Advertisement

ރަސްގެފާނު ޗާލްސް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނީ

6 ފެބުރުވަރީ 2024 - 05:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފެށި އިނގިރޭސި ރަސްގެފާނު ޗާލްސް -- ފޮޓޯ: އީޕީއޭ


ރަސްގެފާނު ޗާލްސް ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނީ

6 ފެބުރުވަރީ 2024 - 05:59 0

އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފަށްޓަވާފައިވާ ކަމަށް ބަކިންހަމް ޕެލެސް އިން އިއުލާންކޮށްފި އެވެ.

ބަކިންހަމް ޕެލެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕްރޮސްޓޭޓް އާލާސްކަންފުޅަށް ޗާލްސް ހޮސްޕިޓަލުގައި ދާދި ފަހުން އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން ކެންސަރަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި ކެންސަރަށް މިހާރު ފަރުވާ ހޯއްދަވަން ފައްޓަވާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާ ޗާލްސް ފަރުވާ ހޯއްދަވަމުންދާ ކެންސަރުގެ ވައްތަރެއް ބަކިންހަމް ޕެލެސް އިން ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާ ޕްރޮސްޓޭޓް ބަލީގެ ކެންސަރު ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗާލްސް އާލާސްކަންފުޅާ އުޅުއްވިޔަސް ރަސްގެފާނުގެ ދައުރު އަދާކުރައްވާނެ ކަމަށާއި، މިގޮތުން ރަސްމީކޮށް ކުރައްވަން ޖެހޭ ބައެއް ކަންކަން ކުރައްވާނެ ކަމަށް ބަކިންހަމް ޕެލެސްއިން ވަނީ ބުނެފަ އެވެ.

"ރަސްގެފާނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުންތައް މި ވަގުތު ނުބޭއްވުމަށް ޗާލްސްއަށް ޑޮކްޓަރުން ވަނީ ލަފާ ދީފައި. ނަމަވެސް ވީހާވެސް އަވަހަށް ރަސްމީ ހުރިހާ ޒިންމާއެއް އަދާކުރެއްވުމަށް ނިކުމެވަޑައިގަންނަން މަސައްކަތް ކުރައްވާނެ ކަމަށް ޗާލްސް ވިދާޅުވި" ބަކިންހަމް ޕެލެސް އިން ބުނެ އެވެ.

ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓްވެވަޑައިގެން ޕްރޮސްޓޭޓް އާލާސްކަންފުޅަށް ތިން ދުވަހު ފަރުވާ ހޯއްދެވުމަށްފަހު ޗާލްސް ހޮސްޕިޓަލުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދޫކޮށްލާފައި ވާއިރު، ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އަނެއްކާވެސް ވަނީ ލަންޑަނަށް ވަޑައިގެންފަ އެވެ.

އުމުރުފުޅުން 75 އަހަރުގެ ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވީ މިދިޔަ އަހަރުގެ މެއި، 6 ވަނަ ދުވަހު އެވެ. އެމަނިކުފާނު ރަސްކަމަށް އިސްކުރެވުނީ މަންމާފުޅު ރާނީ އެލިޒަބަތު ދެވަނަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.