8 ފެބުރުވަރީ 2024 - 11:18 0
8 ފެބުރުވަރީ 2024 - 11:18 0
އަބީޖާން، އައިވަރީ ކޯސްޓް (ފެބްރުއަރީ 8) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ނައިޖީރިއާ އާއި އައިވަރީ ކޯސްޓް ވަނީ ދަތުރުކޮށްފި އެވެ.
މުބާރާތުގެ ހޯސްޓް، އައިވަރީ ކޯސްޓް މުބާރާތް ފެށީ ދަށްކޮށް ނަމަވެސް ހާލަތު ބަދަލުކޮށް މި ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމުން ރޭ ކުޅުނު ސެމީ ފައިނަލުގައި ކޮންގޯ އަތުން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އައިވަރީ ކޯސްޓްގެ ހަމައެކަނި ގޯލު ޖަހައިދިނީ، މެޗުގެ 65 ވަނަ މިނިޓްގައި ސަބެސްޓިއަން އަލެއާ އެވެ.
މި ފަަހަރުގެ އެފްރިކަން ކަޕްގެ ގްރޫޕް ސްޓޭޖުގައި ދަށް ނަތީޖާތަކެއް ފެނުމުން، އައިވަރީ ކޯސްޓްގެ ކޯޗުކަމުން، ޖީން ލުއިސް-ގަސޭ ވަނީ ވަކިކޮށްފަ އެވެ. އެފްރިކަން ކަޕްގެ 2015 ވަނަ އަހަރުގެ ޗެމްޕިއަން، އައިވަރީ ކޯސްޓާ މި ވަގުތު އިންޓަރިމް ކޯޗެއްގެ ގޮތު ހަވާލުވެހުރީ، އެމާސް ފައޭ އެވެ. އައިވަރީ ކޯސްޓުން ވަނީ ނޮކައުޓް ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލްގެ އިތުރުން ވަރުގަދަކޮށް ފެނުނު މާލީ ވެސް ބަލިކޮށްފަ އެވެ.
ސެމީ ފައިނަލް އަނެއް މެޗުގައި، ނައިޖީިރިއާ އާއި ދެކުނު އެފްރިކާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނައިޖީރިއާ އިން ވިލިއަމް ޕައުލް ޓްރޫސްޓް އެކޮންގެ ޕެނަލްޓީން ލީޑުނެގިއިރު، ދެކުނު އެފްރިކާ އިން އެއްވަރުކުރީ، ޓެބޯހޯ މޮކޮއޭނާ އިތުރު ވަގުތުގައި ޖެހި ޕެނަލްޓީންނެވެ.
މި މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖަަހަން ޖެހުނުއިރު، ނައިޖީރިއާ އިން ފަސް ޕެނަލްޓީ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ދެކުނު އެފްރިކާ އިން ހަތަރު ޕެނަލްޓީ ތެރެއިން ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ.
ނައިޖީރިއާ އިން ޕެނަލްޓީތައް ކާމިޔާބުކުރީ، އިގޯބޯ މޮފީ، ކެެނެތު އޮމެރުއޯ، ޓްރޫސްޓް އެކޮން އަދި ކެލެޗީ އިހެނާޗޯ އެވެ. އެ ޓީމުގެ އޮލާ އައިނާ އަށް ޕެނަލްޓީ ކާމިޔާބެއްނުވި އެެެވެ. ދެކުނު އެފްރިކާ އިން، މޮކޮއޭނާ އާއި އެވިޑެންސް މަގްކޮޕާ އަށް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ މޮތޯބީ އެމްވާލާ އާއި މަބޫތީ މަޔަމްބޭލާ އެވެ.
ތިން ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ނައިޖީރިއާ އިން އެންމެ ފަހުން ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ. އެ އަށް ފަހު، 2019 ގައި ތިން ވަނަ ހޯދި ނައިޖީރިއާ މީގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުން ކެޓީ، ގަދަ 16 ބުރުންނެވެ.
އައިވަރީ ކޯސްޓާއި ނައިޖީރިއާ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މި މަހު 11 ވަނަ ދުވަހު އެވެ.
Comment