Advertisement

"އިންޑިއާ އައުޓު" އެންމެ ފަހުން މިވީ އެނބުރޭ ވަހުތާނަކަށް؟!

8 ފެބުރުވަރީ 2024 - 13:58 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު


"އިންޑިއާ އައުޓު" އެންމެ ފަހުން މިވީ އެނބުރޭ ވަހުތާނަކަށް؟!

8 ފެބުރުވަރީ 2024 - 13:58 4

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކުން ސިފަވަނީ ދިވެހިރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށެވެ.

ރައީސް މުއިއްޒުގެ ކެމްޕެއިނުގައި ދެއްކެވި ވާހަކަތައް ކަނުލައި އަޑުއެހި މީހަކަށް ސިފަވާނީ، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖެ އައިސް ތިބި އިންޑިއާ ސިފައިންނަކީ ދުޝްމަނުން ކަމަށެވެ.

އިންޑިއާ ސިފައިން ތިބުން ރައީސް ގުޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ އެވެ. އެ ވާހަކަ ދެއްކެވީ އިންތިހާ ސީރިއަސް ދަރަޖައެއްގަ އެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް މިއަދަށް 84 ދުވަސް ފާއިތުވިއިރު، އެއިރު ދެއްކެވި ވާހަކަތަކާއި މިހާރު ސަރުކާރުގެ ރާގު ހުރި ގޮތް ބަދަލުވެއްޖެ އެވެ. އެއިރު ދެއްކެވި ވާހަކަތަކާއި މިހާރު އަމަލު ކުރައްވަމުންދާ ގޮތް ތަފާތުވެއްޖެ އެވެ.

އެއިރު ރާގު ހުރި ގޮތުން ރައްޔިތުންނަށް ސިފަވީ، ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވަން ތިބޭނީ އިންޑިއާ ސިފައިންގެ ބަދަލުގައި ދިވެހިން ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ، ޔުނީފޯމުގައި ނާޅައި، އިންޑިއާގެ މަދަނީ ބަޔަކު ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެން، ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު، އެއިރު އިދިކޮޅުން ސިފަ ކުރީ "ބޭގަރާރެއް" ގޮތުގަ އެވެ. ނަމަވެސް އެ ގަރާރު އޮތް ގޮތަށް އަދިވެސް އޮތީ އެވެ. އެއިން މަނާކުރި ކަންކަން މިހާރު ވެސް ރައްޔިތުންނަށް މަނަލެވެ.

އެހެންކަމުން، ސަރުކާރަށް ފާޑުކިޔާ، ސިޔާސީ ވާދަވެރިން މިހާރު ބުނަނީ، ރައީސް މުއިއްޒު ކުރިން ދެއްކެވި ވާހަކަތައް ދެއްކެވީ، އެގޮތަށް އަމަލު ކުރުމުގެ އަޒުމެއްގައި ނޫން ކަމަށެވެ. އެ ވާހަކަތައް ވާދަވެރިން ސިފަ ކުރަނީ، ވޯޓު ހޯއްދަވަން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްގެ ގޮތުގަ އެވެ.

"ވާން އުޅޭ ގޮތާއި ވިސްނައިދިން ގޮތް ވަރަށް ތަފާތު"

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ސަރުކާރުން ބުނަމުންދިޔައީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ވަރަށް ބޮޑަށް، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ވާހަކަތައް ހުރި ގޮތުން ހީވެފައި އޮތީ އިންޑިއާއިން ރާއްޖެ ގެނެސްގެން އުޅޭ ދެ ހެލިކޮޕްޓަަރާއި ޑޯނިއާ ދުއްވާނީ ދިވެހިން ކަމަށެވެ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާގެ ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން ބައިތިއްބާނެ ވާހަކައެއް ގައިމު ވެސް ކުރިން ރައީސް މުއިއްޒު ވެސް އަދި ސިޔާސީ ލީޑަރަކު ވެސް ނުދައްކަ އެވެ. ނަމަވެސް ޖެނުއަރީ 14، ގައި ރައީސް އޮފީހުން ބުނީ، އިންޑިއާއާއެކު މަޝްވަރާ ކުރަނީ، ސިފައިންގެ ބަދަލުގައި މަދަނީން ގެންނަން ކަމަށެވެ.

