Advertisement

ޕާކިސްތާނުގައި ބަޔަކު މަރަން އިންޑިއާއިން ރޭވި ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވިކަމުގެ ތުހުމަތު

5 އޭޕްރީލް 2024 - 03:04 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އިންޑިއާއިން މަރާލި ކަމަށް ބެލެވޭ މީހަކު 2022 ގައި މަރާލި ކަމަށް ބެލެވޭ މީހެއް: ރާއްޖެ އާއި ނޭޕާލާއި މޮރިޝަސްގައި އެފަދަ ބައްދަލުވުންތައް ބޭއްވި ކަމަށް ބެލެވޭ -- ފޮޓޯ: އީޕީއޭ އިމޭޖާސް


ޕާކިސްތާނުގައި ބަޔަކު މަރަން އިންޑިއާއިން ރޭވި ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވިކަމުގެ ތުހުމަތު

5 އޭޕްރީލް 2024 - 03:04 1

ޕާކިސްތާނުގައި ހަރަކާތްތެރިވާ އެ ގައުމުގެ ޓެރަރިސްޓުން ކަމަށް އިންޑިއާއަށް ބެލެވޭ ބަޔަކު މަރަން ރޭވި ބައްދަލުވުންތަކެއް އިންޑިއާގެ އިންޓެލިޖެންސް އެޖެންސީ ރޯއިން ރާއްޖޭގައި ބޭއްވި ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.

އެކަން ހާމަ ކުރީ އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުންނެވެ. އެ ހަބަރު ރިޕޯޓުކޮށްފައި ވަނީ އިންޑިއާ އަދި ޕާކިސްތާނުގެ އިންޓެލިޖެންސް އޮފިސަރުންނާ އެ ނޫހުން ވާހަކަ ދެއްކުމަށްފަހެވެ. އަދި ޕާކިސްތާނުގެ އިންޓެލިޖެންސް އޮފިސަރުންގެ ފަރާތުން ލިބުނު ޑޮކިއުމެންޓުތަކަކަށް ވެސް އެ ނޫހުން ރިއާޔަތްކޮށްފައިވެ އެވެ.

ގާޑިއަން ނޫހުން ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ފެށިގެން އިންޑިއާއިން ޕާކިސްތާނުގައި އެ ގައުމުގެ ވިއްސަކަށް މީހުން ވަނީ މަރާލައިފަ އެވެ. އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީއާ ގުޅުވައި 2019 ވަނަ އަހަރުގެ އަމަލު ކުރަން ފެށި ޕޮލިސީއެއްގެ ދަށުން ކަމަށްވެ އެވެ.

އޭގެ ތެރެއިން ގިނަ މީހުން މަރާފައި ވަނީ އިންޑިއާގެ އިންޓެލިޖެންސް އިދާރާއިން ޔޫއޭއީގައި ހިންގާ ސެލްތަކުން ކަމަށްވެ އެވެ. މީހުން މަރަނީ ކުށްވެރިން ލައްވައި ނުވަތަ ފަގީރުން ލައްވައި، އެމީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ކަމަށްވެ އެވެ.

އިންޑިއާގެ އިންޓެލިޖެންސް އެޖެންސީ ރޯ ހިންގަނީ ސީދާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. އަދި އެފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގުމަށް ބޮޑުވަޒީރުގެ އޮފީހުގެ ހުއްދަ ނަގަންޖެހޭ ކަމަށް ގާޑިއަންއިން ބުނެފައިވެ އެވެ.

މީހުން މެރުމުގެ އޮޕަރޭޝަންތައް ހިންގީ އިޒްރޭލުން މޮސާޑު އަދި ރަޝިޔާގެ ކޭޖީބީގެ ފަރާތުން މިސާލު ނަގައިގެން ކަމަށް ގާޑިއަންއާ ވާހަކަ ދެއްކި އިންޑިއާގެ އޮފިޝަލުން ބުނެފައިވެ އެވެ. އަދި ސައުދީ އަރަބިއްޔާއިން ނޫސްވެރިޔާ ޖަމާލް ހަޝޯޖީގެ މަރާލި ގޮތް ވެސް މިސާލަކަށް ނެގި ކަމަށް އޮފިޝަލުން ބުނެ އެވެ.

އެ އޮޕަރޭޝަންތަކަށް ފައިސާ ހަރަދުކޮށްފައި ވަނީ ޑުބާއީ މަގުން ކަމަށް ޑޮކިއުމަންޓުތަކުން ދައްކަ އެވެ. މީހުން މެރުމުގެ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވި ރޯގެ އޮފިޝަލުން ރާއްޖެ އާއި ނޭޕާލާއި މޮރިޝަސްގައި ބައްދަލުންތައް ބޭއްވި ކަމަށް ގާޑިއަން އިން ބުނެ އެވެ.

އިންޑިއާ ދަރިކޮޅު މީހަކު ކެނެޑާގައި މަރާލުމާއި އެހެން މީހަކު އެމެރިކާގައި މަރާލަން ހިންގި އޮޕަރޭޝަންތައް ފަޅާ އެރުމުން، ޕާކިސްތާނުގައި މީހުން މެރުމަށް ހިންގަމުން އައި އޮޕަރޭޝަންތައް މަޑުޖައްސާލުމަށް އިންޑިއާ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް އެ ގައުމުން ގާޑިއަންއާ ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވެ އެވެ.

އެކަމުގައި ބަހެއް ހޯދުމަށް ގާޑިއަން ނޫހުން ގުޅުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އެއީ އެންޓި-އިންޑިއާ ޕްރޮޕެގެންޑާ ކަމަށެވެ.