12 ފެބުރުވަރީ 2024 - 10:26 0
ހަސަން މުހައްމަދު
އުއްތަމަ ފަނޑިޔާރު މުއުތަސިމް, މަޖިލިސް ރައީސް އަސްލަމް އަދި ރައީސުލްޖުމްހޫރިއްޔާ މުއިއްޒު. ރިޔާސީ ނިޒާމުގައި ތިން ބާރު އޮންނަނީ ވަކިވެފައި --- ފޮޓޯ: ރައީސް އޮފީސް
12 ފެބުރުވަރީ 2024 - 10:26 0
ދިވެހި ދައުލަތުގެ ބާރުތަކަކީ ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލް އިންސާފުގެ ބާރު ކަމަށް ކަނޑައަޅައި، ތިން ބާރު ވަކި ކުރި ފަހުން، އެއް ބާރު، އަނެއް ބާރާ ތޮޅުނު ފަހަރުތައް މަދެ ނޫނެވެ.
އޭގެ ތެރޭގައި، ވެރިކަން ހިންގުމުގެ ބާރުން، އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުގެ އަމުރުތަކަށް ކިޔަމަންނުވުމާއި ބާރު ފޯރުވުމާއި ވެރިކަން ހިންގުމުގެ ބާރުން ރައްޔިތުން މަޖިލީހަށް ބާރު ފޯރުވުން ހިމެނެ އެވެ. އަދި އަދުލް އިންސާފުގެ ގާއިމް ކުރުމުގެ ބާރުން، ލިބިފައިވާ ބާރުތަކުގެ ބޭރުން ގައުމުގެ އެހެން ކަންކަމާ ހަމައެއް ނެތި ބެހުނުކަމުގެ ތުހުމަތުތައް ވެސް ގިނަ އެވެ.
އިއްޔެ އަނެއްކާ ވެސް ތާރީހުގައި މި ލިޔެވުނީ ދެ ބާރެއްގެ އަރައިރުމެކެވެ. މަޖިލީހުގެ ޖުމްލަ މެންބަރުން ވަގުތީ ގޮތުން ކަނޑައަޅަންވާނީ އެ މަޖިލީހުން މިހާރު ހުސްވެފައިވާ ގޮނޑިތައް ވެސް ހިމަނައިގެން ކަމަށް އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރުން، ގާނޫނުތައް ހެދުމުގެ ބާރު ލިބޭ ރައްޔިތުންގެ މަޖިލީހަށް އެންގުމުން، އެ އަމުރަށް ކިޔަމަންނުވާން މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް މިދިޔަ ބުދަ ދުވަހު ނެރުނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތާއި ބައެއް އެހެން ކަންކަން ބަޔާންކޮށްފައިވާ އެ މަޖިލީހުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އިސްލާހު ގެނައީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައެއްގަ އެވެ. ކޯޓުން ނެރުނު އަމުރުގައި އަންގާފައި ވަނީ އެއިން އެއްވެސް އިސްލާހަކަށް އަމަލު ނުކުރުމަށެވެ.
ނަމަވެސް މަޖިލީހުން ނިންމީ، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ، މެންބަރުން ގުނާނެ ގޮތަށް އެ މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރުމަށެވެ. އެ އެއާއެކު ދެން ވާނެ ގޮތެއް މުޅިން ސާފުނުވި ނަމަވެސް މިއީ ކުޑަ މައްސަލައެއް ނޫންކަން އެނގެ އެވެ. ދިވެހި ރައްޔިތުން ބަލަން ތިބެންޖެހެނީ އަނެއްކާ ވެސް ދެ ބާރެއްގެ ތެޅުމެކެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުނާ ގޮތަށް ބަދަލު ގެނެސް އެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އާއި ވ. އަށް ގެނައި އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.
ގަވާއިދަށް ބަދަލު ގެނައިރު އަޒުލު ކުރުމުގެ މަރުހަލާ ބަޔާން ކުރާ މާއްދާތަކަށް ވެސް މަޖިލީހުން ބަދަލު ގެނަ އެވެ. އެހެންކަމުން ޖުމްލަކޮށް އެ އިސްލާހުތަކަށް ދެވިފައި އޮތް ބަހަކީ އަޒުލު ކުރުމުގެ އިސްލާހެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކުރާ ކަމަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލައެއް ކޯޓަށް ބެލޭނެ ކަމަށެވެ.
"... ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ފަހުން ފައިސަލާ ކުރުމުގެ ފުރުސަތު ކޯޓުތަކަށް ނެތް ހިނދު، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކުން ވިޔަސް ގާނޫނު އަސާސީއާ ހިލާފަށް އަމަލު ނުކުރެވޭނެ ހިނދު، މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފި ނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބަ އޮތް،" އެ އަމުރުގައި ބުނެފައިވެ އެވެ.
އެއީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ތާއިދު ކުރެއްވި ރައުޔެވެ. ނަމަވެސް އެއާ ހިލާފަށް ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު ދެއްވި ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއީދުކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުންގެ ރައުޔުގައި ފުރަތަމަ ވެސް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދެއްގެ ދަށުން ވެސް ގާނޫނުއަސާސީއާ ހިލާފަށް އަމަލު ނުކުރެވޭނެ ކަމަށް އެއްބަސްވެވޭ ކަމަށެވެ. ނަމަވެސް ވަގުތީ އަމުރެއް ނުނެރެފި ނަމަ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ރައުޔުގައިވެ އެވެ.
އޭގެ ދެތިން ސަބަބެއް، ތަފާތުވި ރައުޔުގައި ބަޔާން ކުރެ އެވެ. އެއް ކަމަކީ، ބަންޑާރަ ނައިބުގެ އޮފީހުން ވެސް އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ އިސްލާހުތައް ފާސް ކުރިތާ މަހަކަށް ވުރެ ވެސް ގިނަ ދުވަސް ފާއިތުވި ފަހުން ކަމަށްވުމެވެ. އެހެންކަމުން ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ އާޖަންސީއެއް ނެތްކަން އޭގެން ވެސް އެނގޭ ކަމަށް އެ ރައުޔުގައި ފާހަގަ ކުރެ އެވެ. އަނެއް ކަމަކީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސް ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް މަޖިލީހަށް ހުށަހަޅާފައި ނެތުމެވެ.
"މިއީ މުސްތަގުބަލުގައި ގާނޫނުއަސާސީއާ ހިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭތީ އާއި މިފަދަ ހުށަހެޅުމަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް ބަސް ބުނުމުގެ ފުރުސަތެއް ދިނުމަކާ ނުލައި، މިއީ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރިން ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ފަދަ އަދި ވަގުތީ ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް ކަމުގައި ބަލައިގަންނަން އަހުރެންނަށް ދަތި،" ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފެއްޓެވީ ވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މަޖިލީހުން އަމަލު ކުރާނެ ގޮތުގެ ގަވާއިދު އެ މަޖިލީހަށް ހެދޭނެކަން ފާހަގަ ކުރެއްވުމާއެކު އަސްލަމް ވިދާޅުވީ ހުކުމެއް ނުކޮށް އެފަދަ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު އަސްލަމް ސިފަ ކުރެއްވީ، އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުން ގާނޫނު ހެދުމުގެ ބާރު އޮތް މަޖިލީހަށް ބަސް ކިޔުމެއްގެ ގޮތަށެވެ.
"ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން. އެއީ ގާނޫނުއަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް. އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލިސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.
އެއާއެކު އަސްލަމް މަޖިލީހަށް ހުށަހެޅުއްވީ ކޯޓު އަމުރަށް އަމަލުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތް ބަދަލު ކުރާނީތޯ ނުވަތަ އިސްލާހާ އެއްގޮތަށް އަމަލު ކުރާނީތޯ ނިންމުމަށެވެ.
"އެހެންކަމުން މިހާރު ނިންމާފައި މިވާ ކޯޓު އަމުރާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުން ވަނީ މި ކޯޓު އަމުރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު މި މައްސަލަ ބެއްލެވުމެއް ނެތި އަދި އެއީ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓު އަމުރެއް ނެރެފައިވާތީ އަޅުގަނޑުމެން ކަންބޮޑުވަން،" އަސްލަމް ވިދާޅުވި އެވެ.
