Advertisement

އަލްހާންގެ ޕޮންޒީ ސްކީމުން ލަނޑު ލިބުނު އިތުރު ބަޔަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހުކުމްކޮށްފި

8 ފެބުރުވަރީ 2024 - 15:08 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އަލްހާންގެ ޕޮންޒީ ސްކީމުން ލަނޑު ލިބުނު އިތުރު ބަޔަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހުކުމްކޮށްފި

8 ފެބުރުވަރީ 2024 - 15:08 0

އަލްހާން ފަހުމީގެ އާއިލީ ކުންފުނި, ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ފޮރެކްސް ޓްރޭޑުކޮށްގެން މާލީ ފައިދާ ހޯދައިދޭނެ ކަމަށްބުނެ އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނަގައިގެން ހިންގި ޕޮންޒީ ސްކީމަށް އިންވެސްޓް ކުރި ދެ މީހަކަށް ފައިދާއާ އެކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިއީ ކިންގްސް ކެޕިޓަލް އާއި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާ ދެކޮޅަށް ދެ މީހަކު ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ ދެ މައްސަލާގައި ކޯޓުން ހުކުމް ކުރީ އެ ދެ މީހުން އިންވެސްޓު ކުރި ފައިސާ އާއި އެ ފައިސާ ބޭނުންކޮށްގެން ލިބުނު ފައިދާ އަދި ކޯޓު ހަރަދުގެ ގޮތުގައި ހިނގާފައިވާ ފައިސާގެ ގޮތުގައި ޖުމްލަ 1,155,750ރ އަނބުރާ ދެއްކުމަށެވެ.

އޭގެ ތެރެއިން އެއް މައްސަލައިގައި ދައުވާ ކުރީ މ.ކޮޅުފުށި، ފިނިފެންމާގެ، މުހައްމަދު ނަޝާތު އެވެ.

އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ކޮޕީ ޓްރޭޑް ކުރުމަށް އޭނާ ކިންގްސް ކެޕިޓަލް އަށް އިންވެސްޓުކުރި 50،000ރ. އާއި އޮގަސްޓް 31، 2023ގެ ނިޔަލަށް އިންވެސްޓްމެންޓް ފައިދާގެ ގޮތުގައި ނުލިބިހުރި 225،000ރ. އާއި އެ ފައިސާ ހޯދުމަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހިނގާފައިވާ 33،750ރ. އަކީ ކިންގްސް ކެޕިޓަލް އާއި އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ ދައްކަންޖެހޭ ފައިސާ ކަމަށެވެ.

އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ހުކުމުގައި ވަނީ އަންގައިފަ އެވެ.

ދެވަނަ މައްސަލާގައި ކިންގްސް ކެޕިޓަލް އާއި ދެކޮޅަށް ދައުވާ ކުރީ ހއ. ހޯރަފުށި، އަންނާރުމާގެ، ޝާއިލް މުހައްމަދު ޝާކިރެވެ.

އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ކޮޕީ ޓްރޭޑް ކުރުމަށް އޭނާ ކިންގްސް ކެޕިޓަލް އަށް އިންވެސްޓުކުރި 200،000ރ. އާއި އިންވެސްޓްމެންޓް ފައިދާގެ ގޮތުގައި ލިބެންޖެހޭ 580،000ރ. އާއި އެ ފައިސާ ހޯދުމަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހިނގާފައިވާ 117،000ރ. އަކީ ކިންގްސް ކެޕިޓަލް އާއި އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ ދައްކަންޖެހޭ ފައިސާ ކަމަށެވެ. އެ ފައިސާ ވެސް 30 ދުވަހުގެ ތެރޭގައި ދައްކަން ހުކުމުގައި ވަނީ ބުނެފަ އެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދަނިކޮށް އޭގައި އޮޅުވާލުމާއި މަކަރާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން މީގެ ކުރިން ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު ފުލުހުން އަލްހާން އާއި އޭނާގެ ކުންފުންޏަށް ކުރެ އެވެ.