Advertisement

އަސްލަމް އާއި ސަލީމް މަގާމުން ވަކިކުރުމުގެ މައްސަލަ: 13 މެމްބަރެއްގެ ސޮއި އަނބުރާ ނެގުމުން މައްސަލަ ބާތިލުވެއްޖެ!

14 ފެބުރުވަރީ 2024 - 07:58 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސަލްމ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


އަސްލަމް އާއި ސަލީމް މަގާމުން ވަކިކުރުމުގެ މައްސަލަ: 13 މެމްބަރެއްގެ ސޮއި އަނބުރާ ނެގުމުން މައްސަލަ ބާތިލުވެއްޖެ!

14 ފެބުރުވަރީ 2024 - 07:58 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ވަކިކުރަން ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވާފައި ވަނިކޮށް، 13 މެމްބަރެއްގެ ސޮއި އަނބުރާ ގެންދެވުމާއެކު އެ މައްސަލަ ބާތިލުވެއްޖެ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ސޮއި ނެންގެވި މެމްބަރުން ފޮނުއްވި ސިޓީ "އަދަދު" ނޫހަށް ލިބިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަށް އެޑްރެސް ކުރައްވައި އިއްޔެ ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ސޮއި އަނބުރާ ގެންދަވަން އެ ބޭފުޅުން ބޭނުންވީ އަސްލަމް އާއި ސަލީމް "[މަގާމުން ވަކިކުރުމުގެ] މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާތީ،" ކަމަށެވެ. އިތުރު ސަބަބެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ސޮއި ގެންދެވި މެމްބަރުންގެ ތެރޭގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ފޮނަދޫ ދާއިރާ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާ ގަރާރަކުންނެވެ. އެއީ މަދުވެގެން 20 މެމްބަރުންނެވެ.

އަސްލަމް އާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި 23 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ސޮއި ގެންދެވުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު ވަނީ ގެއްލިފަ އެވެ. އެހެންވެ، މައްސަލައިގެ ނޯޓިސް ފޮނުވާފައި އޮތަސް އެ މައްސަލަ ދެން ކުރިއަށް ނުގެންދާނެ އެވެ.

ސޮއި އަނބުރާ ގެންދެވި މެމްބަރުން

  1. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  2. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  3. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
  4. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
  5. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  6. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  7. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު
  8. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  9. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  10. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  11. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް
  12. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
  13. ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު