Advertisement

އިމްރާން ހާންގެ ޕާޓީން މިއަދު މުޅި ޕާކިސްތާނުގައި މުޒާހަރާ ކުރަން ނިންމައިފި

11 ފެބުރުވަރީ 2024 - 11:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމްރާން ހާންގެ ޕީޓީއައި ޕާޓީން ޕާކިސްތާނުގައި އިހުތިޖާޖު ކުރަނީ -- ފޮޓޯ: ރޮއިޓާސް


އިމްރާން ހާންގެ ޕާޓީން މިއަދު މުޅި ޕާކިސްތާނުގައި މުޒާހަރާ ކުރަން ނިންމައިފި

11 ފެބުރުވަރީ 2024 - 11:12 0

ޕާކިސްތާނުގެ އާންމު އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީ ޕީޓީއައި އިން މުޅި ގައުމުގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.

ޕީޓިއައި އިން ބުނީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސްވުމުން ނަތީޖާގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށާއި، މިއަދު މުޅި ގައުމުގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

ނަތީޖާ އިއުލާން ނުކުރާ ތަންތަނުގައި ނަތީޖާ އަވަސް ކުރަން ގޮވާލައި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ.

އިންތިހާބުގައި މޮޅުވި ބަޔަކު މިހާތަނަށް ސާފުވެފައި ނުވާއިރު، އައު ސަރުކާރު އެކުލަވައިލެވޭނެ އިރެއްވެސް ނޭގެ އެވެ.

ނަމަވެސް އިންތިހާބުން ކާމިޔާބު ލިބުނު ކަމަށް ބުނެ އިމްރާން ހާންގެ އިތުރުން ނަވާޒް ޝަރީފް ވަނީ ތަގުރީރެއް ދެއްވާފަ އެވެ.

އިންތިހާބުގެ ކުރިން ކޯލިޝަން ހެދުމާ ދެކޮޅު ހެއްދެވި ނަވާޒް ޝަރީފް ވަނީ އޭނާގެ ޕާޓީއަކީ އިންތިހާބުގައި އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރި ޕާޓީކަމަށް ވިދާޅުވެ އެހެން ޕާޓީތަކުން އެ ޕާޓީއާއެކު ކޯލިޝަން ހަދަން ދައުވަތު ދެއްވައިފަ އެވެ.

ޕާކިސްތާން އިންތިހާބުގެ ނަތީޖާގެ ސައްހަ ކަމާމެދު އެމެރިކާ، ޔޫކޭ އަދި އީޔޫ އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން އަވަސް ކުރުމަށްވެސް ޖަމިއްޔާތަކާއި ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.

އިންތިހާބުގައި މިހާތަނަށް 102 ގޮނޑިއާއެކު އެންމެ ގިނައިން ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އިމްރާން ހާންއަށް ތާއިދު ކުރައްވާ މިނިވަން ކެންޑިޑޭޓުންނެވެ.

މީގެއިތުރުން ދެވަނައަށް 73 ގޮނޑިއާއެކު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީ އޮތްއިރު، ތިންވަނައިގައި 54 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީޕީ ޕާޓީ އެވެ.

ޕާކިސްތާނުގެ އިންތިހާބު ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިންތިހާބާ ދިމާކޮށް އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.