.