އެ މައްސަލަ ބަހުސަށް ހުޅުވާލުމާއެކު ވަރަށް ގިނަ މެންބަރުން އެ މައްސަލައިގައި ބަހުސް ކުރި އެވެ. ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ސުޕްރީމް ކޯޓުގެ އަމުރަށް ތާއީދުކޮށް ވާހަކަ ދެއްކިއިރު، އިދިކޮޅު މެންބަރުން ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓާ ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާހަކަތައް ހުރީ ވަރަށް ހަރުކަށިކޮށެވެ. އެގޮތަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަލީ އާޒިމް އެވެ.
"މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ގޮތަކަށް ކަނޑައަޅަން މި މަޖިލީހުން ނިންމީމަ، މަޖިލީހުގެ ރައީސެއް ނޫން ނިންމެވީ، މި މަޖިލީހުގެ މެންބަރުން ނިންމެވީ، އެ ނިންމެވީމާ އެއަށް އިހުތިރާމް ނުކުރާ ކަމަށްވަނީ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅެއް ވެސް އަޅަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އަލީ އާޒިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މެންބަރުން އަލީ ހުސެއިން ވެސް ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށެވެ.
"ކޯޓަށް މައްސަލައެއް ހުށަހެޅެންޖެހޭނީ ހުސޫމާތެއް އުފެދިގެން، ކޯޒް އޮފް އެކްޝަންއެއް އޮވެގެން. އެހެންވީމާ މުސްތަގުބަލުގައި މައްސަލައެއް ޖެހިދާނެ ކަމަށް ބަލައި ކޯޓަކަށް މީހުންނެއް މައްސަލައެއް ހުށަހެއްނާޅާނެ. އަދި ހަމަ އެގޮތަށް އެކަޑެމިކް ޕާޕަސާސް ނުވަތަ އިލްމީ ބޭނުމަކަށްޓަކައި ކޯޒް އޮފް އެކްޝަނެއް، ކަމެއް ނުހިނގަނީސް، ކަމެއް ވެދާނެ ކަމަށް ބަލައި އެއްވެސް ކޯޓަކުން ހުކުމެއް ކުރުމަކީ ވަގުތީ އަމުރެއް ކުރުމަކީ ހަމަ ނާދިރު، ނުހިނގާ ކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްކޮޅަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ކުރުމުން އެއަށް ތަބާވާންޖެހޭނެ ކަމަށެވެ. ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ އެ މައްސަލައަކީ ކޯޓުގައި މިހާރު ވެސް ކުރިއަށްދާ މައްސަލައެއްކަމުން އެކަމާމެދު ބަހުސެއް ވެސް މަޖިލީހުގައި ނުކުރެވޭނެ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ ބ. އަދި 181 ވަނަ މާއްދާގެ ބ. އަދި 234 ވަނަ މާއްދާގެ 1. ގައި ވަރަށް ސާފު އިބާރާތުން އެބަ ބަޔާންކުރޭ، ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ގޮތުން ބަހުސެއް ނުހިންގޭނެ ކަމަށް. ޝަރީއަތުގައި ކުރިއަށް ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސެއް ނުހިންގޭނެ،" މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވި އެވެ.
ވެރިކަން ހިންގާ ކޯލިޝަނުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ މަތީ ކޯޓުގެ އަމުރުތަކަށް މަޖިލީހުން ވެސް ތަބާވާންޖެހޭނެ ކަމަށާއި އެއާ ހިލާފުވާ ނަމަ އެއީ ބާރުތައް ވަކި ކުރުމުގެ ނިޒާމު ފުނޑާލުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި މުޅި ނިޒާމު ފުނޑާލުމަށްޓަކައި އިއްޒަތްތެރި ރައީސް އާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާ ތަން. ރައްޔިތުންގެ މަޖިލީހަކީ ވެސް އެއްވެސް ހާލެއްގައި ގާނޫނުއަސާސީގެ ބޭރުން ގާނޫނުއަސާސީގެ މަތީގައި އޮތް ތަނެއް ނޫން. ގާނޫނުއަސާސީ އަށް ބަދަލެއް ގެންނަންޖެހިއްޖެޔާ އެ ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް އޮތް ނަމަވެސް އަޅުގަނޑުމެންނަކަށް ވެސް މި އިއްޒަތްތެރި މަޖިލީހަކަށް ވެސް ގާނޫނުއަސާސީއަށް ވުރެ މައްޗެއް ނުވެވޭނެ،" ސަލީމް ވިދާޅުވި އެވެ.