"ދެން ޑޯނިއާ އޮޕަރޭޓު ކުރުމާއި މިފަދަ ކަންކަމުގައި ވެސް މިލިޓަރީ ބޭފުޅުން ތިއްބެވި ނަމަ މިލިޓަރީ ބޭފުޅުން ހަމަ މި ގައުމު ދޫކޮށް، ދިވެހި ގައުމު ދޫކޮށް ދާން ޖެހޭނެ ކަމާއި އެކަން ކުރުމުގައި ސިވިލް ބޭފުޅުން ތިއްބެވުން އެންމެ ރަނގަޅު ކަމަށް އެގޮތަށް މަޝްވަރާތައް ކުރިއަށް އެދަނީ. ދެން ނިމިގެން ދާނެ ގޮތެއް ދަންނަވަން މާ އަވަސް ކަން ނޭނގެ،" ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ނާޒިމް އެކަން އިއުލާނު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ އެ ނިންމުން ރަސްމީކޮށްލައިފަ އެވެ. އިންޑިއާ ސަރުކާރާއެކު ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި، އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ތިބުން މައްސަލައެއް ނެތް ކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

އެ ނިންމުމަށްފަހު، ރައީސް މުއިއްޒާއެކު އިންޑިއާ އައުޓް ގޮވަން ތިބި ބައެއް މީހުންގެ ނުރުހުން ވެސް ސަރުކާރަށް އަމާޒުވި އެވެ. އެއީ އިންޑިއާ އައުޓް ވިސްނުމާ އެއްކޮޅު މީހުންނަށް ބަލައިގަނެވޭނެ ނިންމުމަކަށް ނުވި އެވެ. ސިފައިން ބަދަލުގައި މަދަނީން ފޮނުވުމަކީ ބޭނުންވާ ނަތީޖާ ހާސިލުވާނެ ކަމެއްގެ ގޮތުގައި ފާޑުވެރިންނަކަށް ނުވިސްނުނެވެ.

"އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ރާއްޖޭގައި އެއްވެސް ގޮތަކަށް އޮޕަރޭޓް ކުރެވިގެން ނުވާނެ. ސިވިލިއަންސްއޭ ކިޔާފަ އެމީހުން [އިންޑިއާއިން] ފޮނުވާނީ ޔުނީފޯމް ނާޅައި ތިބި ސިފައިން،" އިންޑިއާ އައުޓް ކެމްޕެއިނުގައި ކުރިން އިސްކޮށް އުޅުނު، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާ އަހުމަދު އަޒާން ޓުވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައި އޮތެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން މިހާރު ބުނަނީ ސަރުކާރުން ވިސްނައިދޭން އުޅުނު ކަންތަކާއި ވާން އުޅޭ ގޮތް ހާސްބައި ތަފާތު ކަމަށެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި އޮތްއިރު ރައްޔިތުންނަށް ސިފަކޮށްދިނީ ގޯސް މަންޒަރެއް ކަމަށް ސިޔާސީ ވާދަވެރިން ބުނެ އެވެ.

