Advertisement

ޖޭއެސްސީގައި އިންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރަކަށް ސުއޫދު ހަމަޖައްސަވައިފި

13 ފެބުރުވަރީ 2024 - 14:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރު ހުސްނުއްސުއޫދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް ފަނޑިޔާރު ސުއޫދު ހަމަޖައްސައިފި - ފޮޓޯ: ވީޑިއޯ ކެޕްޗާ، ސުޕްރީމް ކޯޓު ޔޫޓިއުބް ލައިވް


ޖޭއެސްސީގައި އިންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރަކަށް ސުއޫދު ހަމަޖައްސަވައިފި

13 ފެބުރުވަރީ 2024 - 14:13 0

ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމަށް އޮންނަ އިސް މުއައްސަސާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާ މެންބަރުގެ ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސަވައިފި އެވެ.

އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުގެ ފަރާތުން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ ކޮމިޝަނުގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އެ މަސައްކަތް ކުރެއްވުމަށް ހަމަޖެއްސެވިކަން ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓަކުން އާންމުކުރި އެވެ.

ކޮމިޝަނުގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ބަދަލު ކުރި ސަބަބެއް އަދި ނޭނގެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެ އެވެ.

އޭގެ އިތުރުން، ޖޭއެސްސީގައި އޮންނަ ފަނޑިޔާރުންގެ އިސްތިއުނާފީ މަޖިލީހުގައި ހުންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވެސް ވަނީ ބަދަލުވެފަ އެވެ. ސުޕްރީމް ކޯޓުން އެ މަޖިލީހަށް ހަމަޖެއްސީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ބަދަލުގައި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.