Advertisement

ގައްދޫ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ދެ މިނިސްޓަރުން އަމިއްލަ ކެންޑިޑޭޓުގެ ކެމްޕޭނުގައި

9 ފެބުރުވަރީ 2024 - 19:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމްއާއި (ކ) އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ގައްދޫއަށް ވަޑައިގެންނެވިއިރު، އަރިހުގައި މުހައްމަދު އަލީ (ވ)


ގައްދޫ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ދެ މިނިސްޓަރުން އަމިއްލަ ކެންޑިޑޭޓުގެ ކެމްޕޭނުގައި

9 ފެބުރުވަރީ 2024 - 19:37 0

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ގދ. ގައްދޫއަށާއި އެއަތޮޅު ވާދޫއަށް ވަޑައިގެން އުޅުއްވަނީ އެ ދާއިރާގެ ޕްރައިމަރީ ޓިކެޓު ޕީއެންސީ ކެންޑިޑޭޓަކު ކާމިޔާބު ކޮށްފައި އޮއްވައި އެ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތި ލައިގެން އުޅޭ މުހައްމަދު އަލީގެ ކެމްޕޭނަށްކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ގައްދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގުމުގައި ފާއިތުވި ބޮޑު ތިން އިންތިހާބުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި އެ ރަށު އަހުމަދު ރަޝީދު (ހަންވީ) ބުނީ މިނިސްޓަރު ޝަހީމްއާއި މިނިސްޓަރު ޝަފީއު އެރަށަށް ވަޑައިގަތީ މުހައްމަދު އަލީގެ ކެމްޕޭނަށް ކަމަށެވެ.

"މި ދާއިރާގައި ޕްރައިމަރީން ހޮވިފައި ހުރި ކެންޑިޑޭޓަކު ހުއްޓައި މިނިސްޓަރުން އެ އުޅެނީ އަމިއްލައަށް ކުރިމަތިލާފައި ހުރި ކެންޑިޑޭޓެއްގެ ކެމްޕޭނުގައި، މިއީ ކިހާ ދެރަ ކަމެއްތޯ؟ މި ރަށުގެ ރައްޔިތުން ތިބީ ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަ ޖެހިފައެއް ނޫން،" އަހުމަދު ރަޝީދު ބުންޏެވެ.

މިދިޔަ މަހު 27 ގައި އޮތް ޕީއެންސީގެ ޕްރައިމަރީގައި ގައްދޫ ދާއިރާގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރީ މުހައްމަދު ޝަފީގު (މަހާ) އެވެ. ނަމަވެސް އެ ދާއިރާއަށް އެޑިއުކޭޝަން މިނިސްޓަރު، ޝަފީއުއާ އާއިލީ ގޮތުން ގުޅުން އޮންނަ، މުހައްމަދު އަލީ ވަނީ އަމިއްލަ ގޮތުން ކުރިމަތިލައި އޭނާއަކީ ސަރުކާރު އެންޑޯޒް ކުރާ ކެންޑިޑޭޓު ކަމަށް އެ ދާއިރާގެ ރައްޔިތުން ގާތު ބުނެ ކެމްޕޭނު ފަށައިފަ އެވެ.

ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ޝަފީގު (މަހާ)


ދެ މިނިސްޓަރުން މިއަދު ގައްދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީނަށް ހާއްސަކޮށް ބެހެއްޓި "ހުސް ގޮނޑި" ދައްކާލައި ރައީސް ޔާމީނުގެ ހަނދާން އައު ކޮށްދީފަ އެވެ. އެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި ފެތުރިފަ އެވެ. އެ ވީޑިއޯތަކުން ވެސް ޝަހީމްއާއި ޝަފީއުގެ އަރިހުގައި އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަ ކުރާ މުހައްމަދު އަލީ ހުރިތަން ފެނެ އެވެ.

ޑރ. ޝަހީމް އާއި ޝަފީއު ގައްދޫއަށް ފައިބައިވަޑައިގަތުމުން އެރަށުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ވެސް މުހައްމަދު އަލީ އެވެ. އެރަށުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ޝަހީމްއާއި ޝަފީއު ވަނީ މުހައްމަދު އަލީއާ އެކު ބައެއް ގޭގެއަށާއި ކެފޭތަކަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. އެއަށްފަހު މިހާރު އެ އަތޮޅު ވާދޫއަށް އެ ބޭފުޅުން ވަޑައިގެންފައިވާ ކަމަށް ބުނެ އަހުމަދު ރަޝީދު ދެއްކި ވާހަކަ ގައްދޫ، ހުސެއިން ރަޝީދު ވެސް "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

"އަޅުގަނޑުމެންގެ ގާތަށް [ދެ މިނިސްޓަރުންނާ އެކު] އައިސް މުހައްމަދު އަލީ ބުނީ ތިމަންނަ ވާދަ ކުރަނީ ޕާޓީއަކުން ނޫނޭ، އެކަމަކު ސަރުކާރާ އެކު މަސައްކަތް ކުރާށޭ އަޅުގަނޑު މިއަންނަނީ، އެ ހުރިހާ ވާހަކައެއް ދެއްކެވިއިރު ވެސް ކައިރީގައި ޝަހީމުމެން ތިބި، އެއްވެސް އެއްޗެއް ނުބުނޭ،" ހުސެއިން ރަޝީދު ބުންޏެވެ.

ވާދޫއިން އެނބުރި ގައްދޫއަށް ގޮސް އެރަށުގައި މިރޭ ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށް އަހުމަދު ރަޝީދު "އަދަދު" އަށް ބުންޏެވެ.

ތިމަރަފުށީ ދާއިރާގައި ވެސް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ކުރައްވަނީ މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އަންނަ މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އަހުމަދު ރިޔާޒު ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ދީފައިވަނީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓު އިބްރާހިމް ސަނާހު (ސަންޓޯ) އަށެވެ. ސަނާހު އަށް ވަނި ޓިކެޓުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒު އަދި އަބްދުﷲ ނާސިރު ވަނީ ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށާއި ރައީސް މުއިއްޒު ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށް ވިދާޅުވެފަ އެވެ. އެ ދެ މިނިސްޓަރުންނަކީ ސިޓީ ކައުންސިލްގައި ތިއްބެވި އިރުވެސް މުއިއްޒުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ.