Advertisement

ޖުޑީޝަރީއަށް ސަރުކާރު މީހަކު ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅާނަން: ރައީސް

5 ފެބުރުވަރީ 2024 - 10:03 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއާއެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ޝަރުއީ ދާއިރާއަށް މީހަކު ނުފޫޒުފޯރުވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް


ޖުޑީޝަރީއަށް ސަރުކާރު މީހަކު ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅާނަން: ރައީސް

5 ފެބުރުވަރީ 2024 - 10:03 0

ޖުޑިޝަރީ އަށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު ވެސް އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ބަދަލު ހިފުމުގެ ރޫހާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް ދިނުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.

"ގައުމަށް ހަމަޖެހުން އަންނަން ޖެހޭ، އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއް ގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާ ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށާއި އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމު ކުރުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބު އަދާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ރައީސްގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނެނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ނުތިބޭ ގޮތަށް އެކުލެވުން ބަދަލު ކުރުމާއި، ހުކުމެއް ނެތި ޖަލު ބަންދުގައި "ވާނުވާ" ތިބޭ ތިބުން ނިމުމަކަށް ގެނައުމާއި ކަފާލާތުގެ އުސޫލުތައް ގެނައުން ހިމެނެ އެވެ.

އެ ވައުދުތައް ފުއްދުމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަަޅާނެ ކަން މިއަދު ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. ނަމަވެސް ވެރިކަމަށް މިވީހާ ދުވަސްވީއިރު ޔާމީނަށް އިއްވި ހުކުމް ދެމިއޮތް އިރު، ސަރުކާރުން ބުނަނީ އެ ވައުދަކީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ވީ ވައުދެއް ކަމަށާއި އެ ވައުދު މިހާރު ފުއްދިފައިވާ ކަމަށެވެ.