about 4 hours 0
އަމަން ހަލީމް
މަސްތުވާތަކެތި ފެނުނު ލަންކާގެ މަސް ބޯޓު: މި ބޯޓުން ގިނަ އަދަދެއްގެ މެތާއި ކޮކެއިން ފެނުނު -- ފޮޓޯ: އެމްއެންޑީއެފް
about 4 hours 0
ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ ޑްރަގު އަތުލައިގެންފައިވާ ކަމަށް ފުލުހުން ދާދި ދެންމެއަކު ބުނެފި އެވެ.
ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވީ، ރޭގެ ދަންވަރުގެ ވަގުތެއްގައި ހދ. މަކުނުދޫ ބޭރުން މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފްއިން ކަމަށެވެ.
ފުލުހުންނަށް ޑްރަގު ފެނުނީ އެމްއެންޑީއެފްއިން މި ބޯޓު އަތުލައިގަތުމަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. ޝުޖާއު ވިދާޅުވީ މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށެވެ.
ލަންކާ މަސް ބޯޓުން ފެނުނު ޑްރަގާ އެކީ ފުލުހުންނާއި ސިފައިން ފޮޓޮއަކަށް ހުއްޓިލައިގެން: މި ބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުން -- ފޮޓޯ: ފުލުހުން
މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ސުޖާއު ވިދާޅުވީ "އަށެންގުތަ" ނަމަކަށް ކިޔާ މި ބޯޓުގައި ތިބީ ލަންކާ ފަސް މީހުން ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނިއިރު، މިހާތަނަށް މި މަސްތުވާތަކެއްޗަކީ ރާއްޖޭގެ ޑްރަގު ނެޓުވޯކަކާ ގުޅިގެން އެތެރެ ކުރަން އުޅުނު ތަކެތި ކަން ކަށަވަރު ނުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެއްޗެެވެ. މީގެ ކުރިން މިއަށް ވުރެ ގިނައިން މަސްތުވާތަކެތި ފެނިފައި ވަނީ އަހަރުތަކެއް ކުރިން ކަނޑުއަޑީގައި ފޮރުވާފައި ހުއްޓަ އެވެ.
Comment