"މީގައި ވިސްނައިދޭން އުޅުނީ އެހެން ކަމެއް. ވާން މި އުޅެނީ އެހެން ކަމެއް. ސިފައިންނަކީ ހަތިޔާރާ ބޫޓާއެކު ތިބޭ މީހުން. ޑޮކްޓަރުންނާއި އެހެނިހެން ބޭނުމެއް އައިސް ތިބޭ މީހުންނަކީ އަދި ސިފައިންގެ ގޮތުގައި ނުބެލެވޭނެ. ޓްރޫޕްސްގެ ވާހަކަ މި ދައްކަނީ. އޮމާނުގައި، ޑުބާއީގައި ގަތަރުގައި އެބަ ތިބި އެމެރިކާ ސިފައިން. ބޭސް އަޅައިގެން ހަތިޔާރާއެކު،" ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ސިފައިންގެ ވަޒީފާގައި ވެސް 20 އަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރެއްވި ޣަފޫރު ފާހަގަ ކުރެއްވި އަނެއް ނުކުތާއަކީ، އިސްތިއުމާރީ ލަޝްކަރެއްގެ ގޮތުގައި އިންޑިއާ ސިފައިން ސިފަ ކުރިއިރު، އެއީ ދައުލަތުން ދައުވަތު ދީގެން އައިސް ތިބި ސިފައިން ކަމެވެ.

"ރައީސް ނަޝީދު ވެރިކަމުގައި ފުރަތަމަ ހެލިކޮޕްޓަރު ގެނައީ. ދެ ވަނަ ހެލިކޮޕްޓަރު އައީ ޔާމީނުގެ ވެރިކަމުގަ. ޑޯނިއާގެ ލިޔެކިޔުމުގައި ވެސް ސޮއި ކުރީ ޔާމީންގެ ވެރިކަމުގައި. އެއިރުގައި ވެރިކަން ކުރި އެންމެންގެ ވެސް ރުހުމާއެކު އެކަންކަން ހިނގާފައި އެ ހުރީ. މި އުޅެނީކީ މިތަނުގައި ހިނގި ކާރިސާއަކާ ގުޅިގެން އައި ބަޔަކު ނުފައިބައިގެނެއް ނޫން. މިތަނުގެ ވެރިން ހަމަ ހޭވެރިވެ ތިބި ހެދި އެގްރިމެންޓުތަކެއްގެ ދަށުން އައިސްގެން އުޅޭ ބައެއް. ދެން ކޮބާ އެމީހުންގެ ގޯހަކީ،" އޭނާ ވިދާޅުވި އެވެ.

"ބޭގަރާރު" އަދިވެސް ހަމަ އެގޮތުގައި

އިންޑިއާ އައުޓްގެ ހަރަކާތްތައް އެންމެ ބާރަށް ކުރިއަށް ގެންދަނިކޮށް، އެކަން ހުއްޓުވަން ކުރީގެ ރައީސް ސޯލިހު ނެރުއްވި ގަރާރާމެދު ހިތްހަމަނުޖެހުނު މީހުން ގިނަ އެވެ. އެ ހަރަކާތާ އެއްބަސް ނުވި ނަމަވެސް، ސޯލިހުގެ އެ ގަރާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރި ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ.

"އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި ނެރުނު އެ ގަރާރުގައި ބުނެފައި އޮތީ އިންޑިއާ އައުޓް ހަރާކަތަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

"އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފަ[އިވޭ]،" އޭޕްރީލް، 2022، ގައި ނެރުނު އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރު ނެރުމާއެކު އެއިރުގެ އިދިކޮޅުން ބުނީ އެއީ ގާނޫނުއަސާސީއާ ހިލާފަށް ސޯލިހު ނެރުއްވި ގަރާރެއް ކަމަށެވެ. އެ ގަރާރު ބާތިލް ކުރަން ގާނޫނީ ގޮތުން ވެސް މަސައްކަތް ކުރި އެވެ. އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ އެވެ.

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަބްދުއްރަހީމް އެއިރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް ނެރުނު ކަމަށް ބުނާ އެ ގަރާރު މި ސަރުކާރުން މި އޮތީ ދަމަހައްޓައިފަ އެވެ. އެ ގަރާރުގެ ދަށުން، އިންޑިއާއާ ދެކޮޅު ހަރަކާތްތައް ހިންގުމަކީ އަދިވެސް ޖިނާއީ ކުށެކެވެ. އެ ގަރާރު ނެރުނީ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެގެން ކަމަށް އެއިރު ވިދާޅުވި ބޭފުޅުން މިހާރު ބުނަނީ، ގަރާރު ބާތިލް ކުރަން "ދިރާސާ ކުރަމުންދާ" ކަމަށެވެ.

