Advertisement

ދެ ޓެކްސީ ޑްރައިވަރުންގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

12 ޑިސެންބަރު 2024 - 19:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޭގެ މުޒާހަރާގެ ތެރެއިން ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރަނީ: ޓެކްސީ ޑްރައިވަރުން ކަންބޮޑުވެގެން އުޅެނީ ސަރުކާރުން އެ ހިދުމަތް ފަށަން އުޅޭތީ --- ފޮޓޯ: އަދަދު


ދެ ޓެކްސީ ޑްރައިވަރުންގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

12 ޑިސެންބަރު 2024 - 19:39 0

ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ މަގު ބަންދުކޮށް، މުޒާހަރާ ކުރި މައްސަލައިގައި ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ޑްރައިވަރުންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވީ، ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުން މައްސަލަ މިހާރު ވާނީ ހައި ކޯޓަށް ހުށަހަޅާފައި ކަމަށެވެ.

ބަންދުކުރި ފަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލައާމެދު ގޮތެއް ނިންމާ އެ މީހުން މިނިވަންކުރުމުގެ މަަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓެކްސީ ޑްރައިވަރުންނަށް އެމްޑީޕީގެ ގާނޫނީ ޓީމުން އެހީތެރިވަމުންދާކަން ވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރީ މުހައްމަދު ޝާމިން އާއި އަހުމަދު ޝަބީން އާއި ނޫމާން އަހުމަދު ކިޔާ ތިން ޑްރައިވަރުންނެވެ. އޭގެ ތެރެއިން ނޫމާން އަހުމަދު ދޫކޮށްލައި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.

ނިރޮޅުމަގު ބަންދުކޮށް ރޭ އިރާކޮޅު ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ފެށީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތަށް ވަންނަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަަށަން ނިންމާފައިވާކަން އެންމެ ފުރަތަމަ ސަރުކާރުން އިއުލާނު ކުރީ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ރޭގެ މުޒާހަރާ ކުރި ސަރަހައްދުގައި ތިބި "އަދަދު" ގެ ނޫސްވެރިން ބުނީ ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ހިފެހެއްޓި ކާރުތައް ޓޯކޮށް ނިމުނީ ރޭ 11:40 ހާއިރު ކަމަށެވެ. އެ ތަނުން 20 އަށްވުރެ ގިނަ ޓެކްސީ ފުލުހުން ޓޯކުރި އެވެ. ބައެއް ޓެކްސީތައް ޓޯ ކުރަން ފުލުހުންގެ ފޯކްލިފްޓު ބޭނުން ކުރި ނަމަވެސް ގިނަ ޓެކްސީތައް ޓޯ ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ދުއްވާފައި ގެންގޮހެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އައިކު ވިދާޅުވީ، ޓޯކުރި ޓެކްސީތައް އަނބުރާ ހޯދުމަށާއި ޓޯކޮށްފައި ބަހައްޓާ މުއްދަތުގައި ޑްރައިވަރުންނަށް ލިބޭ ގެއްލުންތައް ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާ އެކަމާ ބެހޭ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.