Advertisement

ވަޒީރުން އަލުން އައްޔަން ކުރުން: ގާނޫނުއަސާސީއަށް އަމަލު ކުރަން ރައީސްއަށް ގޮވާލަން އެދޭ ގަރާރެއް އީވާ ހުށަހަޅުއްވައިފި

13 ފެބުރުވަރީ 2024 - 09:38 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އީވާ އަދި ރައީސް މުއިއްޒު: ގަރާރުގައި ބުނެފައި ވަނީ ވަޒީރުން އަލުން އައްޔަން ކުރުމަކީ މަޖިލީހުގެ ބާރުތަކެއް ނިގުޅައިގަތުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ވަޒީރުން އަލުން އައްޔަން ކުރުން: ގާނޫނުއަސާސީއަށް އަމަލު ކުރަން ރައީސްއަށް ގޮވާލަން އެދޭ ގަރާރެއް އީވާ ހުށަހަޅުއްވައިފި

13 ފެބުރުވަރީ 2024 - 09:38 0

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން ކެބިނެޓަށް އައްޔަންކޮށްފައިވާތީ އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަން އެދޭ ގަރާރެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ހުށަހަޅުއްވައިފި އެވެ.

ޑިމޮކްރެޓްސްގެ މެންބަރު އީވާ ހުށަހެޅުއްވި ގަރާރުގައި ބުނަނީ، ރުހުން ނުލިބުނު ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން ކެބިނެޓަށް އައްޔަން ކުރުމަކީ، މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލުން ކަމަށެވެ.

އެހެންކަމުން، އެ ނިންމުމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއާ އެއްގޮތަށް ރައީސް އަމަލުކޮށްދެއްވުމަށް ގޮވާލުމަށް އީވާގެ ގަރާރުގައި އެދިފައިވެ އެވެ.

"މިއީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރުނެތިގެންދާނެ ފަދަ، އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެ ފަދަކަމެއް ކަމުގައިވާތީ، ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައިވާ ބާރު ނިގުޅައިގަތުން ކަމަށެވެ.

"އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ހަމަ އެ މާއްދާގެ ށ. ގެ ތިން ވަނަ ނަންބަރުން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލަކަށް ވީހިނދު، މިއީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއާއި، އަދި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް،" ގަރާރު އިއްވަމުން އީވާ ވިދާޅުވި އެވެ.

ރުހުން ނުލިބޭ ވަޒީރުން އަލުން އައްޔަންކޮށް އެ މަގާމުތަކުގެ ޒިންމާ އުފުލަން ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ގޮންޖެހުން ކަމަށް އީވާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރުހުން ނުލިބޭ ތިން ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނިންމުމެއް،" އީވާ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންގެ ތެރެއިން ރުހިން ނުލިބުނު ތިން ވަޒީރުން، ހަމަ އެ ދުވަހު ވަނީ މަގާމަށް އައްޔަންކޮށްފަ އެވެ.