"ކީއްވެގެންތޯ މި ސަރުކާރަށް ޖަސްޓް ސްޓްރޯކް އޮފް ޕެން [އެންމެ ސޮޔަކުން] އެ ގަރާރު ބާތިލުކޮށް ނުލެވިގެން މި އުޅެނީ. ބާތިލު ކުރީމަ ދެއްތޯ މާދަމާ ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓްގެ ބެނާ ވެސް ހުންނާނީ. އަދި އިންޑިއާ އައުޓް މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ. އެކަމު އަދިވެސް އެ ގަރާރު ބާތިލެއް ނުކުރޭ," ސަރުކާރުން އެ ގަރާރު ދަމަހައްޓާތީ އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ފާޑުކިޔާ މީހުން ބުނަނީ ސަރުކާރު ހިނގަނީ އޮއިކާށީގެ އުސޫލުން ކަމަށް

މި ހަފުތާގެ ތެރޭގައި ރައީސް މުއިއްޒު ތ. އަތޮޅަށް ވަޑައިގެން ދެއްކެވި ވާހަކައެއްގެ ތެރެއިން ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިނުގައި ދެއްކެވި އެއްވެސް ވާހަކައަކާ ހިލާފަށް، ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު އަމަލު ނުކުރައްވާ ކަމަށެވެ.

"ދުވަހަކު ވެސް އަޅުގަނޑު މިއަދާ ހަމައަށް އައިރުގައި، ކެމްޕެއިން ތެރެެއިން ފެށިގެން، ކެމްޕެއިން ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި އެންމެ މައުލޫއެއްގައި ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކައިފިންތޯ. ނޯންނާނެ ދައްކާފައެއް," ވޭމަންޑޫގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ރައީސްގެ އެ ވާހަކައަކާ ސިޔާސީ ވާދަވެރިން އެއްބަހެއް ނޫނެވެ. ރައީސް ޔާމީންއާއެކު ސަރުކާރުން ހިންގާ ޕާޓީއާ ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަތައް ހަމަ އެއްކޮށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ އިދިކޮޅުގައި ތިއްބަވައިގެން ވަރަށް ކޮންފިޑެންސާއެކީ ދެއްކި ވާހަކަތައް ވެރިކަމަށް ވަޑައިގަތީމަ، އެ ވާހަކަތައް 360 ޑިގުރީ ތަފާތުކޮށް މި ދައްކަނީ. ބަހާއި އަމަލެއް ދިމައެއް ނުވޭ،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަލީހު ވިދާޅުވި އެވެ. "އަދި ވެރިކަމަށް ވަޑައިގަނެފައި ދެއްކެވި ބައެއް ވާހަކަތައް ވެސް ދެކޮޅު ނުޖެހޭ މަންޒަރު މި ފެންނަނީ."

ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ އެއް މިސާލެއްގެ ގޮތުގައި މަލީހު ވެސް ދެއްކެވީ އިންޑިއާ އައުޓް ގަރާރު ރައީސް މުއިއްޒު ބާތިލް ނުކުރުމެވެ.

"ދިވެހި ރައްޔިތުން ގަބޫލުކޮށްގެން ތިބީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް ކޮޓަރިކޮޅަށް ވަޑައިގެން ގަލަން ނެންގެވުމަށްފަހު ރައީސް ސޯލިހު ނެރުއްވި ގަރާރު، ނުވަތަ އެބޭފުޅުންގެ ބަހުން ނަމަ ބޭގަރާރު، ބާތިލް ކުރުން. އެކަން ކުރާކަށް އެއްވެސް މީހެއްގެ ލަފައެއް، ހިޔާލެއް ބޭނުމެއް ނުވޭ. ހަމައެކަނި ސޮއި އަޅާލަން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ރާއްޖެ ގެންނަން ސަރުކާރުން އެއްބަސްވުމަކީ، ވާހަކަތައް ދެކޮޅު ނުޖެހުމުގެ އަނެއް މިސާލު ކަމަށް މަލީހު ވިދާޅުވި އެވެ.

