7 ފެބުރުވަރީ 2024 - 15:42 0
ލީވާން އަލީ ނާސިރު
ސައުދީ ރަސްގެފާނު މުހައްމަދު ބިން ސަލްމާން (ވ) އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ؛ އޭޕީ
7 ފެބުރުވަރީ 2024 - 15:42 0
ފަލަސްތީނަށް މިނިވަންކަން ނުލިބި، އިޒްރޭލާއެކު ގާއިމުކުރާނެ ހާރިޖީ ގުޅުމެއް ނޯންނާނެ ކަމަށް ސައުދި އަރަބިއްޔާ އިން ބުނެފި އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީން މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަނެ، ގާޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލަނީސް އިޒްރޭލާއެކު ހާރިޖީ އެއްވެސް ގުޅުމެއް ގާއިމު ނުކުރާނެ ކަމަށެވެ.
ސައުދީން މިހެން ބުނީ، ސައުދީ އާއި އިޒްރޭލުން މަޝްވަރާތައް ކުރަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް ނެޝަނަލް ސެކިއުރިޓީގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ސައުދީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރަން ބާރު އެޅުމަކީ އެމެރިކާގެ ގައުމީ ސަލާމަތީ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމަށް މީގެ ކުރިން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެފައިވެ އެވެ.
މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުދީ އާއި އިޒްރޭލުން ގުޅުން ގާއިމުކުރަން އެމެރިކާ މެދުވެރިވެ މަޝްވަރާ ކުރި އެވެ. އެ މަޝްވަރާތަކުގައި ވެސް ފަލަސްތީނުގެ މައްސަލައަށް ހައްލު ނުލިބި އިޒްރޭލާއެކު ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް ސައުދީން ބުނި ކަމަށްވެ އެވެ.
މާހިރުން ބުނާ ގޮތުގައި އިޒްރޭލުން ގާޒާއަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން އެ ދެ ގައުމުގެ މެދުގައި ގުޅުން ގާއިމުކުރުމުގެ ފުރުސަތު ހަންޏެވެ. ހަމައެހެންމެ ސައުދީން ޝަރުތުކުރާ ކަންކަން އިޒްރޭލުން ގަބޫލުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
Comment