Advertisement

ޕާކިސްތާން އިންތިހާބު: ނަވާޒު ޝަރީފް އާއި ބުއްޓޫގެ ޕާޓީން ކޯލިޝަން ހަދަން ނިންމައިފި

14 ފެބުރުވަރީ 2024 - 06:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީޕީޕީ އާއި ޕީއެމްއެލްއެން ކުރި މަޝްވަރާގެ ތެރެއިން -- ފޮޓޯ: ޕީޕީޕީ


ޕާކިސްތާން އިންތިހާބު: ނަވާޒު ޝަރީފް އާއި ބުއްޓޫގެ ޕާޓީން ކޯލިޝަން ހަދަން ނިންމައިފި

14 ފެބުރުވަރީ 2024 - 06:28 0

ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވާދަވެރިން ކަމަށްވާ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އާއި ބިލަވާލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގުޅިގެން ސަރުކާރެއް އެކުލަވާލަން އެއްބަަސްވެއްޖެ އެވެ.

ޕާކިސްތާނުގެ އިންތިހާބު މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައި ވާއިރު، ސަރުކާރެއް އުފައްދަން ބޭނުންވާ މިންވަރަށް އެއްވެސް ޕާޓީއަކަށް އަގުލަބިއްތަތެއް ލިބިފައެއް ނުވެ އެވެ. ސަރުކާރެއް އެކުލަވާލުމަށްޓަކައި 266 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެ އެވެ.

މިފަހަރު އާ ސަރުކާރެއް އެކުލަވާލުމަށް ޕީއެމްއެލް-އެން އާއި ޕީޕީޕީ ކޯލިޝަން ހަދާއިރު، އިމްރާން ވެރިކަމުން ދުރުކުރުމަށްޓަކައި 2022 ވަނަ އަހަރު ވެސް އެ ދެ ޕާޓީން ކޯލިޝަން ހެދި އެވެ.

ޕީޕީޕީގެ ލީޑަރު އާސިފް އަލީ ޒަރްދާރީ ވިދާޅުވީ އޭނާގެ ޕާޓީ އާއި ޕީއެމްއެލް-އެން އެކަތިގަނޑަކަށްވީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.

"އަބަދު އަހަރެމެން [ހަނގުރާމަ ކުރުމަކީ] ބޭނުން ކަމެއް ނޫން،"ޒަރްދާރީ ވިދާޅުވި އެވެ.

ޕީއެމްއެލް-އެން އިން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ހަމަޖެހުމަށް ޓަކައި އެއްބާރުލުން ދިނުމަށް ދެ ޕާޓީން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މި ފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އިމްރާނު ޚާން ތާއިދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް 93 ގޮނޑި ލިބިފައިވާ އިރު، ޕީއެމްއެލް-އެން އަށް 75 ގޮނޑި، ޕީޕީޕީ އަށް 54 ގޮނޑި އަދި މުއްތަހިދާ ގައުމީ މޫވްމަންޓް-ޕާކިސްތާން (އެމްކިއުއެމް-ޕީ) އަށް 17 ގޮނޑި ލިބިފައިވެ އެވެ.

ޕީއެމްއެލް-އެންގެ އޮފިޝަލް ވިދާޅުވީ ޕާޓީގެ ލީޑަރު ޝަރީފްގެ ވިސްނުން ހުރީ ބޮޑުވަޒީރު ކަމަށް އޭނާގެ ކޮއްކޮ ޝަހްބާޒް ގެނައުމަށެވެ. މި ދެ ބޭފުޅުންނަކީ ވެސް މީގެ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

ކޯލިޝަން ހެދި ނަމަވެސް ބުއްޓޫ ކުރިން ވިދާޅުވެފައި ވަނީ ކެބިނެޓްގެ އެއްވެސް މަގާމެއް ބޭނުން ނުވާ ކަމަށެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިމްރާން ޚާނާއި އޭނާގެ ޕާޓީން ތުހުމަތުކުރެ އެވެ. ރޯމާ ދުވާލު ހިންގާ އެފަދަ ޖަރީމާއަކީ ހަމައެކަނި ރައްޔިތުންނަށް ކުޑައިމީސް ކުރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދު ވެސް އެ ވައްޓާލަނީ ވަޅުގަނޑަކަށް ކަމަށް ވިދާޅުވެ އިމްރާން ޚާން އިންޒާރު ދެއްވި އެވެ.