Advertisement

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރު ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 09:40 0

ނިމާ ހަސަން

ނިމާ ހަސަން

ތިނަދޫ ބަނދަރު; މި ދައުރުގައި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރު ނިންމަދޭނެ ކަމަށް ރައީސް ވިދާޅުވީ -- ފޮޓޯ: އަދަދު


ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އަދި ބަނދަރު ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 09:40 0

މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމްކުރެވިފައި ނެތް ހުރިހާ ރަށެއްގައި, އެ ހިދުމަތް ގާއިމުކޮށްދޭނެ ކަމަށާއި, ހުރިހާ ރަށެއްގައި ބަނދަރު ހަދައި ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ރަށްރަށުގައި ފެށުމަށްފަހު މަސައްކަތް ކުރިއަށް ނުގޮސް ގާވެފައި ހުރި ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއުތައް އަލުން ހިންގަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފެނުގެ ހިދުމަތް ރަނގަޅަށް ދެވޭ އޮތީ އެންމެ 66 ރަށް. ނަރުދަމާގެ ހިދުމަތް ރަނގަޅަށް ގާއިމުވެފައި އޮތީ 101 ރަށުގައި. ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ހިދުމަތް މި ދައުރުގައި އިރާދަކުރެއްވިއްޔާ ނިންމައިދޭނަން. އަދި ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ ބަނދަރު ހަދައި ނިންމައިދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ސިޓީތަކުގެ ހުރިހާ މަގެއް އަދި ރަށްރަށުގެ ބޮޑެތި ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑުބައި ޗައިނާގެ ހިލޭ އެހީގެ ދަށުން ހަމަޖެހިގެންދާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ހުރިހާ ރަށެއްގެ ކަރަންޓު ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކޮށްދޭނެ ކަމަށެވެ.

"ގޭބިސީތަކުން ކަރަންޓު ބިލަށްކުރާ ހަރަދު ކުޑަކޮށް، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާއި އަދި އިގްތިސޯދި މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށްގެން "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް ހަފުތާ 14ގެ ތެރޭން ވަނީ ފަށާފައި." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިން ކިލޯވޮޓު އަދި ފަސް ކިލޯވޮޓު ހިމެނޭހެން ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ގަތުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކުރީ ސަރުކާރުން ވަނީ ފެނާއި ނަރުދަމާ ގާއިމުވެފައި ނެތް ހުރިހާ ރަށެއްގައި އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް 2021 ގައި އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް މަޑުޖެހި އަދިވެސް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުނުކުރެވެ އެވެ.