މަޖިލީހުން ގޮތެއް ނިންމުމަށް އަސްލަމް ހުޅުވާލި ފުރުސަތުގައި، މަޖިލީހުން ގެނައި އިސްލާހުތަކާ އެއްގޮތަށް މެންބަރުންގެ ޖުމްލަ އަދަދު ގުނުމަށް އިދިކޮޅު އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެވެ. މަޖިލީހުން އެއަށް ވޯޓަށް އެހުމުން ބޮޑު އަގުލަބިއްޔަތަކުން އެކަން ފާސްކުރި އެވެ. އެއާއެކު، މެންބަރުންގެ ޖުމްލަ އަދަދު ގުނުމުގައި މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރަމުންދާނެ ކަމަށް އަސްލަމް އިއުލާނު ކުރެއްވި އެވެ.
މި ރާއްޖޭގެ ފަހުގެ ތާރީހުގައި، ޑިމޮކްރެޓިކް ސިޔާސަތުތައް އާލާވާން ފެށުމުގެ ކުރިން 1967 ވަނަ އަހަރު ހުންނެވި އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު، އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ޖަމީލް ދީދީ އާއި އެއިރުގެ ރައީސް އިބްރާހިމް ނާސިރާ ވެސް "ކުރިމަތިލުމެއް" ހިނގި އެވެ.
އޭގެ ސަބަބަކަށްވީ، އަރަބި ކޯލިޝަނާއި އިޒްރޭލާ ދެމެދު ކުރިއަށްދިޔަ ހަ ދުވަހުގެ ހަނގުރާމައިގެ ތެރެއިން އިޒްރޭލާއި ހުޅަނގަށް ފާޑުވިދާޅުވެ، ޖަމީލް ދީދީ ހުކުރު ހުތުބާއެއް ދެއްވުމެވެ. އެއިރު ނާސިރުގެ ސަރުކާރުން އޮތީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ.
އެ ހުތުބާ ދިވެހިރާއްޖޭގެ އަޑުން ދުރަށް ވެސް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ރޭޑިއޯގެ ވެރިޔާ ހާޒިރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ވާހަކަތައް ނުދައްކަން އެންގި އެވެ. އަދި ނާސިރުގެ ވަފުދެއް ޖަމީލް ދީދީގެ އަރިހަށް ފޮނުވައި، ނިކަން ހަރުކަށި ހަރުކަށި އިބާރާތުން ވާހަކަ ދެއްކި އެވެ.
"..އެ ދުވަހުން ފެށިގެން ޝަރުއިއްޔާގެ އިދާރީ ކަމަކާ ވިޔަސް ސަރުކާރުން ބެހިވަޑައިނުގަންނަވާނެ ކަމަށް އަންގަވައި ޝަރުއިއްޔާގެ އިމާރަތް މަރާމާތުކުރުމުން ފެށިގެން ގޮނޑި މޭޒު ފޮތް ފަންސުރު ހޯދުމާއި އެތަނުގެ މުވައްޒަފުންގެ މުސާރަ ދެއްވުމަކީ ވެސް އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ކުރައްވަންވީ ކަމެއް ކަމުގައި ހައްދަވައި ސަރުކާރުން އެއީ އެއްވެސް ކަމަކާ ބެހިވަޑައި ނުގަންނވާނެކަމުގައި ދެންނެވުނެވެ،" ގަރުނު ފޮތުގައި އެ ހާދިސާ ސިފަ ކުރަމުން ލިޔެފައިވެ އެވެ.
