ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ ޑްރަގު އިއްޔެ އަތުލި އެވެ.
ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުން ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވިދާޅުވީ، އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހދ. މަކުނުދޫ ބޭރުން މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފްއިން ކަމަށެވެ.
ފުލުހުންނަށް ޑްރަގު ފެނުނީ އެމްއެންޑީއެފްއިން މި ބޯޓު އަތުލައިގަތުމަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. ޝުޖާއު ވިދާޅުވީ މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށެވެ.
ސުޖާއު ވިދާޅުވީ "އަށެންގުތަ" ނަމަކަށް ކިޔާ މި ބޯޓުގައި ތިބީ ލަންކާ ފަސް މީހުން ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނިއިރު، މިހާތަނަށް މި މަސްތުވާތަކެއްޗަކީ ރާއްޖޭގެ ޑްރަގު ނެޓުވޯކަކާ ގުޅިގެން އެތެރެ ކުރަން އުޅުނު ތަކެތި ކަން ކަށަވަރު ނުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.
މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެއްޗެެވެ. މީގެ ކުރިން މިއަށް ވުރެ ގިނައިން މަސްތުވާތަކެތި ފެނިފައި ވަނީ އަހަރުތަކެއް ކުރިން ކަނޑުއަޑީގައި ފޮރުވާފައި ހުއްޓަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment