about 2 hours 0
about 2 hours 0
ރަބަތު، މޮރޮކޯ (ޖެނުއަރީ 19) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ރޭ ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އެ މެޗުގައި މޮރޮކޯ އަށް ޕެނަލްޓީއެއް ދޭން ނިންމުމުން ހިތްހަަމަނުޖެހިގެން ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ބޭލުވުމުން ސެނެގާލް ކޯޗު މަލިކް ތިއޯ އަށް އަދަބުދީ އެ މައްސަލަ އެފްރިކާގެ ފުޓްބޯޅަ އިދާރާ، ކާފްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.
ރޭގެ ފައިނަލުގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 24 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.
ހާލަތު ހަމަޖައްސައި، މެޗުފެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ.
އެކަމަކު، ސެނެގާލުން ޗެމްޕިއަންކަން ހޯދިއިރު، އެ މެޗުގައި ކަންތައްތައް ދިޔަ ގޮތުގެ މައްސަލަ ބަލަން ކާފް އިން ވަނީ ނިންމައިފަ އެވެ. އަދި، އެންމެ ފުރަތަަމަ ކަމެއްގެ ގޮތުން، ސެނެގާލްގެ ކޯޗު ތިއޯ ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ.
އެފްރިކަން ކަޮޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. މާނޭ ވަނީ މިއީ، އޭނާގެ ފަހު އެފްރިކަން ކަޕް ކަމަށް ބުނެފަ އެވެ. ރޭގެ މެޗުގައި ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބުމުން އަލުން ދަނޑަށް ގެނައުމުގައި އިސްނަގައިގެން މަސައްކަތްކުރީ މާނޭ އެވެ.
Comment