about 2 hours 0
about 2 hours 0
ރަބަތު، މޮރޮކޯ (ޖެނުއަރީ 20) - އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގެ ފަހު ވަގުތު މޮރޮކޯ އަށް މުބާރާތް ކާމިޔާބުކޮށްދޭން ލިބިފައި އޮތް ޕެނަލްޓީ އެ ޓީމުގެ ބްރަހިމް ޑިއާޒް އަތުން ބޭކާރުވި މައްސަލައިގައި އޭނާ އަށް އޮތް ފާޑުކިޔުންތައް އިންތިހާ އަށް ގިނަވެއްޖެ އެވެ.
ފައިނަލުގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 24 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.
ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ.
މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ.
ޕެނަލްޓީ ބޭކާރުވިތާ އިރުކޮޅެއް ފަހުން، މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ވަނީ ޑިއާޒް ބަދަލުކޮށްފަ އެވެ. އަދި، ބަދަލުކުރި ވަގުތުގައި ޑިއާޒަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލި ރެގްރާގީ ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑިއާޒްގެ ޕެނަލްޓީއާ ގުޅޭގޮތުން އަމާޒުވި ސުވާލުތަކަށް ސީދާ ޖަވާބުތަކެއް ދޭން ދެކޮޅު ހަދައިފަ އެވެ.
އާރްއެމްސީ ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓް އަދި ކޯޗު، ރެގިސް ބްރޯއާޑް ބުނެފައިވަނީ، އުމުރުގެ ބާކީ ބައިގައި އެއްކޮށް ޑިއާޒްގެ މި ކަންތައް ހަނދާނުގައި ބަހައްޓާނެ ކަމަށެވެ. ޑިއާޒްގެ ފަރާތުން ފެނުނީ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި އެއީ، އަމިއްލަ ޓީމާއި ކުޅުންތެރިންނާއި ކޯޗަށް ކުރި މަލާމާތެއް ކަމަށް ވެސް ބްރޯއާޑް ވަނީ ބުނެފަ އެވެ.
ކުރީގެ ކުޅުންތެރިޔާ، ހާލިދު ބޫލަރޫޒް ބުނެފައިވަނީ، ޑިއާޒް އަކީ ޒިނެދިން ޒިދާން ނޫނީ ކްރިސްޓިއާނޯ ރޮނާލްޑޯއެއް އަދި އަޝްރަފް ހަކީމީ އެއް ނޫން ކަމަށާއި މުބާރާތުގައި ފަސް ގޯލު ޖެހިޔަސް އެ ކަހަލަ ވަގުތެއްގައި ލިބޭ ޕެނަލްޓީއެއް ފޮނުވާލަން ޖެހޭނީ ފަރުވާތެރިކަމާ އެކު ކަމަށެވެ.
"މިއީ ވަރަށް ހިތާމަހުރި ދެރަވަރު ކަމެއް،" ހޮލެންޑް ގައުމީ ޓީމަށް ކުޅުނު މޮރޮކޯ އަށް އުފަން ބުލަރޫޒް ބުންޏެވެ.
އެފްރިކަން ކަޕްގެ ފައިނަލް މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަތުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހަވާލުވާން ދިއުމަށް ފަހު ވެސް ޑިއާޒް ހުރީ ރޮވިފަ އެވެ.
ޑިއާޒްގެ ޕެނަލްޓީ މަތަކުރި ސެނެގާލް ކީޕަރު މެންޑީ ބުނީ، ޑިއާޒް އެ ގޮތަށް ޕެނަލްޓީ ޖަހަން ނިންމުމުން ހައިރާންކަން ލިބުނު ކަމަށެވެ. އަދި، އަމިއްލަ ގައުމު 50 އަހަރު ތެރޭ، ފުރަތަމަ ތަށި ހޯދުމާ ގާތުގައި އޮއްވައި، އެ ގޮތަށް ޕެނަލްޓީއެއް ފޮނުވާލާނެ ކަމަށް ނުބެލެވުނު ނަމަވެސް ތައްޔާރުވީ އެ ޕެނަލްޓީ ހުއްޓުވުމަށް ކަމަށް މެންޑީ ވަނީ ބުނެފަ އެވެ.
Comment