Advertisement

ރިޔާސީ ބަޔާނުން ނީވުނު މުހިންމު ގައުމީ މައްސަލަތައް

5 ފެބުރުވަރީ 2024 - 13:20 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލިސް ޗެމްބަރުގައި މިއަދު ރައީސް ރިޔާސީ ބަޔާން އިއްވަވަނީ. މިއީ ފަހުގެ ތާރީހެއްގައި ރައީސަކު ދެއްވި އެންމެ ދިގު ރިޔާސީ ބަޔާން --- ފޮޓޯ: ރައީސް އޮފީސް


ރިޔާސީ ބަޔާނުން ނީވުނު މުހިންމު ގައުމީ މައްސަލަތައް

5 ފެބުރުވަރީ 2024 - 13:20 0

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވަވާފަ އެވެ.

ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖެހިއިރު އޮތް އެ ޖަލްސާގައި ރައީސް ވަނީ ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނެޓާއި 27 ސިކުންތު ތެރޭ 6,945 ލަފްޒުގެ ރިޔާސީ ބަޔާނެއް އިއްވަވާފަ އެވެ.

އެ ބަޔާނުގައި ރައީސް ވަނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާން ޖެހޭ ކަމަށް އެމަނިކުފާނު ކުރައްވާނެ ކަންތައްތައް ހާމަކުރައްވާފަ އެވެ. ރައީސް ހާމަކުރެއްވި ކަންކަމަކީ ގައުމު މިއަދު އޮތް ހާލަތުން އުފުލައިދިނުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ މުހިންމު ކަންކަމެވެ.

އެހެން ނަމަވެސް އެ ބަޔާނުގައި ގައުމަށް ދިމާވެފައިވާ ބޮޑެތި ބައެއް މައްސަލަތަކާ ގުޅޭ އެއްވެސް ވާހަކައެއް, މައުލޫމާތެއް ހިމަނާފައި ނުވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން މި ލިޔުމުގައި ހިމަނާނަމެވެ.

މަސްތުވާތަކެތީގެ މައްސަލަ

މި ރާއްޖެއަށް ގައުމެއްގެ ގޮތުގައި މިވަގުތު ދިމާވެފައިވާ އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން އެކަން އެ އޮތީ ހާމައަށް ފެންނާށެވެ. ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި އޮތީ މަސްތުވާތަކެއްޗެވެ.

  • 2019 - މަސްތުވާތަކެތީގެ 2,187 މައްސަލަ ރިޕޯޓުކުރި
  • 2020 - މަސްތުވާތަކެތީގެ 1,420 މައްސަލަ ރިޕޯޓުކުރި
  • 2021 - މަސްތުވާތަކެތީގެ 1,447 މައްސަލަ ރިޕޯޓުކުރި
  • 2022 - މަސްތުވާތަކެތީގެ 1,421 މައްސަލަ ރިޕޯޓުކުރި
  • 2023 - މަސްތުވާތަކެތީގެ 1,750 މައްސަލަ ރިޕޯޓުކުރި

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ޖަލުގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނެވެ. އެގޮތުން ޖަލުގެ އާބާދީގެ 80 ޕަސެންޓަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ.

ތަފާސްހިސާބުން މިހާ ސާފުކޮށް ފެންނާން އޮތް މި މައްސަލައާ ގުޅޭގޮތުން ރައީސްގެ ރިޔާސީ ބަޔާނުގައި ވާހަކައެއް ނުދައްކަވަ އެވެ. މިއަދު މަސްތުވާތަކެތީގެ މައްސަލަ އޮތް ހާލަތާއި އެކަން ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ވާހަކައެއް ނެެތެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ ދިޔުން މި ސަރުކާރު އައިސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން, ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށުން ނަގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބަލަހައްޓާ ގޮތަށް ވަނީ ހަމަޖަައްސާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ބަލަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގަ އެވެ. މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހާއްސަ ޖޮއިންޓް ޓާސްކްފޯހެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

ހަރުކަށި ފިކުރުގެ މައްސަލަ

ދީނުގެ ނަމުގައި އުފެދިފައިވާ ހަރުކަށި، ނިރުބަވެރި އަދި ހަނގުރާމަވެރި ފިކުރެއްގައި ދިވެހިންގެ ބަޔަކު ޖެހިފައިވާކަން އެއީ މުޅި ގައުމު ދަންނަ ހަގީގަތެކެވެ. ޓެރަރިސްޓު ގްރޫޕްތަކަށް ތާއިދުކޮށް، ފައިނޭންސް ކުރާކަމުގެ ތުހުމަތުގައި 20 ދިވެއްސަކާއި 29 ދިވެހި ވިޔަފާރިއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ސަރުކާރުން ވެސް ވަނީ ނިންމާފަ އެވެ.

ސީރިއާ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ރައީސްގެ ބަޔާނުގައި މިކަންކަމާ ގުޅޭ ވާހަކަތައް ނެތް ނަމަވެސް ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހި އާއިލާތަކުގެ ތެރެއިން 21 މީހަކު ޖެނުއަރީ 16, ގެ ހެނދުނު ދައުލަތުގެ ހަރަދުގައި ޗާޓަރު ފްލައިޓެއްގައި ގެނެސްފައިވަނިކޮށެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ރާއްޖޭގައި ސީރިއާއަށް ދާން ބޭނުންވާ ދިވެހިން ތިބި ކަމަށް ފާހަގަވާ ކަމަށް ރައީސް މުއިއްޒުގެ ކެބިނެޓުގައި އިންނަވާ ހޯމް މިނިސްޓަރު ވެސް ވިދާޅުވެފައިވެ އެވެ. ހަރުކަށި ފިކުރާއި ދީނަށް ފުރައްސާކުރުން ފަދަ ކަންތައްތަކަކީ ފިކުރީ މައްސަަލަތައް ކަމަށް ވާތީ އެކަންތައްތައް ހުއްޓުވަން، މި ސަރުކާރުގެ މައި ސިޔާސަތަކީ އިލްމު ފެތުރުމެވެ.

ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ އިސްލާމީ ބައެއް ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ގޮސް އެކަމުގައި ބައިވެރިވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ކަނޑައަޅާފަ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ވެސް ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމާއި އޭގައި ބައިވެރިވުމަކީ ގާނޫނީ އަދި ޖިނާއީ ކުށެކެވެ.

ގާނޫނުގައި ރިޔާސީ ބަޔާން

މިއީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހޭ ބަޔާނެކެވެ.

"ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާން ވާނެ," ރިޔާސީ ބަޔާނުގައި ހިމަނަންޖެހޭ ކަންކަން ގާނޫނޫއަސާސީގެ 84 ވަނަ މާއްދާގައި ލިޔެވިފައި ވަނީ މިހެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހޭ ގޮތް ތަފްސީލު ކޮށްދީފަ އެވެ.

"ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު، ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެގޮތުގައި އިއްވަންވާނެއެވެ." އެ މާއްދާގެ ށ. ގައި ލިޔެފައިވެ އެވެ.

އެހެންކަމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އަދި, ޖަވާބު ތައްޔާރުކުރަން ޖެހޭނީ މަޖިލީހުގައި ތިއްބާ އިދިކޮޅު އެހެން ޕާޓިތަކުގެ މެމްބަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަސް ވުމުގެ ކުރިން ޖަވާބު ދޭން ޖެހޭނެ އެވެ.