"މަދަނީ މީހުން އައިސްގެން ވެސް ރައީސް މުއިއްޒު ވިދާޅުވި މަގުސަދެއް ހާސިލެއް ނުވާނެ. އެންމެން ވެސް ހީކޮށްގެން ތިބީ އިންޑިއާ މީހުންގެ ބަދަލުގައި ދިވެހިން ކަމަށް އެ އުޅަނދުތައް އޮޕަރޭޓު ކުރާނީ،" އޭނާގެ ހިޔާލު ހިއްސާ ކުރަމުން މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވާހަކަ ދައްކަނީ އެ ވަގުތެއްގެ ބޭނުމަށް، އެއްވެސް ވަރަކަށް ކުރިއަށް ވިސްނުމެއް ނެތި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ އާއި ވައްޓަފާޅި އަދި ދާހިލީ ސިޔާސަތާއި ހާރިޖީ ސިޔާސަތުގައި ވެސް އެއްގޮތެއްގައި ނުހިފެހެއްޓުން، ސްޓޭންޑެއް ނެތުން. ހަގީގަތުގައި ދައުލަތް މިހާރު މި ހިނގަނީ ހަމަ އޮއި ކާއްޓެއްގެ އުސޫލުން،" މަލީހު ވިދާޅުވި އެވެ.

ގެންގުޅުނު އުސޫލުން އިންޑިއާއާ މައްސަލަޖެހުން ނޫން ކަމެއް ނުވި

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒުގެ ފަރާތުން ފެނުނީ އިންޑިއާއަށް ރައްދުކޮށް ވަރަށް ހަރުކަށި ބަސްތަކުން މުއާމަލާތް ކުރި މަންޒަރެވެ. ޗައިނާއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު، އިންޑިއާގެ ސަފީރު މުނޫ މަހާވަރުގެ ހާޒިރުގައި ރައީސް އިނގިރޭސި ބަހުން ވިދާޅުވީ "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.

އެފަދަ މޭރުމަކުން ރާއްޖޭގެ ވެރިއަކު އަވައްޓެރި އިންޑިއާއާ މީގެ ކުރިން ވާހަކަ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން އެ ވާހަކަތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ފާޑުކިޔާ މީހުން ބުނީ ރައީސް އެ ދުވަހު ވާހަކަ ދެއްކެވީ ޑިޕްލޮމަސީގެ ރީތި އުސޫލު ދޫކޮށްލެއްވުމަށްފަހު ކަމަށެވެ.

"އެވަރުގެ މީހުން ކަންކަން ކުރާ ގޮތެއް ނޫން އެއީ އެއްވެސް ގައުމެއްގައި، ނުރުހުނަސް. ލައިން އޮފް ކޮމިއުނިކޭޝަން އެއްވެސް ވަރަކަށް ކަނޑާލެވިގެން ނުވާނެ. އެމެރިކާ އާއި ރަޝިޔާއާ ވެސް. ގައުމެއްގެ ހައިސިއްޔަތުން ހުންނާނެ ދެއްކޭނެ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ އާއި އޮނާ ކުރަންޖެހޭ ކަންކަން،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ އުސޫލެއްގެ ގޮތުން ގައުމެއް ގާތް ކުރި ނަމަވެސް ދުރުކޮށްލި ނަމަވެސް އެކަން ކުރަންޖެހޭނީ ރީތި އުސޫލުން ކަމަށެވެ.

