about 4 hours 0
ލީވާން އަލީ ނާސިރު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މަސް ބޯޓު: އެ ބޯޓުން ބިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ފެނުނު -- ފޮޓޯ: ލަންކާ ނޭވީ
about 4 hours 0
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ލަންކާގެ މަސްބޯޓުން ފެނުނު 468 ކިލޯގެ ޑްރަގަކީ ދެކުނު އޭޝިއާގެ ގައުމަކަށް ފޮނުވި އެއްޗެއްތޯ ބެލުމުގެ މަސައްކަތް ލަންކާގެ ނޭވީ އިންޓެލިޖެންސާއި ރާއްޖޭގެ އިންޓެލިޖެންސް ޔުނިޓްތައް ގުޅިގެން ބަލަން ފަށައިފި އެވެ.
ލަންކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅޭތީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ އެކަން އެންގުމުން، ލަންކާގެ އިންޓެލިޖެންސުން ބެލި ބެލުމުން އެއީ މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅޭ ބޯޓެއްކަން ފާހަގަކުރެވުނު ކަމަށާއި އެކަން ވަގުތުން ރާއްޖޭގެ ކޯސްޓްގާޑަށް އެންގި ކަމަށެވެ.
އެގޮތުން ރާއްޖެއިން ހިންގި އޮޕަރޭޝަނުގައި އެ ބޯޓު ހުއްޓުވައި، ބަލައި ފާސްކުރިއިރު 344 ކިލޯގެ މެތާއި 124 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ލަންކާ ނޭވީން ބުންޏެވެ.
ލަންކާ ނޭވީން ބުނީ އެ މައްސަލައާ ގުޅިގެން މަސް ބޯޓުން ހައްޔަރުކުރި ލަންކާ ފަސް މީހުންނަކީ 21 އަހަރާއި 37 އަހަރާ ދެމެދުގެ މީހުން ކަމަށާއި އެމީހުން ނިސްބަތްވަނީ ލަންކާގެ ޑޮންޑްރާ އާއި ޓްރިންކޮމަލީއަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސަރަހައްދުގެ ގައުމުތަކާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ވެސް ލަންކާގެ ނޭވީން ބުންޏެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވީ "އަށެންގުތަ" ނަމަކަށް ކިޔާ މި ބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށާއި މިހާތަނަށް އެއީ ރާއްޖޭގެ ޑްރަގް ނެޓްވޯކަކާ ގުޅިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަން ކަށަވަރު ނުވާ ކަމަށެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެއްޗެެވެ.
Comment