Advertisement

ނައީމާ މަރުގެ ޝަރީއަތް ފަށައިފި: ތިން މީހުން އައީ ވަކީލުންނާ އެކު

8 ފެބުރުވަރީ 2024 - 14:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަނަދޫ، އަންނާރުމާގެ، ނައީމާގެ މަރު މައްސަލާގައި އަހުޒަމް ކްރިމިނަލް ކޯޓަށް ވައްދަނީ


ނައީމާ މަރުގެ ޝަރީއަތް ފަށައިފި: ތިން މީހުން އައީ ވަކީލުންނާ އެކު

8 ފެބުރުވަރީ 2024 - 14:33 0

މިދިޔަ އަހަރު އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

އެކަކު ކުށަށް އެއްބަސްވެގެން ތަހުގީގު ފުރިހަމަކޮށް އުފުލި ދައުވާތަކެއް ނަމަވެސް، ދައުވާކޮށްފައިވާ ތިން މީހުން ވެސް ހާޒިރުވީ ގާނޫނީ ވަކީލަކާ އެކު އެވެ. ހުސައިން ފަވާޒު ހާޒިރުވީ ވަކީލު އަހުމަދު ޔާމީނާ އެކު އެވެ. އަބްދުލްވާހިދު ރިފާސް ހާޒިރުވީ ވަކީލު އާދަމް ޝަމީމާ އެކު އެވެ. ކުރިން ކުށަށް އިއުތިރާފުވި، އަހުޒަމް އަބްދުލްޝަކޫރު ހާޒިރުވީ ވަކީލު މުހައްމަދު ޝަހުނީއާ އެކު އެވެ.

ކްރިމިނަލް ކޯޓުގެ ބީ5 ސެކްޝަންގެ ގާޒީ އާދަމް އަލީ ހާލުވެވަޑައިގަތް މައްސަލާގައި، ކޮންމެ މީހެއްގެ އަޑުއެހުން ބޭއްވީ ވަކިވަކިންނެވެ. ހެނދުނު ދެ އަޑުއެހުން އަދި މެންދުރުފަހު އަޑުއެހުމެއް ބޭއްވިއިރު، މައްސަލައާ ގުޅިގެން ދައުވާ ރައްދުވާ މީހުނަށް ދޭން ޖެހޭ ލިޔެކިޔުންތަކާއި ޑިޖިޓަލް ޑޭޓާތަކުގެ ތެރެއިން އަދިވެސް ބައެއް ނުދެވޭތީ، އެކަކުގެ ވެސް ދައުވާތަކަށް ޖަވާބުދާރީވުން މިއަދު ކުރިއަކަށް ނުގެންދެވުނެވެ.

ދިފާއީ ވަކީލުން ބުނީ، ދައުވާއަށް އިންކާރު ކުރަން ނުވަތަ ޖަވާބުދާރީވާން ވެސް އެނގޭނީ ލިޔެކިޔުންތައް ލިބި، ހުރިހާ ލިޔެކިޔުމެއް ލިބުމުން ކަމަށެވެ. ތަހުގީގުގައި ކުށަށް އެއްބަސްވި އަހުޒަމްގެ ވަކީލު ވެސް ފާހަގަ ކުރެއްވީ ހަމަ އެއް ނުކުތާތަކެކެވެ.

ތިން މީހުންގެ މައްޗަށް ވެސް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ހަށިގަނޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން ދިމާވި ނަމަވެސް މި މަސް ނިމުމުގެ ކުރިއަށް ދައުވާތަކަށް ޖަވާބުދާރީވުމުގެ ބައި ނިންމުމަށް ދައުލަތުގެ ވަކީލުން އެދުނެވެ.

ގާޒީ އާދަމް އަލީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީ ކުރުމާއި، ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ހުށަހެޅުމާ މެދު ގޮތް ނިންމުމެވެ. މި މަހުގެ ތެރޭގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ނަމަވެސް ޔަގީންކަމެއް ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

ނައީމާ، 62، މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގެ ރޭގަނޑު އިރާކޮޅެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަޅާފައި ހުއްޓެވެ. އަދި މުޅި ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، އަހުޒަމް ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ބަންދުގައި ގޮޅީގައި ހުއްޓައި، އޭނާ މަރުގެ މައްސަލައިގައި ތަހުގީގަށް އެއްބަސްވެ މައުލޫމާތު ދީފައިވެ އެވެ. ފަވާޒާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ނައީމާ މަރާލީ އޭޕްރީލް 6، ގެ ދަންވަރު ވަގުތު ނިދާފައި އޮއްވަ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.