ވެރިކަން ހިންގާ ބާރާއެކު މި ޖެހުނު ވަރުގަދަ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް، ޖޫން 3، 1967 ގައި ޖަމީލް ދީދީ އިސްތިއުފާ ދެއްވި އެވެ.
ފަހުގެ ތާރީހަށް ބަލާއިރު ފެހި ގާނޫނުއަސާސީގެ ޅަފަތުގައި ގައުމުގެ ވެރިކަން ހިންގުމުގެ ބާރާ ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުން ކުރިން ތިން އަމުރަކަށް ކިޔަމަންވެވަޑައިނުގެންނެވި އެވެ.
އެއީ އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލުން ދަށު ކޯޓާއި ހައި ކޯޓުން ކުރި އަމުރުތަކަކާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ބަންދުން ދޫކޮށްލަން ކުރި އަމުރަކާއި ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތައް ފޮނުވައިގެން އެ ކޯޓުގައި ތަޅު އެޅުވި މައްސަލައެކެވެ. އެ ހާދިސާތައް ހިނގީ 2011 ވަނަ އަހަރެވެ.
ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ނަޝީދު އިސްތިއުފާ ދެއްވީ އެ މައްސަލަތައް ބޮޑުވެ، ގައުމުގެ ހަމަޖެހުން ވަރަށް ބޮޑަށް ގެއްލިފައި އޮއްވަ އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު، އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމަށް ސުޕްރީމް ކޯޓުން ވަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގެ ބުރެއް ބާތިލްކޮށް، އެ ކޯޓުން އެންގި ހަމަތަކެއްގެ މަތިން ރިޔާސީ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އެ ކޯޓުން އެންގި އެވެ.
ދެން ދިމާވި ކަމަކީ، 2017 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަބްދުﷲ ޔާމީން ހުންނެވިއިރު، ސިފައިން ފޮނުވައިގެން އެ މަޖިލީހުގެ މެންބަރުންތަކެއް ބޭރު ކުރި މައްސަލައެކެވެ. އެއިރު އިދިކޮޅުން އެކަން ސިފަ ކުރީ ސިފައިންގެ ބާރުގައި ވެރިކަން ހިންގުމުގެ ބާރުން ރައްޔިތުންގެ މަޖިލީސް ހިސޯރު ކުރި ކުރުމެއްގެ ގޮތުގަ އެވެ.
ދެން ހިނގައިދިޔަ ބޮޑު ކަމަކީ، ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކޮށްފައި ތިއްބާ އެ އެންމެން ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018، ގައި ނެރުނު ނެރުނު އަމުރުގެ މައްސަލައެވެ. އެ އަމުރަށް ތަބާނުވާނެ ކަމަށް ޔާމީން އެންގުމާއެކު ދެން މަސައްކަތް ފެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރު ކުރުމުގެ މަސައްކަތެވެ.
އެކަންތައްގަނޑު ރައީސް ޔާމީން ފަހުން ސިފަ ކުރެއްވީ ޖުޑީޝަލް ބަޣާވާތެއްގެ ގޮތުގަ އެވެ. ވިދާޅުވީ އެކަންތައް ހުއްޓުވުން އެމަނިކުފާނަށް މަޖުބޫރުވި ކަމަށެވެ.
ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބުތައް ބާއްވަން ފެށިފަހުން އަދި ބާރުތައް ވަކިކޮށް ގައުމު ހިންގަން ފެށި ފަހުން ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ގިނަވެފައި ބޮޑެވެ. އިއްޔެ ކުރި ފެޅީ އެފަދަ ބޮޑު އެއް މައްސަލައިގަ އެވެ. ބޮޑު ދެ ބާރުގެ ކުރިމަތިލުމެއް ހިނގާއިރު، ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކައި، މައްސަލަ ހައްލު ކުރެވޭތޯ ރައްޔިތުން ތިބީ ބަލާށެވެ. ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އިތުރަށް ކަންތައް ގޯސްނުވަނީސް މައްސަލަ ހައްލު ކުރުމެވެ.
Comment