Advertisement

ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ފަސް މީހަކު ބަންދަށް

13 ފެބުރުވަރީ 2024 - 10:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގަލޮޅު ދަނޑަށް އަރައި ބަޔަކު ހިނގި މާރާމާރީ: މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ބަންދުކޮށްފި - ފޮޓޯ: ވީޑިއޯ ކެޕްޗާ


ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ފަސް މީހަކު ބަންދަށް

13 ފެބުރުވަރީ 2024 - 10:50 0

މިދިޔަ ބުދަ ދުވަހު، ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މެޗުގެ 81 ވަނަ މިނެޓުގައި ކުޅުން ހުއްޓައިލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.

އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖެހި އިރު، މިދިޔަ އާދީއްތަ ދުވަހު ދެ މީހެއްގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވެ އެވެ. އަދި އިއްޔެ އެކަކު އެ މައްސަލާގައި ކޯޓަށް ހާޒިރުކޮށް، ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ބަންދަށް ޖެހި އެވެ.

އެ މެޗު ހުއްޓާލި އިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ހުއްޓާލިއިރު އޮތް ނަތީޖާއާއެކު ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ވިކްޓަރީ މިހާރު އޮތީ މުބާރާތުގެ ފައިނަލުގަ އެވެ.