1 ޑިސެންބަރު 2024 - 10:15 0
މުހައްމަދު ޝަހްޒާން
ދިވެހިރާއްޖޭގެ ސުޕޮްރީމް ކޯޓު -- ފޮޓޯ: އަދަދު ފައިލް
1 ޑިސެންބަރު 2024 - 10:15 0
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ ނިޔަލަށް ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.
ސުޕްރީމް ކޯޓު ރިސެސްއަސް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށެވެ. އެ މުއްދަތުގައި ސުޕްރީމް ކޯޓުގެ އެއްވެސް އަޑުއެހުމެއް ވެސް އަދި އެއްވެސް ޝަރީއަތެއް ނޯންނާނެ އެވެ.
ނަމަވެސް، ސުޕްރީމް ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި ނަމަ ރިސެސް ނިމުމަކަށް އަންނާނެ އެވެ. އަދި އެ ކޯޓުން ބަލަމުންދާ މައްސަލައެއް އަވަހަށް ނިންމުމުގެ މަގުސަދުގައި ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތުން ކަނޑައަޅައިފިނަމަ، ރިސެސްގެ މުއްދަތުގައި ވެސް އަޑުއެހުންތައް ބޭއްވޭނެ އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް އެ މުއްދަތުގައި ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އެ ނޫން ވެސް އިދާރީ މަސައްކަތްތައް މެދުނުކެނޑޭނެ އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ކެނޑިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން އެ ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން އޮތީ ބަލައިގަނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ހިލާފު ކަމަށެވެ.
އެ ބަދަލު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށް އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ އިސްލާހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އަލީ ހުސައިން އެދިވަޑައިގެންފައިވެ އެވެ.
Comment