"ޕޮލިސީ ތަފާތުވިޔަސް ރަނގަޅު ރީތި ގުޅުމެއް އޮންނަންވާނެ. ރައްޔިތުންނާއި ރައްޔިތުން ޖެހޭ ގޮތަށް ކަންތައްކޮށްގެން ނުވާނެ. ޕޮލިސީއާ އެއްގޮތަށް ދުރުކޮށް، ކައިރި ކުރަންވީ. އެކަމަކު، ގޭ ދޮށު މީހުން ޒުވާބު ކުރާ އުސޫލަށް، ފެންވަރަށް ވެއްޓިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޑިޕްލޮމަސީގެ ރީތި އުސޫލުން ކަންތައް ކުރުމުގެ މިސާލެއްގެ ގޮތުން ޣަފޫރު ފާހަގަ ކުރެއްވީ ކުރީގެ ރައީސް ޔާމީން، އިންޑިއާއާމެދު ގެންގުޅުއްވި އުސޫލެވެ.

"ރައީސް ޔާމީން ވެސް ހަމަ އިންޑިއާއާ ވަރަށް ބޮޑަށް ދެކޮޅު. އެކަމަކު ވަރަށް ޑިޕްލޮމެޓިކްކޮށް ކަންކަން ކުރެއްވީ. ސީދާ އިންޑިއާއާ ބެހޭ ގޮތުން ޔާމީން ނެތް ކޮމެންޓެއް ވެސް ދީފައެއް،" ޣަފޫރު ވިދާޅުވި އެވެ.

އެ މައުލޫއަށް ރައީސް ޔާމީން ވެސް މިދިޔަ އަންގާރަ ދުވަހު ވާހަކަ ދެއްކެވި އެވެ. ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ޕޮލިސީއެއް އެމަނިކުފާނު ގެންގުޅުނު ނަމަވެސް ދުވަހަކު ވެސް އެމަނިކުފާނުގެ ސަރުކާރުގައި ޒާތީވެފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އިންޑިއާގެ ހަމަ އެންމެ ބޫޓުކިބައެއް ވެސް ރާއްޖޭގައި ހުންނަންޖެހޭނެ ކަމަކަށް. އެއިރު މި ވާހަކަ ދައްކައިގެން ވެސް، ދައްކަމުން ގޮސް ވެސް އަޅުގަނޑުމެންނާ އިންޑިއާއާ ޒާތީ ގޮތުންޖެހޭނެ އެއްވެސް ކަހަލަ ފުރުސަތެއް ނުލިބޭ. އެކަމަކު މިހާރު މި ވެގެން އުޅެނީ މުޅިން އެހެން ކަމެއް،" ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އޮފީހުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދެއްކި ވާހަކަތައް އެންމެނަށް ވެސް ސާފެވެ. ލަފުޒުން ލަފުޒަށް ވިދާޅުނުވި ނަމަވެސް ވިދާޅުވީ އިންޑިއާއަކީ ދިވެހިންގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށެވެ. ވިދާޅުވީ އިންޑިއާ އައުޓް ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީން ގެނައުމަކީ ކުރިން ވިދާޅުވި މަގުސަދު ހާސިލުވާނެ ކަމެއް ނޫނެވެ. އެއިން ދޭހަވަނީ، އެއްވެސް އިރަކު އިންޑިއާއަކީ ދިވެހިންގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ނޫން ކަމެވެ. އިންޑިއާ އައުޓް ގަރާރު މިއަދާ ހަމައަށް ނެގެހެއްޓުމުގެ މާނައަކީ، އިންޑިއާއާ ދެކޮޅު އެއްވެސް ހަރަކާތެއް ރާއްޖޭގައި ހިންގަން ސަރުކާރުން ބޭނުން ނުވުމެވެ.

އަމަލުން ދައްކަމުންދާ މަންޒަރު ތަފާތުވި ނަމަވެސް ސަރުކާރުގެ ވާހަކަތައް ހުރީ އަދިވެސް ރިޔާސީ ކެމްޕެއިނުގައި ރާގު ބެހެއްޓި ގޮތަށެވެ. އޭގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މި ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެހެންކަމުން މި ލިޔުމަށް ވާހަކަ ދެއްކި މަލީހު ވިދާޅުވި ގޮތަށް، ސަރުކާރު މި ހިނގަނީ އޮއި ކާއްޓެއްގެ އުސޫލުންނޭ ނުބުނެވޭނެ ގޮތެއް ނެތެވެ.