Advertisement

ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގަދައެޅުމުގައި ރާއްޖެ ދެމި އޮންނާނެ: ރައީސް

5 ފެބުރުވަރީ 2024 - 12:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި ގަނާ ކުރުމުގެ ވާހަކަ ރައީސް ދައްކަވާފައި މިވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގަދައެޅުމުގައި ރާއްޖެ ދެމި އޮންނާނެ: ރައީސް

5 ފެބުރުވަރީ 2024 - 12:21 0

އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި ގަނާ ކުރުމާ އަބަދުވެސް އިދިކޮޅު ކަމަށާއި ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ބަސް ބުނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވި ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ގަނާ ކުރުމާއި ބައިނަލްއަގުވާމީ އާންމު މަސްލަހަތު ނަގައިލުމާ މި ސަރުކާރުން އަބަދުވެސް ދެކޮޅު ކަމަށެވެ.

"ވަކީން ހާއްސަކޮށް އަޅުގަނޑުމެންގެ އުހުއްވަތްތެރި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުމަށް ގަދައެޅުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިހުތިރާމު ކުރާ، ދިވެހީންނަށް އެހީތެރިކަމާއި އެއްބާރުލުންދޭ ކޮންމެ ގައުމަކާއެކު ވެސް ގުޅުން ބަދަހިކޮށް އެއްބައިވަންތަކޮށް ކުރިއަށް ދިޔުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިގޮތުގެ މަތިން އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާއި އަދި ރާއްޖޭގެ ވިޔަފާރިއާއި ތަރައްގީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ގައުމުތަކާއި، ވަކީން ހާއްސަކޮށް އިސްލާމީ ގައުމުތަކާއެކު އިރާދަކުރެއްވިއްޔާ މި ދައުރުގައި އަޅުގަނޑުމެން ގުޅުން އިތުރަށް ބަދަހި ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނު ވަނީ ޗައިނާއާއި ތުރުކީވިލާތަށް ކުރެއްވި ދަތުރުތަކުގައި ބޮޑެތި އިންވެސްޓުމަންޓުތަކާއި ކުރިއަށް ދިޔުމުގެ ފުރުސަތުތަކެއް ފަހުވެގެން ދިޔަކަން ފާހަގަ ކުރައްވައި، އެ ދެ ގައުމުގެ ވެރިންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި ގަނާ ކުރުމުގެ ވާހަކަ ރައީސް ދައްކަވާފައި މިވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައި ވަނިކޮށެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ފާއިތުވި ހަފުތާގައި އިންޑިއާ ކަނޑުގެ ސިފައިން ވަނީ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަކަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ލިޔުމުން ޖަވާބު ދިނުމަށް ރާއްޖެއިން ވަނީ އިންޑިއާ ސަރުކާރަށް ރަސްމީކޮށް އަންގައިފަ އެވެ. ނަމަވެސް އަދި މިހައިތަނަށް އެކަމާ ގުޅިގެން އިންޑިއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފަލަސްތީނުގެ ވާހަކައަށް ރައީސް އަލި އަޅުއްވައި ވާހަކަދެއްކެވިއިރު، އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ލަފާދީ، ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިދިޔަ އަހަރު ސިޓީއެއް ފޮނުވައިފަ އެވެ.

ރައީސް ވަނީ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހައިތަނަށް އެކަމާ ގުޅޭގޮތުން ސަރުކާރުން ވަކި ގޮތެއް ނިންމަވައިފައެއް ނުވެ އެވެ.

މިއަދުގެ ރިޔާސީ ބަޔާން ރައީސް މުއިއްޒު އިއްވެވީ އެންމެ ބޮދީ އިދިކޮޅު ދެ ޕާޓީގެ ގައިރު ހާޒިރުގަ އެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓު ކޮށްފަ އެވެ.