5 ފެބުރުވަރީ 2024 - 18:35 0
މިންހާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް،
5 ފެބުރުވަރީ 2024 - 18:35 0
ކުރިއަށް އޮތް ރޯދަ މަހު ބޭއްވުމަށް ނިންމާފައި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހު ނުބޭއްވުމަށް ޓަކައި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ބަދަލުތައް ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން ފަސް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސް ކުރީ 39 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލު ދިރާސާ ކުރަން ފަސް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވަން ފާސް ކުރުމާ އެކު ކޮމިޓީގައި ހިމަނާނެ މެމްބަރުން ކަނޑައެޅީ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި ގޮތަށެވެ. ނިޔާޒު ހުށަހަޅުއްވައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު ތާއީދުކުރެއްވި މެމްބަރުން ހިމަނައިގެން އެ ކޮމިޓީ އެކުލަވައިލަން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. އެގޮތަށް ކޮމިޓީ އެކުލަވައިލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރެކެވެ.
ކޮމިޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ
މި ކޮމިޓީގައި ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ނުހިމެނެ އެވެ.
މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރި ތާރީހާ ރޯދަ މަހުގެ ދުވަސްތަކާ ދިމާވާތީ އެވެ. އެއީ މާޗް 17، ވަނަ ދުވަހެެވެ.
އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
"މަޖިލީހުގެ އިންތިހާބުގެ ރޯދަ މަހާއި ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމާއި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބުތަކުގައި ބާތިލު ވޯޓު ކަންބޮޑުވާ މިންވަރަށް ގިނަވަތީ އެކަމަށް ހައްލެއް ހޯދުމަސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ." މި ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބިލު ހުށަހެޅުއްވި ޝިފާއު ފާހަގަކުރެއްވި އެވެ.
ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނެސްފިނަމަ އެކަން ކުރުމަށް ތައްޔާރަށް ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިވެ އެވެ. އަދި ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާނަމަ، ވޯޓު ލާން ނުކުންނަ މީހުންގެ އަދަދުވެސް ގިނަ ވާނެ ކަމަށް އެ ކޮމިޝަނުން ލަފާ ކުރެ އެވެ.
Comment