ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ފަހު، މަދަނީ މީހުންގެ ގޮތުގައި އޮޅުވާލައިގެން އަލުން ގެންނާނެ ކަމަށް ދެކެވޭ ވާހަކައާ ގުޅުވައި ސުވާލުކުރުމުން، އެކަން އެހެން ނުހިނގާނެ ކަމަށް ސީދާ ވިދާޅުވުމުގެ ބަދަލުގައި، "ރާއްޖޭގައި ބޭރު ސިފައިންގެ އެއްވެސް ބަަޔަކު ނުތިބޭ ހިސާބަށް ގެންދެވޭނެ" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ވައިގެ އުޅަނދުތަކުގެ ސިފައިން އަނބުރާ ގެންދިއުމަށް ފަހު އެ އުޅަނދުތަކަށް އަންނާނީ އިންޑިއާގެ މަދަނީ ބަަޔަކު ކަމަށް ދެ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. އެކަމަށް ފާޑުކިޔާ މީހުން ތުހުމަތުކުރާ ގޮތުގައި މަދަނީ މީހުންގެ ނަމުގައި ވެސް އިންޑިއާއިން ފޮނުވާނީ އެގައުމުގެ ސިފައިންނެވެ.
ސޯޝަލްމީޑިއާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ކުރިއަށް ގެންދަވާ ސިލްސިލާގެ ތެރެއިން މިއަދު އާއްމުކުރި ވީޑިއޯގައި ސުވާލުކުރި މީހަކު އެދުނީ އެ ތުހުމަތަށް ޖަވާބެއް ދެއްވުމަށެވެ.
"ދިވެހިން އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ އިންޑިއާ ސިފައިން ޔުނިފޯމް ބާލައިފައި ކުލަ ހެދުމުގައި ރާއްްޖެއަށް އަންނަ ވާހަކަ[އަކާ ގުޅޭ ގޮތުން]، އަސްލު މިކަމުގެ ހަގީގަތް އަޅުގަނޑުމެން ހޯދަން ބޭނުން މިވަނީ އަޅުގަނޑުމެންނާ ދިމާލަށް ސީދާ މިގޮތަށް ބުނާތީ،" ރައީސް އާ ސުވާލުކުރި އަހުމަދު ޝަރީފު ބުންޏެވެ.
އެ ވާހަކައާ އެކު އޭނާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަކީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުމެވެ.

އެއާއެކު އެމަނިކުފާނު ދެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕް މާޗް 10، ގައި ފުރާނެ ކަމަށާއި ދެވަނަ ގްރޫޕް މޭ 10، ގައި ފުރާނެކަމަށް ސަރުކާރުން ބުނަމުން އަންނަ ބުނުން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާ އެކު ސަރުކާރުން ދެން ކުރާ މަސައްކަތަކީ ރާއްޖޭގެ އަމިއްލަ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތެވެ. އޭގެ އެއް ކަމަކީ ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމެވެ. ދެވަނަ ކަމަކީ ރާއްޖޭގެ އިގުތިސާދީ ހާއްސަ އިގުތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމެވެ.
"އެހެންވީމާ ރޭވުންތެރިކަމާ އެކީގައި އަޅުގަނޑުމެން މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން މިކުރާ މަސައްކަތުން ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު ދެނީ މިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނެއް ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓްކުރަނީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެކެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރން ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެ އުޅަނދުތަކަށް ބޭނުންވާ ޕައިލޮޓުން އިންޑިއާއިން ތަމްރީނުކޮށްދޭން ޖެހެ އެވެ. އަދި މީހުން ތަމްރީނުވެ ނިމުމާ އެކު ދިވެހި ސިފައިންނަށް އެ އުޅަނދުތައް ދޫކޮށްލަން ޖެހެ އެވެ.












